ހިޔާ މަޝްރޫއު

ކުލި ނަގަނީ ގަވާއިދާ ހިލާފަށް: ހިޔާ ޔޫނިއަން

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްތަކުން ކުލި ނަގަން ފަށައިފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް ހިޔާ ޔޫނިއަން އިން ބުނެފި އެވެ.

ހިޔާ ޔޫނިއަން އިން މިއަދު ބުނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހިޔާ ފްލެޓްތަކުން ކުލި ނަގަން ފަށައިފައި ވަނީ ފްލެޓް ވެރިންނާއެކު ހަދާފައިވާ އެއްބަސްވުމާ ހިލާފަށް ކަމަށެވެ.

އެގޮތުން މެއިންޓެނެންސް ފީ ނެގޭނީ އެގްރިމެންޓްގެ 13 ވަނަ މާއްދާގެ (ހ) ގައި ބުނާފަދައިން ކޮންމެ ދެ ޓަވަރެއްގެ މެދުގައި އުފައްދާ ކޯޕަރޭޓިވް ސޮސައިޓީގެ ބޯޑު މެދުވެރިކޮށް ކަމަށް އެ ޔޫނިއަން އިން ބުންޏެވެ. އެ އެއްބަސްވުމުގައި، އެކަން ހަ މަސް ދުވަހުގެ ތެރޭގައި އެޗްޑީސީ އިން ނިންމަން ޖެހޭނެ ކަމަށް އެއްބަސްވުމުގައިވާ ކަމަށް ވެސް ޔޫނިއަން އިން ބުނެ އެވެ.

ހިޔާ ޔޫނިއަން އިން ބުނީ މި ސަބަބުގެ އިތުރުން ހިޔާ ފްލެޓްތައް ހުރި ސަރަހައްދުގައި ހުރި ގިނަ މައްސަލަތަކާއި، ވަކިވަކި ފަރާތްތަކުގެ ހާލަތާއި އަދި ރޯދަމަސް ކުރިމަތިވި މި ދަނޑިވަޅަށް ރިއާޔަތްކޮށް ފްލެޓްތަކުން ކުލި ނެގުން އަދި ވެސް އަވަސް ކަމަށް ގަބޫލުކުރާ ކަމަށެވެ.

މީގެ އިތުރުން ފެލްޓްތަލުގެ ކުލި ނުދައްކާ މަޑު ޖައްސައިލުމަށް ޔޫނިއަން އިން ވަނީ ފްލެޓް ވެރިންނަށް ވެސް އަންގައިފަ އެވެ.

އެ ޔޫނިއަން އިން ބުނީ ފްލެޓްތަކުގެ އަގު ކުޑަކުރުމަށް އަދިވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ. ހިޔާ ޔޫނިއަން އިން ވަނީ މިހާރު ނަގަމުން އަންނަ ކުލި 5600 ރުފިޔާއަށް ކުޑަކޮށްދިނުމަށް ސަރުކާރުގައި އެދިފަ އެވެ. އެގޮތުން ފްލެޓް ލިބުނު 2177 މީހުންގެ ސޮޔާއެކީ ސަރުކާރަށް ޕެޓިޝަނެއް ހުށަހެޅި އެވެ. އެކަމަކު ސަރުކާރުން ބުނެފައި ވަނީ ކުލި ކުޑަނުކޮށްދެވެން ކަމަށެވެ.

މީގެ އިތުރުން ކުލި ކުޑަކޮށްދިނުމަށް އެދި 1900 މީހުންގެ ވަކިވަކި ސިޓީތަކެއް އެޗްޑީސީއަށް ހުށަހެޅި އެވެ. އެކަމަކު އެ ސިޓީތަކަށް އެޗްޑީސީ އިން ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ޖަވާބު ދެމުން އަންނަ ކަމަށް ހިޔާ ޔޫނިއަން އިން ބުނެ އެވެ.

ހިޔާ ފްލެޓްތަކަށް މިމަހުން ފެށިގެން ކުލީގެ ގޮތުގައި ނަގާނީ މެއިންޓެނެންސް ފީ އާއި އެކު 8500 ރުފިޔާ އެވެ.