ހުޅުމާލެ

ހުޅުމާލޭގެ އެންމެ ރީތި އެއް މަންޒަރު ޖެނުއަރީގައި!

  • ޕާކްގެ ފުރަތަމަ ބައި ޖެނުއަރީގައި ނިމެނޭ
  • ޕާކުގައި ފެންގަނޑާއި ފައްވާރުތައް ހިމެނޭ
  • ޕާކްގެ ޒީނަތަށް 15 މިލިޔަން ހޭދަ ކުރޭ

ފައްވާރުތަކާއި ހިތްގައިމު ބޮޑު ފެންގަނޑެއް ހިމަނައިގެން ހުޅުމާލޭގައި ހަދާ ސެންޓްރަލް ޕާކުގެ ހަތަރު ބައިގެ ތެރެއިން އެއްބައި އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް އެއްކޮށް ނިންމާނެ ކަމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފި އެވެ.

ސެންޓްރަލް ޕާކް ތަރައްގީ ކުރަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބިމުން މައިމަގަށްވާ ގޮތަށް ގާތްގަނޑަކަށް އަށް ހެކްޓަރުގެ ބިމެއްގަ އެވެ. ސެންޓްރަލް ޕާކްގެ ނަމުގައި ބޮޑު ޕާކެއް ހަދަން ނިންމައި އެ މަސައްކަތް އެޗްޑީސީގެ އެތެރޭގެ މަސައްކަތެއްގެ ގޮތުގައި ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ހަތަރު ސެގްމެންޓަކަށް ޑިޒައިންކޮށްފައިވާ އެ ޕާކުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް މިއަހަރުގެ މެދަކާ ހަމަޔަށް އައިއިރު ވެސް އޮތީ ނިމިފަ އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައިމަން ވިދާޅުވީ، ހުޅުމާލޭގެ ސެންޓްރަލް ޕާކަކީ "އެ ރަށަށް އަރާ މީހުންނަށް ފެންނާނެ އެންމެ ހިތްގައިމު މަންޒަރަށް ހެދުމަކީ އެޗްޑީސީގެ ވަރަށް ބޮޑު އުންމީދެއް" ކަމަށެވެ.

އޭނާ ވިދާޅުވީ ބޮޑު އެ ޕާކު ތަރައްގީ ކުރަމުން އަންނަނީ ގިނަ ގޮންޖެހުންތަކާއެކު ކަމަށާއި ޕާކްގެ ތަންތަން ބިނާ ކުރަމުން ދިޔައިރު އެތަންތަން ފަނާ ކުރަމުންވެސް ދިޔަ ކަމަށެވެ. އެގޮތުން ޕާކާއި އެތަން ހިމެނޭ ސަރަހައްދު އަލިކޮށް ޒީނަތްތެރިކުރަން ހަރުކުރި ބޮކިތައްވެސް ހަރުކުރިތާ ހަފުތާއެއްވީ އިރު ތަޅާލާފައިވާ ކަމަށް ސައިމަން ވިދާޅުވި އެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ، އެތަން ޒީނަތްތެރިކުރަން އެންމެ ފަހުން ހަރުކުރި ހުރިހާ ބޮތްކެއް ދެ ހަފުތާގެ ތެރޭގައި އެއްކޮށް އެވަނީ ތަޅާލާފަ. މިހާރު އަނެއްކާވެސް މިޖެހެނީ އެމަސައްކަތް އަލުން ކުރަން،" ސައިމަން ވިދާޅުވި އެވެ. "އަޅުގަނޑުމެން މިހާރު މި މަސައްކަތްކުރަނީ ކޮންކްރީޓް ބޭނުން ކޮށްގެން ތަޅައިނުލެވޭނެ ކަހަލަ ގޮތަކަށް ބޮކިތަކާ ބެންޗްތައް ވެސް ހަދާނެ ގޮތްތަކެއް ހޯދަމުން، މިފަދަ މައްސަލަ ދިމާވުމަކީ މަސައްކަތްތައް ދާންޖެހޭ ސްޕީޑުގައި ކުރިއަށް ދާން އެޅޭ ވަރަށްބޮޑު ހުރަހެއް،"

ސެންޓްރަލް ޕާކް ޑިޒައިންކޮށްފައިވަނީ ހަތަރު ސެގްމެންޓްގެ ތެރެއިން އެއް ސެގްމެންޓްގައި ގުދުރަތީ ފެހިކަން ފެންނަން ގޮތަށް ބޮޑު ފެންގަނޑެއް ހިމަނައިގެނެވެ. އަދި އެހެން ސެގްމެންޓްތަކުގައި ގިނަ އަދަދެއްގެ ގޮނޑިތައް ބަހައްޓާއިރު ތަފާތު ޑިޒައިންތަކުގެ ފައްވާރާއި ކުދި ބްރިޖްތައް ވެސް ހިމަނާފައިވެ އެވެ. އެޗްޑީސީގެ ބައެއް އިދާރީ އިމާރާތްތަކާއި އިސްލާމިކް ސެންޓަރެއް ވެސް ސެންޓްރަލް ޕާކުގެ ތެރެއަށް ވަދެގެން ދާނެ އެވެ.

ޕާކްގައި އަޅާ އިމާރާތްތަކަށް ހޭދަވާ ހަރަދު ނުލައި ޕާކް ޒީނަތްތެރިކުރަން އެކަނި ވެސް 15 މިލިއަން ރުފިޔާ ސަރުކާރުން ހަރަދު ކުރެ އެވެ.