ލައިފްސްޓައިލް

ކުއްތާ ޓްރެފިކް ގަވާއިދާހިލާފުވުމުން ވެރިމީހާ ޖޫރިމަނާ ކޮށްފި

ވެހިކަލް ދުއްވާ މީހުންނަށް އޮންނަ އެންމެ ބޮޑު ބިރަކީ ޓްރެފިކް ގަވާއިދާ ޚިލާފުވެވި ބޮޑު ޖޫރިމަނާއެއް ބޮލުގައި އަޅަން ޖެހުމެވެ. ޚާއްސަކޮށް އެމީހާ ގަސްތުގައި ކުރި ކަމަކާ ނުލައި ޖޫރިމަނާއެއް ކުރުން އެއީ ކޮންމެ މީހަކުވެސް ވަރަށް ރުޅި އަންނާނެ ކަމެކެވެ.

ޖަރުމަނުގެ އާއިލާއަކަށް ވެސް މިފަހަރު ދިމާވީ އެކަހަލަ ގޮތެކެވެ. އެ ގައުމުގެ ކަމާ ބެހޭ އިދާރާ ތަކުން އެ އާއިލާއަށް ޓްރެފިކް ގަވާއިދާ ޚިލާފުވެގެން ޖޫރިމަނާ ކޮށްފައިވާ ރަސީދެއް ފޮނުވި އެވެ. އެމީހުން އެ ރަސީދު ހުޅުވާ ބަލާލިއިރު ކަމަކު ދާކަށް ނެތެވެ. އެ މީހުންގެ ކާރު ދުއްވި ކަމަށް ރަސީދުގައި ލިޔެފައި އޮތީ އެމީހުން ގެންގުޅޭ ކުއްތާ އެވެ. ނަމަވެސް ޖޫރިމަނާކޮށްފައި ވަނީ ކާރުގެ ވެރިމީހާ އެވެ.

ބާރު ސްޕީޑުގައި ދުއްވަމުންދިޔަ ކާރުގެ ޑްރައިވަރުގެ ސީޓުގައި ކުއްތާ އިންދާ ޓްރެފިކް ޕޮލިހުންގެ ކެމެރާތަކަށް އަރާފައިވާ ފޮޓޮއެއް ވެސް މި ރަސީދާއެކު އެމީހުންނަށް ލިބުނެވެ. އަދި މި ފޮޓޮ ފެނިފައި އެމީހުންނަށް ވެސް އެކަން ގަބޫލު ކުރަން ދަތިވި އެވެ. އެފޮޓޯއިން ފެންނަނީ ހަމަ ހަގީގަތުގައި ވެސް އެމީހުންގެ ކުއްތާ ކާރު ދުއްވަން އިންދަ އެވެ.

ޖޫރިމަނާއަކަށް އެމީހުންނަށް 50 ޔޫރޯ ދައްކަން ޖެހުނެވެ. ނަމަވެސް އެމީހުންގެ ހިތުގައި އުފެދިފައިވާ ބޮޑު ސުވާލުގެ ޖަވާބެއް ނުލިބުނެވެ. ހައިވޭ އިން އެހާ ބާރު ސްޕީޑުގައި ކުއްތާއަކަށް ކާރު ދުއްވިދާނެ ހެއްޔެވެ؟ އެ މީހުން ވިސްނާ ވިސްނާ ވެސް މިކަން މިހެން ވީ ސަބަބެއް ނޭނގުނެވެ.

އެ އާއިލާގެ މީހުންނެކޭ އެއްފަދައިން ސޯޝަލް މީޑިއާ އިން މި ޚަބަރު ކީ އެކަކަށް ވެސް މި ވެގެން އުޅޭ ގޮތެއް ނުވިސްނުނެވެ. ކުއްތާއެއް ފަދަ ކުޑަ ކުޑަ ޖަނަވާރަކަށް އެހާ ބޮޑު ކާރެއް ފުލް ސްޕީޑުގައި ދުއްވިދާނެ ކަމަކަށް އެކަކަށް ވެސް ގަބޫލު ނުކުރެވޭތީ އެވެ.

ވަރަށް ބޯ ގާނައިގެން އެ އާއިލާއިން މިހާރު ވަނީ މިކަން ވީގޮތް ހޯދާފަ އެވެ. ޖަރުމަނާއި އެނޫންވެސް ގިނަ ގައުމުތަކުގައި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު ގޮވައިގެން ދަތުރު ކުރާއިރު އެސޮރުމެންގެ ސީޓު ބެލްޓު އެޅުވުން މަޖްބޫރެވެ. އެއީ އެސޮރުމެން ސަލާމަތަށެވެ. ނަމަވެސް މި ފޮޓޯ ނަގާފައިވާ ދުވަހު ކުއްތާ ގޮވައިގެން އޭގެ ވެރިމީހާ ދަތުރުކުރިއިރު ހަނދާންތައް އިނީ އެސޮރުގެ ސީޓް ބެލްޓް ނާޅުވަ އެވެ.

ޓްރެފިކް ޕޮލިހުންގެ ކެމެރާތަކުން އެ ކާރުގެ ފޮޓޯ ނެގި ވަގުތަކީ ކުއްތާ ފުންމައިގެން ގޮސް އެ ސޮރުގެ ވެރިމީހާގެ އުނގަށް ޖެހުނު ވަގުތެވެ. މިކަމަކީ ވަރަށް އަޖައިބު އިއްތިފާގެއް އަދި ކުއްތާ އެސޮރުގެ ވެރިމީހާގެ އުނގުގައި އިނީ ދެ ތިން ސިކުންތަށް ނަމަވެސް އެކަން ސާބިތު ކޮށްދެވޭނެ އެއްވެސް ގޮތެއް އޭގެ ވެރިމީހާއަކަށް ނެތެވެ.

"އެއީ ހަގީގީ ފޮޓޮއެއްކަމާ މެދު ޝައްކެއް ނެތް. ކުއްތާ ފުންމައިގެން ގޮސް އޭގެ ވެރިމީހާގެ އުނގަށް ޖެހުނު ވަގުތާއި ޓްރެފިކް ކެމެރާއިން ފޮޓޯ ނެގުނު ވަގުތާ ވީ އެއް ވަގުތަކަށް. އާއްމުކޮށް ކުއްތާ އިންނަނީ އެ ސޮރަށް ޚާއްސަ ސޭފްޓީ ބެލްޓެއް އަޅައިގެން. އެ ދުވަހު ހަނދާން ނެތި ބެލްޓް ނާޅުވާ އިންދާ ކުއްލިއަކަށް ކުއްތާ ބޭނުންވީ އެ ސޮރުގެ ވެރިމީހާގެ ގައިގައި ބައްދާލަން. އެހެންވެ ފުންމައިގެން އުނގަށް އެރީ. އެންމެ މަޖާ ކަމަކީ އެސޮރު އޭގެ ވެރިމީހާގެ އުނގުގައި ތިން ސިކުންތު ވެސް ނޯވޭ،" ކާރު ދުއްވަން އިންމީހާއަށް ބޮޑުބޭބެ ކިޔާ ކުއްޖަކު ބުންޏެވެ.