ލައިފްސްޓައިލް

ތަރުބިއްޔަތުގައި ވިސްނަންވީ ހުރިހާ ކުދިންނަށް

ކޮންމެ އާއިލާއެއްގެ ތެރޭގައި ވެސް ތަފާތު މިޒާޖުގެ ކުދިން އުޅެ ބޮޑުވަމުން ދާނެ އެވެ. ކުޅެ ސަކަރާތް ޖެހުމުގެ ތެރެއިން ބައެއް ފަހަރު ކުދިން ކުދިންނަށް ހެދޭ ގޯސްތަކުގައި އެއް ކުއްޖަކު އަނެއް ކުއްޖެއްގެ ގަޔަށް އަތްލާ ތޮޅެ ހަދާނެ އެވެ. މިގޮތަށް ކަން ދިމާވެ އަމިއްލަ ދަރިފުޅު ރުއިމުން ދެން ހުންނަ މީހާގެ ކުއްޖާޔާއާ ދިމާއަށް އެއްޗެހި ކިޔޭތަން ވެސް އާދެ އެވެ. ކޮންމެ މީހަަކަށް ވެސް އެމީހެއްގެ ދަރިފުޅު ވާނީ ޖަވާހިރަކަށެވެ.

އެއްބައި ކުދިންނަކީ ރުޅި ގަދަ ކުދިންނެވެ. އަނެއް ކުދިން ނަކީ ރުޅި އަންނަ ކުއްޖާ ރުޅި އަރިވާލުން އެއީ މަޖަލެއް ކަމަށް ދެކެގެން އިތުރަށް އެ ކުއްޖަކު ރުޅިއަރުވަން ބޭނުންވާ ކުދިންނެވެ. މިހެން ކަންތައް ދިމާ ވަނީ ވެސް މައިންބައިންގެ އިހުމާލުންނެވެ. ދަރިފުޅު ހީލުމުން ގޯސް ކަމެއް ކުރިކަމުގައި ވިއަސް އެކަމުން އެ ކުއްޖަކަށް އުފަލާއި ހިއްހަމަޖެހުން ލިބެނީނަމަ ކުއްޖާ ކުރާ ގޯސްކަންތައް ރަނގަޅު ކުރުމުގެ ބަދަލުގައި އަޅާނުލާ ދޫކޮށް ލެވެއެވެ. އެ ކުރިކަމެއް ވަކި އުމުރަކަށް ދިއުމުން ރަނގަޅު ކޮށްލާނީ ކަމަށް ބުނެއެވެ. ނަމަވެސް އެކަން އޮންނަނީ ފަހުން ކުރަން ހަދައިން ނުކުރެވިފަ އެވެ. ނޫނީ ބުނެ ނުދެވިފަ އެވެ.

ކުޑަކުދިން ދަސް ކުރަނީ ގޭތެރޭގެ މާހައުލުން ދަސްވާ ކަންތައްތަކެވެ. މަދު ފަހަރެއްގައި ނޫނީ މިއާ ހިލާފެއް ނުވެއެވެ. އެކުގައި ކުޅެން އުޅޭ އާއިލީ، އެއްބަނޑު އެއްބަފާ ކުދިންގެ ދަރިންނާޖެހޭ މައްސަލަތައް ހައްލު ކުރާ ގޮތް ތުއްތު ކުދިން ވަރަށް ފަސޭހައިން ނަގައިގަނެ ދަސް ކުރާނެ އެވެ. މީ ހަމައެކަނި އާއިލާގެ މީހުންގެ ދަރިންނާއި ދިމާވާ މައްސަލައެއް ނޫނެވެ. އެއްބަނޑު އެއްބަފާ ކުދިންނާއި ޖެހޭ މައްސަލަތަކުގައި ވެސް ކުރެވޭ ތަފާތު ކުރުންތަކުން ކުދިން ދަސް ކުރާނެ އެވެ. އަވައްޓެރިންގެ ކުދިންނާއެކު އުޅޭ އުޅުމުގައި ވެސް މިގޮތްތަށް ނަގައިގަނެ ދަސްކުރާ ކުދިން ގިނަ އެވެ.

ގިނަ އާއިލާ ތަކުގައި އާމްދަނީ ހޯދަން މަންމަ އާއި ބައްޕަ އަދާކުރާ ވަޒީފާގެ ގޮތުންނާއި އުޅެންޖެހޭލެއް ބުރަ އެވެ. ކުދިންނަށް ވަގުތު ނުދެވި އެހެން މީހުންގެ އަތްމައްޗަށް ދޫކޮށްލެވެ އެވެ. އޭގެ ސަބަބުން ވިސްނާލަން ޖެހޭ ވަރަށް ގިނަ ކަންތައްތައް ދޫކޮށްލެވި ފަރުވާ ކުޑަކޮށްލެވިފައި ހުރެ އެވެ.

ކުދިން ބަލަން ރާއްޖޭން ބޭރުން ގެންނަ މީހުންގެ ފަރާތުން ވެސް އެކި އާދަތައް ދަސްވެ ބެލެނިވެރިން ބުނާ ބަސް އަޑު ނާހާ ދާ ފަހަރު އާދެ އެވެ. މިކަހަލަ ވަގުތުތަކުގައި ގިނައިން އިސް ކުރެވޭނީ ރުޅި އެވެ. އަމިއްލަ ނަސްފު ކޮންޓްރޯލް ކުރަން ނޭނގޭ ފަހަރު ގިނަވެ ކުދިންނާއި މައިންބަފައިންގެ މައްޗައް އޮންނަ އިތުބާރާއި ލޯބި އެހެން ބައެއްގެ މައްޗައް ގަދަވާތަން ފެންނަނީ ކުރިމަތީގަ އެވެ. ހުސް އިހުމާލުން ދިމާވާ ކަންކަމެވެ.

އެހެން މީހުންނާއި ކުދިން ބަލަން ހަވާލު ކުރި ކަމުގައި ވީނަމަވެސް އެ ކުންދިނަށް އަންނަ ބަދަލުތައް ކައިރިން ބަލާ ހަދަން ޖެހެ އެވެ. ކަމެއް ގޯސްވެ އަތް ނުފޯރާފަށައް ދިއުމުގެ ކުރިން މި ކަންކަމާ ވިސްނާލުން ރަނގަޅެވެ.

ދިރިއުޅޭ މާހައުލުގައި އުޅޭ ކުދިންގެ ސަބަބުން ބައެއް ބެލެނިވެރިން އާއިލާ މީހުންނާއި ގުޅުން ކަނޑާލާތަން ފެނެ އެވެ. ކުދިން ކުޅެ އުޅޭއިރު ތޮޅެ ހަދާނެ ކަމައި ބައެއް ހާލަތްތަކުގައި އަނިޔާ ވެސް ވެސް ވެދާނެ އެވެ. ނަމަވެސް މި ގޮތަށް ކަމެއް ދިމާވުމުން އެކަމެއްގްއި އޮންނަ އެންމެ ނުބައި މަގުން ވިސްނައި އެކީ ކުޅެއުޅޭ ކުދިން ވަކިކޮށްލަ އެވެ. ނޫނީ އަނިޔާ ލިބުން ކުއްޖާއަކީ ތިމާގެ އަމިއްލަ ދަރިފުޅަށް ވަނަމަ ކުޅެ އުޅުމުގެ ތެރޭގައި އަނިޔާ ދިން ކުއްޖާއަށް ބަދުބަސް ބުނެ ބައެއް ބެލެނިވެރިން އެ ކުއްޖާޔައް އަނިޔާއެއް ދޭނެ އެވެ. އެއީ ވެސް ކުޑަކުއްޖެއްކަން ވިސްނާ ލުމާ ނުލަ އެވެ. ލޯބިން ވިސްނައި ދިނުމުގެ ބަދަލުގަ އެ ކުއްޖާއާއި އަމިއްލަަ މީހާގެ ދަރިފުޅު ވަކިކޮށްލަ އެވެ.

މި ގޮތަށް ކަންތައް ކުރުމުން އެކީ ކުޅެން ބެނުންވާ ކުއްޖާއާއި ތިމާގެ ދަރިފުޅު އަލުން ކުޅެން ބޭނުންވިޔަސް އެކަން މަނާކޮށް އެ ކުއްޖާއަކީ ގޯސް ކުއްޖެއްގެ ލަގަބު ދެވޭ ގޮތް އެވެ. އެކަމުން ކުދިންނަށް ނަފްސާނީ އަދި ޖިސްމާނީ އުނި ކަމެއް އަންނާނެކަން އެނގުނަސް އެކަން ނޭނގޭ ކަމަކަށް ހަދައިގެން ދިރިއުޅުން ކުރިއަށް ގެންދަނީ އެވެ. ވިސްނަންވީ އަމިއްލަ ދަރިންނާމެދު އެކަންޏެއްނޫނެވެ.