އެސްއެމްއީ ބޭންކް

އެސްޑީއެފްސީގެ ދެ ލޯނަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

Apr 10, 2022

އެސްއެމްއީ ބޭންކް، އެސްޑީއެފްސީގެ ލޯންތަކަށް ހުޅުވާނުލާތާ ދެ އަހަރު ފަހުން ދެ ބާވަތެއްގެ ލޯނަށް ކުރިމަތިލުމަށް މިއަދު ހުޅުވާލައިފި އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްގީކުރަން އުފެއްދި، އެސްއެމްއީ ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ފުރުސަތު ހުުޅުވާލީ "ދަނޑުވެރި ނަފާ" ލޯން އަދި "ވިޔަފާރި އެހީ" ލޯނަށް ކުރިމަތިލުމަށެވެ. އެ ދެ ލޯނަށް އެދޭ ފޯމް މާދަމާއިން ފެށިގެން ހުށައެޅޭނެ ކަމަަށްވެސް ބުންޏެވެ. ލޯނަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ އެވެ.

ވިޔަފާރީ އެހީގެ ލޯނުގެ ދަށުން އެންމެ ބޮޑު ވެގެން ނެގޭނީ ތިން މިލިއަން ރުފިޔާ އެވެ. ދަނޑުވެރި ނަފާ ލޯނުގެ ދަށުން ރަހުނަކާ ނުލާ 75،000 ރުފިޔާއާ ހަމައަށް ލޯން ނެގޭނެ އެވެ.
އެސްޑީއެފްސީ އިން ދޫކުރާ އެހެން ލޯނުތަކަށް ކުރިއަށް އޮތް މެއި މަހު ހުޅުވާލުމަށް ވެސް ވަނީ ނިންމާފަ އެވެ.

ސަރުކާރާއި ބައެއް ސިޓީ ކައުންސިލްތައް ހިއްސާ ވެގެން އުފައްދާފައިވާ ބޭންކް، އެސްޑީއެފްސީގެ މިދިޔަ އަހަރުގެ މާލީ ކާމިޔާބުތަކުގެ މައްޗަށް ބުނެފައިވާ ގޮތުން މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭ ގޮތަށް 144 ރަށެއްގައި ވިޔަފާރި ހިންގާ ކުރިއެރުވުމަށް އެސްޑީއެފްސީ އިން ވަނީ ލޯނު ދޫކޮށްފަ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ލުޔެއްހޯދުމުގެ ގޮތުން މިދިޔަ އަހަރު ސަރުކާރުން ވަނީ ގިނަގުނަ މަސައްކަތް ތަކެއް ކޮށްފަ އެވެ. އެގޮތުން ސަރުކާރުގެ އިގްތިސާދީ ރިކަވަރީ ޕެކޭޖްގެ ދަށުން ކޮވިޑް-19 ވިޔަފާރި އެހީ ގެ ނަމުގައި ފިނޭންސް މިނިސްޓްރީ އާއި ގުޅިގެން އެސްޑީއެފްސީ އިން ވަނީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ގިނަގުނަ ފުރުސަތުތަކެއް ފަހިކޮށްދީފަ އެވެ.

އެސްޑީއެފްސީ އިން ވަނީ 2،205 ފަރާތަކަށް 381 މިލިއަން ރުފިޔާގެ ލޯނުއެހީ ދޫކޮށްފަ އެވެ. އަދި މި ލޯނުތަކުގެ ސަބަބުން ވިޔަފާރިތަކަށާއި އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކަށް ލުޔެއް ލިބި، އެ ފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުން ތަކުން އަރައިގަތުމަށް ވަނީ އެހީއަކަށްވި އެވެ.

އެ ބޭންކުން ބުނި ގޮތުގައި މީގެ އިތުރުން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިދިޔަ އަހަރު ލޮކްޑައުންނަށްފަހު ކުންފުނީގެ އޮޕަރޭޝަންސް ފަށާ، ކޮވިޑުގެ ނާޒުކު ހާލަތުގައި ވެސް އިތުރު 305 ފަރާތަކަށް ޖުމްލަ 420 މިލިއަން ރުފިޔާގެ ލޯނު ދީފައިވާ ކަމަށެވެ.