މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކާސްޓަރުންނަށް އެވޯޑް ދިނުން އޮގަސްޓްގައި

Apr 12, 2022

ބްރޯޑްކާސްޓަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭން ނިންމާފައިވާ "މޯލްޑިވްސް ބްރޯޑްކާސްޓިން އެވޯޑު" ހަފްލާ މިއަހަރުގެ އޮގަސްޓް މަހު ބޭއްވުމަށް ނިންމައިފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެެއްވަމުން އެވޯޑް އިންތިޒާމު ކުރާ ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ (މަރީ) ވިދާޅުވީ މިހާރު ރޭވިފައިވާ ގޮތަށް ކަންކަން ކުރިއަށްދާނަމަ މިއަހަރުގެ އޮގަސްޓް މެދެއްހާ ހިސާބުގައި އެވޯޑް ހަފްލާ އޮންނާނެ ކަމަށެވެ.

ބްރޯޑްކޮމްގެ އެވޯޑް ހަފްލާ އިންތިޒާމުކޮށް މީޑިއާ ކަވަރޭޖު ހަދައިދޭނެ ފަރާތެއް ހޯދުމަށް ވެސް އެ ކޮމިޝަނުން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން އެވޯޑް ހަފްލާ ބޭއްވުމަށް އެންމެ ފުރަތަމަ ނިންމީ މިދިޔަ އަހަރު އެވެ. ނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެންނާއި ބަޖެޓުގެ ބައެއް ދަތިތައް ހުރުމާ ގުޅިގެން މިއަހަރަށް އެވޯޑް ހަފްލާ ފަސްކުރީ އެވެ.

މަރީ ވިދާޅުވީ ބްރޯޑްކޮމް އިން ބޭނުންވަނީ އެންމެންނަށް ވެސް ގަބޫލުކުރެވޭ ވަރުގެ ފެންވަރު ރަގަޅު އެވޯޑެއް ދިނުމަށެވެ. އެހެންކަމުން ބްރޯޑްކާސްޓަރުންނާ ވަރަށް އަވަހަށް ބައްދަލުކުރުމަށްފަހު އެވޯޑާ ގުޅޭ އުސޫލު އެކުލަވާލައި އާންމުކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ބަލަނީ ބޭރުގެ ޖަޖަކާ ވެސް އެކު ވަރަށް މިނިވަންކޮށް އޮންނަ ޖަޖިން ޕެނަލެއް ވެސް އެކުލަވާލަން. ބޭނުންވަނީ ވަރަށް ފެއާ އެވޯޑަކަށް ހެދުމަށް. ކަމަކަށް ކަމެއް ކުރުމުގެ ބަދަލުގައި ކޮލިޓީއަށް އިސްކަންދޭނަން،" މަރީ ވިދާޅުވި އެވެ.

ރާއްޖޭގައި މީގެކުރިން ބްރޯޑްކާސްޓަރުންނަށް ހާއްސަކޮށްގެން އެވޯޑެއް ދީފައެއް ނުވެ އެވެ. ނަމަވެސް މޯލްޑިވްސް މީޑިއާ ކައުންސިލުން ދެމުންދާ ނޫސްވެރިކަމުގެ އެވޯޑްގައި ބްރޯޑްކާސްޓަރުންނާ ގުޅޭ ބައެއް ދާއިރާތަކުން އެވޯޑް ދެމުންގެންދެ އެވެ.