އެޗްޑީސީ

ހުޅުމާލޭގައި އެސްޖެހި ގަނޑުވަރު ބެހެއްޓުމުގެ މަސައްކަތް ފަށައިފި

Apr 12, 2022

މާލޭގައި ހުރި އެސްޖެހިގެ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބެހެއްޓުމުގެ މަސައްކަތް ފަށައިފި އެވެ.

ދިވެހިންގެ މަސައްކަތްތެރިކަން ވަރަށް ބޮޑަށް ފެނިގެންދާ އެސްޖެހިގެ ނުވަތަ އެސްޖެހި ގަނޑުވަރުގެ އޮނިގަނޑު ވިއްކާލުމަށް އެތަނުގެ ވެރިފަރާތުން ވިއްކާލުމުން އެޗްޑީސީން ވަނީ އެ އޮނިގަނޑު ގަނެފަ އެވެ.

މާލޭގެ މެދުޒިޔާރާތް މަގުގައި ހުރި އެސްޖެހިގެ އެޗްޑީސީން ރާވަމުން ގެންދަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ "ހެރިޓޭޖް ޑިސްޓްރިކްޓް"ގައި ހިމެނޭ ބައެއްގެ ގޮތުގަ އެވެ.

އެޗްޑީސީން މިއަދު ބުނީ މާލޭގައި ހުރި އެންމެ ގިނަ ދުވަސްވީ އެއް އިމާރާތް ކަމުގައިވާ އެސްޖެހި ގަނޑުވަރު ރައްކާތެރިކޮށް ހުޅުމާލޭގައި ބެހެއްޓުމުގެ މަސައްކަތް ކުރަނީ އެކަމުގެ ފަންނުވެރިން ކަމަށެވެ.

އެޗްޑީސީން މިއަދު ވަނީ އެސްޖެހި ގަނޑުވަރު ރާވަމުންދާ ގޮތް ދައްކުވައިދޭ ފޮޓޯތަކެއް ވެސް އާންމުކޮށްފަ އެވެ.

ތާރީހީ ލިޔުންތެރިޔާ އަހުމަދު ޝަފީގުގެ ލިޔުއްވުމެއްގައިވާ ގޮތުގައި މާފަތް ކަލޭގެފާނަށް ނިސްބަތްވާ އެސްޖެހި ގަނޑުވަރު ބިނާކުރީ 19 ވަނަ ގަރުނުގެ މެދުތެރޭގަ އެވެ.

އެސްޖެހި ގަނޑުވަރު ހަދާފައިވަނީ ރާއްޖެއަށް އުރުނު ނައުފަހަރުގެ ލަކުނޑިއާއި އެ އިމާރާތަށް ހާއްސަކޮށްގެން ރާއްޖޭން ބޭރުން ގެނައި ލަކުނޑިން ކަމަށްވެސް ތާރީހީ ބައެއް ލިޔުންތަކުގައިވެ އެވެ.