މޯލްޑިވްސް ނޭޝަނަލް ޕާޓީ

ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގެ އިންސާފު އަވަސްކުރަން ގޮވާލައިފި

Apr 14, 2022

ކުޑަކުދިންނަށް ކުރާ އަނިޔާގެ ތަފާތު އެކި މައްސަަލަތަކުގައި އިންސާފު އަވަސް ކުރަން މޯލްޑިވްސް ނެޝަނަލް ޕާޓީން ގޮވާލައިފި އެވެ.

އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައު ހިނގަމުންދަ ކުޑަކުދިންނަށް ކުރެވޭ އަނިޔާގެ ތަފާތު އެކި މައްސަލަތަކުގައި އެކަށީގެންވާ އިންސާފު ގާއިމު ނުކުރެވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

އައްޑޫ ސިޓީގައި ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އައްޑޫގައި ހިނގަމުންދާ ބައެއް ކަންކަމަށް ވެސް އެމްއެންޕީގެ ބަޔާނުގައި އިޝާރާތްކޮށްފައިވެ އެވެ.

އެގޮތުން ބަޔާނުގައި ބުނެފައިވަނީ އައްޑޫ ސިޓީގައި ގިނަ އަދަދެއްގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައަކީ އެމްއެންޕީއަށް އެއްގޮތަކަށް ވެސް ބަލައިގަނެވޭ ކަމެއް ނޫން ކަމަށެވެ.

އެމައްސަލައިގައި ގާނޫނުތަކުން އެކަށައަޅާފައިވާ އިންސާފާއި ރައްކާތެރިކަން ގާއިމުކުރުމަށް ދައުލަތުގެ އެންމެހާ މުއައްސަސާތަކުން އަޅަންޖެހޭ ފިޔަވަޅުތައް ހަލުވިކޮށް އެޅުމަށްވެސް ގޮވާލާފައިވެ އެވެ.

އެމްއެންޕީން ބުނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުން ފަދަ ހައްސާސް މައްސަލަތަކުގައި ކުޑަކުއްޖަކަށް ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ އެއްވެސް ކަމެއްގައި ލަސްކަމެއް އައުމަކީ އެމްއެންޕީން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.