އެމްޑީޕީ

"ގެއްލުނީ އެމްޑީޕީއަށް ޔަގީން ގޮޑިއެއް"

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވި ފަހުން ފޯމް ހުށައެޅުމުން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓްގެ ފޯމް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީއަށް ގެއްލުމަކީ އެމްޑީޕީ އާއި ވިލިމާލެ ދާއިރާއަށްވެސް ލިބުނު ބޮޑު ގެއްލުމެއް ކަމަށް އެމްޑީޕީގެ ވިލިމާލެ ދާއިރާގެ ރައީސް ފިރުޒުލް ފިރާޒް ވިދާޅުވެއްޖެ އެވެ.

ވިލިމާލެ ދައިރާގެ ޑަބްލިއުޑީސީ ގެ ބައި އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލީވެސް ފޯމް ހުށައެޅުމުގެ ސުންގަޑި ހަމަވާން ސައުވީސް ގަޑިއިރަށްވެފައި ވަނިކޮށެވެ. އެހެން ކަމުން ވަގުތު ހަމަވުމުގެ ކުރީން އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށައެޅިދާނެ ކަމާމެދުވެސް އޮތީ ސުވާލު އުފެދިފައެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ބަންދުވީ އިއްޔެ މެންދުރު 12 ޖެހިއިރުއެވެ. އެމްޑީޕީން ފޯމް ހުށައެޅީ އޭގެ 45 މިނެޓް ފަހުންނެވެ. އެހެން ކަމުން ފޯމް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

އެމްޑީޕީގެ ވިލިމާލެ ދާއިރާގެ ރައީސް ފިރުޒުލް ފިރާޒް ނެރެނު ބަޔާނެއްގައި ވިދާޅުވީ ބައި އިލެކްޝަނަށް މާޗް 29 ގައި ފުރުސަތު ހުޅުވާލި ނަމަވެސް އެމްޑީޕީން އެ ދާއިރާއަށް ކެންޑިޑޭޓަކު ނެރެން ނިންމާ ފުރުސަތު ހުޅުވާލީ ކޮމިޝަނަށް ފޯމް ހުށައަޅަން ޖެހޭ ދުވަހުގެ ކުރީ ދުވަހު ކަމަށާ އަދި ޝައުގުވެރިވާ މެންބަރުންނަށް ކުރިމަތިލާން ފުރުސަތު ދިނީވެސް އެންމެ ދެ ގަޑިއިރަށް ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި ދެ ކެންޑިޑޭޓަކު ކުރިމަތިލީ ކަމަށާ އަދި ފަހުން އެއް ކެންޑިޑޭޓަކު ނަން ނެގުމުން ޕްރައިމަރީއެއް ނެތި ދެން ހުރި ކެންޑިޑޭޓަށް ޓިކެޓް ދެވޭނެ އުސޫލެއް އެމްޑީޕީގައި އޮންނާނެ ކަމަށެވެ.

"ކެންޑިޑޭޓް ގަޑިއަށް ފަރުވާތެރި ނުވުމުގެ ސަބަބުން ކަމުގައިވިޔަސް އަދި ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މި ކަމަށް ދެއްވަން ޖެހޭ އަހައްމިޔަތުކަން ނުދެއްވުމުގެ ސަބަބުން ކަމުގައިވިޔަސް މިއީ އެމްޑީޕީ އަށާއި ވިލިމާލެ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމުގައި އަޅުގަނޑު ދެކެނީ. މި ގެއްލުނީ އެމްޑީޕީއަށް ޔަގީން ގޮޑިއެއް ކަމުގައި އަޅުގަނޑު ދެކެނީ. މިއީ މީގެ ކުރީންވެސް އެމްޑީޕީ އިން ފުރަމުން އައި ގޮޑިއެއް،"

ފިރުޒުލް ވިދާޅުވީ ފައްޔާޒް އިސްމާއީލްގެ ޗެއާޕާސަން ކަމުގައި ސެކްރެޓޭރިއެޓްގެ ހިންގުން މިހާރަށް ވުރެ ހަރުދަނާ ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ވިލިމާލެ ދައިރާގެ ޑަބްލިއުޑީސީ ގެ ބައި އިލެކްޝަންގައި ވާދަކުރާނީ އިދިކޮޅު ޕީޕީއެމް އާއި އެމްއެންޕީގެ ކެންޑިޑޭޓެކެވެ. އެ ދެ ޕާޓީން ވަނީ ސުންގަޑީގެ ކުރީން ފޯމް ހުށައަޅާފައެވެ. އެ ދެ ކެންޑިޑޭޓުންގެ މެދުގައި ގުރު ނެގުން އޮންނާނީ ހޮނިހިރު ދުވަހުގެ މެންދުރު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވީ ކުރިން އެމަގާމުގައި ހުރި އައިމިނަތު އީމާން ނިޔާވުމުގެ ސަބަބުންނެވެ. އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީ މަހު ހިނގި ނުރައްކާރެތި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގަ އެވެ.

އީމާން އަކީވެސް އެމްޑީޕީގެ މެންބަރެކެވެ.

ވިލިމާލެ ދާއިރާގެ ބައި އިލެކްޝަނުން އެމްޑީޕީއަށް ފުރުސަތު ގެއްލިފައިވާއިރު މާލެ ސިޓީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސްގެ މަގާމުވެސް ވަނީ އެމްޑީޕީއަށް ގެއްލިފައެވެ. މާލެ ސިޓީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސްގެ މަގާމުގައި ކުރީން ހުންނެވި އެމްޑީޕީއަށް ނިސްބަތްވާ ފާތިމަތު ޝިފާ މާޗް 15 ވަނަ ދުވަހު ވަނީ އިސްތިއުފާ ދެއްވާފައެވެ. އައު ރައީސަކު ހޮވުމަށް ބޭއްވި އިންތިހާބުގައި އެމްޑީޕީގެ މެންބަރަކު ވާދަކުރި ނަމަވެސް އިންތިހާބު ކާމިޔާބު ކުރެއްވީ އަދާލަތު ޕާޓީގެ މެމްބަރު މަރިޔަމް ޝިމާޒާ އެވެ.

އޭނާއާ ވާދަކުރީ އެމްޑީޕީގެ މެމްބަރު ރަޝީދާ ރަޝާދު އެވެ. އޭނާ ހޮވަން އެމްޑީޕީން ތްރީލައިން ވިޕެއް ނެރުނުއިރު 12 މެންބަރުންނާއެކު މެޖޯރިޓީ އޮތީވެސް އެމްޑީޕީއަށެވެ.

ވިލިމާލެ ދައިރާގެ ޑަބްލިއުޑީސީ ގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 16 ވަނަ ދުވަހަށެވެ. ކުރިން ހަމަޖެއްސީ އަންނަ މަހުގެ 14 ވަނަ ދުވަހަށެވެ. އެތާރީހު ބަދަލުކުރީ ކުރިން އިންތިހާބު ބާއްވަން ހަމަޖެއްސި ދުވަހު އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު އެދުވަހު އޮންނާތީ އެވެ.