އިމްރާން އަބްދުﷲ

މިސަރުކާރުން ޖަލުގެ ހާލަތު ރަނގަޅުކޮށްފި: އިމްރާން

Apr 16, 2022

އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރާ މިންވަރަށް ޖަލުތަކުގެ ހާލަތު ބަދަލުކޮށް ކަންކަން އިސްލާހުކުރުމަށް މިސަރުކާރުން ވަރަށް ގިނަ މަސައްކަތް ކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ހުކުރު ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ މިސަރުކާރު ވެރިކަމާ ހަވާލުވީ ޖަލުތަކުގެ ހާލަތު އެނގި ކަންކަން ރަނގަޅު ކުރުމުގެ ތަސައްވުރަކާ އެކު ކަމަށެވެ.

ޖަލުގެ ހާލަތު ރަނގަޅުކުރުން އިމްރާން ސިފަ ކުރެއްވީ ހައްލުކުރަންޖެހިފައި އޮތް ގައުމީ މައްސަލައެއްގެ ގޮތުގަ އެވެ. ޖަލުގެ ހާލަތު ރަނގަޅު ކުރަމުން އަންނަނީ އިންސާނީ ކަރާމާތާއި އަސާސީ ހައްގުތައް ކަށަވަރުވާނެ ގޮތަށް ކަމުގައި ވިދާޅުވި އެވެ.

ޖަލު ތަކުގެ ހާލަތު ރަނގަޅު ކުރުމަށް މިސަރުކާރުން ކޮށްފައިވާ މަސައްކަތްތައް ހިއްސާކުރައްވަމުން އިމްރާން ވިދާޅުވީ ޖަލުތަކުގެ ހާލަތު ހުރި ގޮތެއް ދެނެގަތުމަށްޓަކައި ހާއްސަ އޮޑިޓެއް އެކުލަވާލީ މިސަރުކާރުގައި ކަމަށެވެ. ރިޕޯޓްގައި ފާހަގަކޮށްފައިވާ މުހިއްމު ކަންކަން ކޮށްފައިވާ ކަމަށާއި އަދި އިތުރަށް ކުރަން ހުރި ކަންކަން ވެސް ކޮމިޓީއެއްގެ ބެލުމުގެ ދަށުން ކުރަމުންދާ ކަމަށް ވިދާޅުބި އެވެ.

ޖަލުގައި ބޭނުންކުރާ ގިނަ އިމާރާތްތަކަކީ ވެސް ދަށް ފެންވަރުގެ ތަންތަން ކަމަށްވާތީ މިސަރުކާރު ނިމުމުގެ ކުރިން އެކަމަށް ވެސް ހައްލު ހޯދާނެ ކަމަށެވެ. ޖަލު އޮފިސަރުންނަށް ހާއްސަކޮށްގެން ދެމުންދާ ތަމްރީންތައް ވެސް އެކަށީގެންވާ ނިޒާމެއްގެ ތެރެއިން ހަރުދަނާ ކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

އިމްރާން ވިދާޅުވި ގޮތުގައި 2،000 އަކަށް ގައިދީން ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބިއިރު އެންމެ ބޮޑު ގޮންޖެހުމަކީ 600 އެއްހާ އޮފިސަރުންނާ އެކު ހިދުމަތް ދިނުމެވެ. އެހެންވެ މިއަހަރުގެ ތެރޭގައި 180 އޮފިސަރުން ކަރެކްޝަންސްގެ ވަޒީފާތަކަށް ނަގާނެ ކަމުގައި ވިދާޅުވި އެވެ. އަދި މިވެރިކަމުގައި 200 އޮފިސަރުންނަށް ޕްރޮމޯޝަން ދީފައިވާ ކަމަށް ވިދާޅުވި އެވެ.

އިމްރާންގެ ވާހަކަފުޅުގައި ވަނީ އަލަށް ހުވާ ކުރި އޮފިސަރުން މަގާމާ ހަވާލުވެ މަސައްކަތް ކުރާއިރު ދިމާވާ ކަންކަމަށް ކެތްތެރިވުމަށްވެސް އިލްތިމާސް ކުރައްވާފަ އެވެ.

"އޮފިސަރުންގެ ޒިންމާ އަކީ ނުރަނގަޅު ގޮތަކަށް ރިއެކްޓް ނުކުރުމާއި ނުބައި ގޮތަކަށް އަތް ނުއުފުލުން. މަޑުމައިތިރިކަމާއި އޯގާތެރިކަމާ އެކު ރެސްޕޮންޑް ކުރުން،" އިމްރާން ވިދާޅުވި އެވެ.

އޮފިސަރުން ހުވާ ކުުރުމުގެ ރަސްމިއްޔާތުގައި 35 އޮފިސަރުން މަގާމުގެ ހުވާކޮށްފައިވެ އެވެ.