ރިޕޯޓް

2015: އިދިކޮޅުގެ ބޮޑެތި މުޒާހަރާތަކާއި ޑިމާންޑްތަކުގެ އަހަރެއް

Dec 30, 2015

އާ އަހަރަކަށް ރާއްޖެ މަރުހަބާ ކީ ވެސް، ސިޔާސީ ހަލަބޮލިކަމާއި އަރައިރުން ގަނޑެއްގެ ތެރެއިންނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ރިޔާސީ ޓިކެޓް ހުއްޓުވަން ގާނޫނު އަސާސީއަށް ގެންނަން ޕީޕީއެމް ހިފާލުމާ އެކު މުޅި މަސްރަހު އެކީ ވިހަވި އެވެ. ކޯލިޝަން ރޫޅި ޖޭޕީ އާއި އަދާލަތު ޕާޓީ އެދިޔަ ބާރު މިނުގައި ގޮސް، އެކަހެރިވެފައި އޮތް އެމްޑީޕީއާ އަތުގުޅާލި އެވެ. ދެން ފެނުނީ މައިދާން ކެކި އަރައިގަނެ، ގާނޫނު އަސާސީގެ ހިމާޔަތަށް ޓަކައި ވަރުގަދަ އެއްވުންތަކެކެވެ. މަގުތައް އެކީ ހަލަބޮލިކޮށްލި އެވެ. ޖުމްލަކޮށް ބުނާ ނަމަ މުޒާހަރާއެއް ނުކުރާ މަހެއް ނުދެ އެވެ. އާ އަހަރާ ދިވެހިން މަރުހަބާކީ މުޒާހަރާތަކާއި ސިޔާސީ ހަލަބޮލި ދުވަސްތަކަކާ އެކު އެވެ. މުޒާހަރާގެ ސިލްސިލާ ނެރެ ހުޅުވާލާ އިރު، ބޮޑު ހަތް މުޒާހަރާއެއް ފާހަގަކުރެވެ އެވެ. 

މުޒާހަރާތަކެއްގެ ފެށުން

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގާސިމް އިބްރާހިމްއަށް ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ފެށި މަސައްކަތާ އެކު ކުރިފަޅައިގެން އައީ ސަރުކާރާ ދެކޮޅު ވަރުގަދަ މުޒާހަރާތަކެކެވެ. ޖެނުއަރީ މަހުގެ ފަހުކޮޅު ފުރަތަމަ ފެނުނީ ޖޭޕީގެ ހަރުގެ ކުނޫޒުގެ ތެރޭގައި ސިޔާސީ ޖަލްސާތަކެކެވެ. އެއަށް ފަހު މަޑުމަޑުން މުޒާހަރާ މަގުމައްޗަށް ޗާންދަނީ މަގު ކަންމައްޗާއި ދިރާގުގެ ކަސްޓަމަ އޮފީސް ކަންމަތީގައި ދެ މަހެއްހާ ދުވަހުގެ ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންދިޔަ އެވެ. ކޮންމެ ރެޔަކު ވެސް 200 އެއްހާ މީހުން އެއްވެ ޝުއޫރު ފާޅުކުރި އެވެ. މައިގަނޑު ޑިމާންޑަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ހިތުހުރި ބަދަލުތަކެއް ނުގެނައުނެވެ. ސިޔާސީ ވާދަވެރިން ނައްތާލުމުގެ ހަރަކާތެއް ގެންދާ ކަމަށް ބުނެ އެ ހަރަކާތް ހުއްޓާލުމަށް އަޑުއުފުލި އެވެ. ކޮންމެ ރެޔަކު ވެސް 12:00 އާ އެކު ފުލުހުން ނުކުމެ މުޒާހަރާ އެކީ ރޫޅާލަ އެވެ. ގިނަ އަދަދަކަށް މުޒާހަރާގެ ބައިވެރިން ހައްޔަރު ވެސް ކުރަން ޖެހުނެވެ.

ނަޝީދު މިނިވަން ކުރުމުގެ މުޒާހަރާ

ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގެ ޝަރީއަތް ގިނަ ދުވަސްތަކަކަށް ފަހު، ކްރިމިނަލް ކޯޓްގައި ފެށުމަށް ތައްޔާރުވެ ޝަރީއަތް ނިމެދެން ނަޝީދު ހައްޔަރު ކުރީ ފެބުރުއަރީ 22 ވަނަ ދުވަހު އެމަނިކުފާނު އާއިލާއާ އެކު ހުންނަވަނިކޮށެވެ. އެ ދުވަހުގެ މެންދުރުން ފެށިގެން އިރުއޮއްސެންދެން އެމްޑީޕީ އިން ނަޝީދު މިނިވަން ކުރުމަށް ގޮވާލައި މާލޭގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ކުރި އެވެ. އެކަމަކު ހީކުރި ވަރާ ގާތަށް ވެސް މުޒާހަރާއަށް މީހުން ޖަމައެއް ނުވި އެވެ. އެހެން ނަމަވެސް ނަޝީދު މިނިވަން ކުރުމަށް ގޮވާލި މުޒާހަރާތައް މުޅި އަހަރަށް އެމްޑީޕީ އިން ދިގުދެންމި އެވެ. ބައެއް ފަހަރު ހަވީރު ފިނީގެ ހިނގާލުންތަކެއްގެ ގޮތުގަ އެވެ. އަނެއް ބައި ފަހަރު ހަރުގެ ޖަލްސާތަކެއްގެ ގޮތުގަ އެވެ. މުޅި އަހަރުގެ ތެރޭގައި މި ހަރަކާތްތައް އެމްޑީޕީ އިން ދިގު ދެންމި އެވެ.

ފެބުރުއަރީ 27: ވަރުގަދަ އެއްވުމެއް

ފެށިފައި އޮތް މުޒާހަރާގެ އޮއިވަރު ގަދަވެގެން އައީ ސަރުކާރާ ދެކޮޅަށް އޮތް އެމްޑީޕީ، ޖޭޕީ އަދި އަދާލަތު ޕާޓީގެ ކޯލިޝަނުން، ގާނޫނު އަސާސީގެ ހިމާޔަތުގައި ވަރުގަދަ އެއްވުމަކަށް ފެބުރުއަރީ 27 ވަނަ ދުވަހު މާލޭގައި ބޭއްވުމަށް ގޮވާލުމުންނެވެ. އެ އެއްވުން ވެގެން ދިޔައީ ސަރުކާރަށް ވެސް އައި ސިހުމަކަށެވެ. އިދިކޮޅު ކޯލިޝަނުން ބިރުދައްކަމުން އައީ، ނަޝީދުގެ ވެރިކަން ފުރޮޅާލި ފެބުރުއަރީ ހަތެއް އެ ދުވަހު ތަކުރާރު ކުރާނެ ކަމަށެވެ. ސަރުކާރު ސައިޒަށް ކަމަށް ބުނެ އިޝްތިހާރުކޮށްގެން އެ ދުވަހުގެ މުޒާހަރާ އަށް ރަށްރަށުން އެތައް ހާސް ބަޔަކު މާލެއަށް ޖަމާކުރި އެވެ. ސަލާމަތީ ބާރުތަކުން އެއްވުމަށް ވަރުގަދަޔަށް ތައްޔާރުވި އެވެ. އެ ދުވަހު ހަވީރު އުސްފަސްގަނޑުން ފެށި މުޒާހަރާގައި 50 ގެ އެތައްހާސް ގުނަ ބައިވެރިވެ މަޖީދީ މަގު އެއްކޮޅުން އަނެއް ކޮޅަށް ފުރާލި އެވެ. އެހެން ނަމަވެސް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ފަހުވަގުތު މުޒާހަރާއަށް ވަޑައިނުގަތުމާއި އެހެން ވެސް ލީޑަރުން އެކި މަޅިތަކުގައި ބެދިފައި ތިބުމުގެ ސަބަބުން 13 ޑިމާންޑެއް އިއްވުމަށް ފަހު މުޒާހަރާ އެ ދުވަހު ހަވީރު ނިމުމަކަށް އައެވެ.

ސަރުކާރަށް ކުރި ޑިމާންޑްތައް

  • ގާނޫނު އަސާސީ އާއި ގާނޫނަކަށް ގެންނަ އިސްލާހަކުން ނަމަވެސް އަސާސީ ހައްގުތަކާއި މިނިވަންކަން ހަނި ނުކުރުން.
  • ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް، ހެންވޭރު މެދު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ އިތުރުން ސިޔާސީ ހަރަކާތްތަކާ ގުޅިގެން ބަންދުކޮށްފައި ތިބި މީހުން ދޫކޮށްލުން.
  • އޮޑިޓް ގާނޫނަށް ގެނައި އިސްލާހު އަނބުރާ ގެންދިއުން.
  • އެކި ފަރާތްތަކާ މެދު ކުރާ ސިޔާސީ ދައުވާތައް ދޫކޮށްލުން.
  • ސަރުކާރުގެ ތެރޭގައި ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ތަހްގީގުކުރުން.
  • މާލެ އާއި ރަށްރަށުގެ ކަރަންޓްގެ އަގު ހެޔޮކުރުން، ކަރަންޓް ސަބްސިޑީ ކަނޑާނުލުން.
  • ސަރުކާރުން ވައުދުވެފައިވާ ގޮތަށް މަސްވެރިންނާއި ދަނޑުވެރިންނަށް ސަބްސިޑީ ދިނުން.
  • ކައުންސިލްތަކުން ނިގުޅައިގެންފައިވާ ބާރުތައް އަލުން ދިނުމާއި ލާމަރުކަޒީ ގާނޫނު ތަންފީޒުކޮށް ކައުންސިލްތައް ބާރުވެރިކުރުވުން.
  • ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު ތަންފީޒު ކުރުން.
  • ދައުލަތުގެ މުސާރައިގެ ހަމަހަމަކަން ހިފަހައްޓައިދީ، ޓީޗަރުންނާއި ސިއްހީ ދާއިރާ އަދި ސިވިލް ސާވަންޓުން މުސާރަ ބޮޑުކުރުން.
  • އަލަށް ނަގަން ހަމަޖައްސާފައިވާ ތެލުގެ ޑިއުޓީ ނުނެގުން.
  • މިނިވަން މުއައްސަސާތަކުގެ ގާނޫނީ ބާރުވެރިކަން ދިނުން.
  • ސަރުކާރުގެ ވައުދާ އެއްގޮތަށް، ހުސްނުވާ އާސަންދަ ފޯރުކޮށްދިނުން.

އިދިކޮޅު އިއްތިހާދުން އިޝްތިހާރު ކުރި ގޮތާ ގާތަށް ވެސް މުޒާހަރާއިން އައި ލޮޅުމެއް ނެތެވެ. ޑިމާންޑްތަކަށް އަމަލު ކުރަން މުހުލަތެއް ދިނަސް ފަހުން އެކަން ވީ ގޮތެއް ވެސް ނޭނގުނެވެ. ދެން ވެސް ކޯލިޝަނުން ބުނީ އަދިވެސް ވަރުގަދަ މުޒާހަރާއެއް ބާއްވާނެ ކަމަށެވެ.

މޭޑޭ: ނަމްބަރުން ބޮޑު މުޒާހަރާއެއް

މޭ އެކެއްގައި ފާހަގަ ކުރާ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރުމުގެ ދުވަހާ ވިއްދައިގެން އިދިކޮޅު ކޯލިޝަނުން އަނެއްކާ ވެސް ވަރުގަދަ މުޒާހަރާއެއް ބޭއްވި އެވެ. އެވެސް ނަމްބަރުން ބޮޑު މުޒާހަރާއެކެވެ. އަނިޔާވެރިކަން ނިންމަން ނަމުގައި ބޭއްވި މުޒާހަރާގައި އަތޮޅުތަކުން މީހުން ގެނެސް ގާތްގަނޑަކަށް މުޒާހަރާއަށް 25،000 މީހުން ނެރުނެވެ. މުޒާޖަރާ ލީޑް ކުރެއްވި އަދާލަތު ޕާޓީގެ ރައީސް އާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ބުނި ގޮތަށް ސަރުކާރު ކުޑަކަކޫ މައްޗަކަށް މި މުޒާހަރާ އިން ވެސް ތިރިއެއް ނުވި އެވެ. އެކަމަކު ސަރުކާރަށް އަނެއްކާ ވެސް ޑިމާންޑްތަކެއް ހުށަހެޅި އެެވެ. ނަމާދަށް މެދުކަނޑާލި މުޒާހަރާ ތާއަބަދަށް މެދުކެނޑުނީ އެވެ. އެ މުޒާހަރާގެ ޑިމާންޑްތަކުގެ ގޮތުގައި އޮތީ ވެސް ޖަލުގައި ހުރި ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ފަދަ ބޭފުޅުން ދުކޮށްލުމަށް ގޮވާލުމެވެ. އަދި މަޝްވަރާއަށް ސަރުކާރަށް ގޮވާލި އެވެ. އެ މުޒާހަރާގެ ބައިވެރިން ފުލުހުންނަށް ހަމަލާދީ ހިންގި ކަންތައްތަކުގެ ސަބަބުން އިމްރާނާއި އަލީ ވަހީދު އަދި ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވެސް ގޮޅިއަކަށް ފެތުނީ އެވެ.

އެއަށް ފަހު ޖޫން 12 ގައި ވެސް އެފަދަ ބޮޑު މުޒާހަރާއަކަށް ގޮވާލި އެވެ. އެހެން ނަމަވެސް މަދު ބަޔަކު އެ މުޒާހަރާ އަށް އެއްވުމުން ދިޔައީ މުޅިން ތޮޅިއަށެވެ. ދެން ފެނުނީ މުޒާަރާތަކުގެ ބާރު ކެނޑި މަޑުވަމުން ދިޔަތަނެވެ. ބައިމަދުވެ އެއީ ނަތީޖާއެއް ނުނިކުންނަ އެއްޗަކަށް އެންމެ ފަހުންވީ އެވެ. އެންމެ ފަހުން ޖޭޕީ ވެސް މުޒާހަރާތަކުން ވަކިވެ މުޅިން އެކަމުގެ ބާރު ކެނޑިއްޖެ އެވެ. އަދި ފުލުހުން ވެސް މުޒާހަރާތަކަށް ދެން އިތުރަށް ފުރުސަތެއް ނުދިނެވެ.

އެންމެ ފަހުން ނިކުތީ މިންޖުވާން

އެމްޑީޕީ އިން އަހަރު ނިންމާލަން ހިފީ ވެސް މުޒާހަރާއަކާ އެކު އެވެ. ނަޝީދުގެ މިނިވަން ކުރުމަށް ގޮވާލާ ދުރާލައި އިޝްތިހާރުކޮށް އަތޮޅުތަކުން މީހުން ގެނެސްގެން މިންޖުވާން ނަމުގައި ބޭއްވި މުޒާހަރާގައި ހީކުރި އަދަދަށް މީހުނެއް ބައިވެރިއެއް ނުވި އެވެ. ގާތްގަނޑަކަށް 2،000 މީހުން ބައިވެރިވެ ތިން ދުވަހަށް ކުރިއަށް ގެންދިޔަ މުޒާހަރާ ފެބުރުއަރީ 27 ގައި އާޓިފިޝަލް ބީޗުގައި ޖަގަހަ ޖަހައިގެން ތިބެ ކުރި އެވެ. އެކަމަކު މަގުމައްޗަށް ނިކުންނަން ފުރުސަތެއް ނުދިނެވެ. އެހެން މުޒާހަރާތަކެކޭ އެއްގޮތަށް ސަރުކާރަށް ޑިމާޑްތަކެއް ވެސް ހުށަހެޅި އެވެ. އެކަމަކު އެކަމުން ވެސް ފައިދާއެއް ނުކުރި އެވެ. ތިން ދުވަހަކަށް ފަހު މުޒާހަރާ ނިންމާލީ ނެރެން ބޭނުންވި ކަހަލަ ނަތީޖާއެއް ނުނެރެވި އެވެ.

ނަތީޖާ އަކީ ކޮބާ؟

ބޮޑެތި މުޒާހަރާތަކުގެ އަހަރެއްގެ ގޮތުގައި 2015 ތާރީހުގެ ތެރެއަށް ވަންނަ އިރު، އެ މުޒާހަރާތަކުން ނިކުތް ނަތީޖާ އަކީ މިހާރު އުފައްދަން އޮތް އެންމެ ރަނގަޅު ސުވާލެވެ. މުޒާހަރާއެއް ބާއްވަނީ ކަންކަން އިސްލާހު ކުރުވައި ސަރުކާރަށް ޕްރެޝަރު ކުރުމަށެވެ. އެހެން ނަމަވެސް ދިގުލައި ކުރި އެއްވެސް މުޒާހަރާއަކުން އޭގެން އެއްވެސް ކަމެއް ހާސިލެއް ނުވި އެވެ. އޭގެ ބަދަލުގައި ހާސިލްވި ކަމަކީ ގައުމުގެ އަމަންއަމާންކަން ގެއްލުމާއި ހަލަބޮލިކަމެވެ. އެއާ ގެތިލާމެހިގެން އައީ އިގްތިސާދުގައި އުފެދުނު ބާގަނޑުތަކެވެ. ނަޝީދު ވެސް އަދި އެހެން ވެސް ފަރާތްތަކަށް ހުރަގެއިން ސަލާމަތެއް ނުވެވުނެވެ. ހުރަގޭން ސަލާމަތްވާން މަގު ކުރުކޮށްލަން މުޒާހަރާތައް ބޭއްވިޔަސް، އެ މަގުން ގޮސް އަނެއްކާ ވެސް އިތުރު ބަޔަކަށް ގޮސް ވަދެވުނީ ހުރަގެއަށެވެ. އެތައް 100 އާންމުން މުޒާހަރާތަކުގައި ހައްޔަރުވެ ދައުވާތައް އުފުލުނެވެ. ނިކަމެތިވި އެވެ. ސަރުކާރުން މުޒާހަރާތަކުގެ އަޑެއް ނޭހި އެވެ. އެކަމުން ގެނެވުނު ސުލްހަ އެއްވެސް އިސްލާހެއް ނެތެވެ. ބޮޑެތި މުޒާހަރާތަކުގެ އަހަރަކަށް 2015 ވިޔަސް މުޒާހަރާ އަކީ، ފައިދާއެއް ނެތް ގެއްލުން ހުރި އެއްޗެއްކަން މިއަހަރު އެބަ ސާބިތުކޮށްދެ އެވެ.