ލައިފްސްޓައިލް

ކުދިންނަށް ނަން ކިޔައިދީގެން މުއްސަނދިކަން

ދަރިންނަށް ކިޔާނެ ނަން ހޯދުމަކީ މައިންބަފައިން އަމިއްލައަށް ކުރާ ކަމެކެވެ. ނަމަވެސް މިކަން އުނދަގޫ މީހުނަށް ފަސޭހަ ކޮށްދޭނެ ޕްރޮފެޝަނަލުން ތިބެ އެވެ. ނަމަވެސް މިކަހަލަ ޕްރޮފެޝަނަލް ބޭބީ ނޭމާ އެއް ހޯދުމަކީ ވަރަށް މުއްސަނދި މީހުންނަށް ނޫނީ ކުރެވޭ ވަރުގެ ކަމެއް ނޫނެވެ. އެހާވެސް މި މީހުން އަގު ބޮޑެވެ.

އެމެރިކާގެ ނިއު ޔޯކްގައި ދިރިއުޅޭ ޓޭލާ އޭ. ހެމްޕަރީ އަކީ ކުދިންނަށް ކިޔާނެ ނަން ހޯދައިދިނުމުގެ މަސައްކަތް ޕްރޮފެޝަނަލްކޮށް ކުރާ މީހެކެވެ. ބައެއް ދެމަފިރިން އެމީހުންނަށް ދަރިއަކު ލިބޭކަން އެނގުމުން ހެމްޕަރީ އާ ގުޅައި ކުއްޖާއަށް ކިޔާނެ ނަން ހޯދަ އެވެ. އެގޮތުން އޭނާ ހޯދައިދޭ ނަން ނަމާ ހިތްހަމަޖެހޭ ވަރުން ބައެއް މީހުން ވަރަށް ބޮޑެތި އަދަދު ތަކުން ވެސް އޭނާއަށް ފައިސާ ދޭ ކަމަށް ހެމްޕަރީ ބުންޏެވެ.

"ބައެއް ކުދިންގެ މައިންބަފައިން ދޭ 10،000 ޑޮލަރު ވެސް. އަނެއްބައި މީހުން ދޭނީ 1،500 ވަރަކަށް ޑޮލަރު. އަހަރެންގެ ކަމަކީ އެމީހަކު ހިތްހަމަޖެހޭ ކަހަލަ ނަމެއް ހޯދައިދިނުން،" 33 އަހަރުގެ ހެމްޕަރީ ބުންޏެވެ.

މިދިޔަ އަހަރު ހެމްޕަރީ ވަނީ 100 އަށް ވުރެ ގިނަ ކުދިންނަށް ކިޔާނެ ނަން ހޯދުމުގައި އެ ކުދިންގެ މައިންބަފައިންނަށް އެހީތެރިވެދީފަ އެވެ.
އޭނާގެ ހިދުމަތްތަކަށް އެންމެ ކުޑަކޮށް އަގު ނަގަނީ ފޯނު ކޯލަކުން ނަމެއް ބުނެލަދޭ މީހުންނަށެވެ.

އޭނާ ކައިރީ ދަރިފުޅަށް ކިޔާނެ ނަމެއް ހޯދައިދޭން ފުރަތަމަ އެދުމުން ބެލެނިވެރިންނާ ވަރަށް ގިނަ ސުވާލުތައް ކުރެ އެވެ. އޭނާ ނަން ހޯދަނީ އެމީހުން އެ ސުވާލުތަކަށް ދޭ ޖަވާބަށް ބަލާފަ އެވެ.

ކުދިންނަށް ކިޔާނެ ނަން ހޯދައި ދިނުމުގެ މަސައްކަތް ހަމްޕްރީ ފެށީ 2015 ގައެވެ. އޭނާ އެންމެ ކުރިން ކުރަން ފެށި ކަމަކީ ކުޑަކުދިންނަށް ކިޔާ ނަން ނަމުގެ ތެރެއިން އޭނާއަށް އެންމެ މަގްބޫލު ނަންތަކާއި އެތަންތަކުގެ މާނަތައް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރަން ފެށީ އެވެ.

"ނަންތައް ޕޯސްޓް ކުރަން ފެށުމުގެ ކުރިން އަހަރެން ފޮލޯކުރާ މީހުން ވަރަށް މަދުވާނެ. ނަމަވެސް ކުއްލިއަކަށް ގިނަ އަދަދެއްގެ ބަޔަކު އަހަރެން ފޮލޯ ކުރަން ފެށުމުން ގިނަ ބަޔެއްގެ ޝައުގުވެރިކަން މިކަމަށް އެބަހުރިކަން އަހަންނަށް ޔަގީންކުރެވުނު. އެހެންވެ ފަހުން ޕްރޮފެޝަނަލް މަސައްކަތަކަށް މިކަން ބަދަލު ކޮށްލީ،" ހެމްޕްރީ ބުންޏެވެ.