ލައިފްސްޓައިލް

ޗޮކްލެޓް ގަންނަން ބޯޑަރު ހުރަސްކުރި ކުއްޖާ ޖަލަށް!

އެންމެ މީރު ވައްތަރެއްގެ ޗޮކްލެޓެއް ގަންނަން ކިހާ ވަރެއްގެ މަސައްކަތެއް ކުރަން ކެރިދާނެ ހެއްޔެވެ؟ ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް ބަންގްލަދޭޝްގެ ޓީންއޭޖް ފުރައިގެ މި ކުއްޖާ ކުރި ވަރުގެ މަސައްކަތެއް ކުރެވޭނެހެނެއް ހީއެއް ނުވެ އެވެ. މި ކުއްޖާ ވަނީ ބަންގްލަދޭޝް އާއި އިންޑިޔާ އާ ދެމެދުގައި އޮތް ބޮޑު ކޯރެއްގައި ފަތާފައި އިންޑިޔާ ބޯޑަރު ހުރަސްކޮށް އެ ގައުމަށް އަރާފަ އެވެ. ނަމަވެސް މި ކުއްޖާއަށް ފަތާފައި ބޯޑަރު ހުރަސްކޮށްފައި ގޮސް ޗޮކްލެޓް ގަނެވޭ ގޮތެއް ނުވި އެވެ. ސަބަބަކީ ޕާސްޕޯޓާއި ވިސާ އަދި އެނޫން ވެސް އެހެން ގައުމަކަށް ދިއުމަށް ބޭނުންވާ ހުއްދަތައް ނެތި ބޯޑަރު ހުރަސް ކުރުމުން ލިބޭނެ ލަނޑު މި ކުއްޖާ އަށް ވެސް ލިބުނީމަ އެވެ.

ކުއްޖާ ބޯޑަރު ހުރަސްކޮށް ފަތާފައި އިންޑިޔާގެ ފަސްގަނޑުގައި ފައި ޖެހުމާއެކު ވަނީ ހައްޔަރު ކޮށްފަ އެވެ.

ބަންގްލަދޭޝްގެ އަވަށެއްގައި ދިރިއުޅޭ އީމާން ހުސެއިން ނަމަކަށް ކިޔާ މި ކުއްޖާ ހުރަސްކުރީ ޝާލްޑާ ކޯރެވެ. މި ކޯރަކީ ބަންގްލަދޭޝް އާއި އިންޑިޔާގެ އިންޓަނޭޝަނަލް ބޯޑަރުގައި އޮންނަ ކޯރެކެވެ.

މި ކޯރު ހުރަސްކޮށް ފަތާފައި ގޮސް އިންޑިޔާގެ ޓްރިޕޫރާގެ ސިޕާހީޖަލާ ޑިސްޓްރިކްޓްގެ ކަލަމްޗޯރާ އަވަށަށް އަރައި ޗޮކްލެޓް ގަތުމަކީ މި ކުއްޖާ ކުރިން ވެސް ކުރާ ކަމެކެވެ.

ދެ ގައުމުގެ ބޯޑަރު ވަކިކުރުމަށް ދަގަނޑު ފެންސެއް ޖަހާފައި ހުރި ނަމަވެސް ކުއްޖާ ބޯޑަރު ހުރަސް ކުރަނީ އެ ދަގަނޑު ފެންސުން ލޯވަޅެއް ކަނޑައިގެން އެދޭ ތެރެއިން ދެމިގަނެގެންނެވެ.

އެ ކުއްޖާ އަތުލައިގަތްއިރު ކިތަންމެ ފަހަރަކު އެގޮތަށް ބޯޑަރު ހުރަސްކޮށްފައި ގޮސް ޗޮކެލްޓް ގަނެގެން އެނބުރި ބަންގްލަދޭޝް އަށް ގޮސްފައި ވެއެވެ. ނަމަވެސް މި އޭޕްރީލް މަހުގެ 13 ވަނަ ދުވަހު އޭނާ މިގޮތަށް ބޯޑަރު ހުރަސްކޮށްފައި ގޮސް ފަތާފައި އަރަނިކޮށް އިންޑިޔާގެ ބޯޑަރު ބަލަހައްޓާ ފުލުހުންނަށް ފެނިގެން އޭނާ ހައްޔަރުކުރީ އެވެ. އަދި ހައްޔަރުކޮށް ކޯޓަށް ހާޒިރުކޮށް މިހާރު ކޯޓުން ވަނީ 15 ދުވަހަށް ބަންދުގައި ބަހައްޓަން މުއްދަތު ޖަހައިދީފަ އެވެ.

ފުލުހުން ބުނި ގޮތުގައި ކުއްޖާގެ އަތުގައި އޮތީ އެންމެ 100 ޓާކާ (ބަންގްލަދޭޝް ރުޕީސް) އެވެ. އަދި އޭނާ ވަނީ ބޯޑަރު ހުރަސްކޮށް އިންޑިޔާއަށް އެރިކަމަށް އެއްބަސްވެފަ އެވެ.

ކުއްޖާ ބޯޑަރު ހުރަސްކުރީ އޭނާއަށް މާ މީރު ޗޮކްލެޓެއް ގަންނަން ވެގެން ކަމަށާއި ގާނޫނީ ހިލާފު އިތުރު އެއްވެސް ކަމެއް ކުއްޖާ ކުރާ ކަމަށް ނުބެލެވޭ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

ކުއްޖާގެ ހަމައެކަނި ކުށަކީ ޕާސްޕޯޓާއި އެނޫންވެސް ބޭނުންވާ ރަސްމީ ލިޔުންތައް ނެތި ބޯޑަރު ހުރަސް ކުރުމެވެ.

އިންޑިޔާ އާއި ބަންގްލަދޭޝްގެ ބޯޑަރުގައި ފެންސް ޖަހާފައި ހުއްޓަސް ކަލަމްޗޫރާ އަވަށްތަކުގެ ބައެއް ގޭގޭގެ ނިދާ ކޮޓަރި ތެރޭން ވެސް މި ފެންސް ޖަހާފައި ވެއެވެ. އަދި ބޯޑަރުގައި ފެންސް ނެތް ހިސާބު ވެސް ބައެއް ސަރަހައްދުތަކުގައި ހުރި ކަމަށް ވެއެވެ. އެއީ އެ ހިސާބުގަނޑުގެ ހާލަތުގެ ގޮތުން ފެންސް ޖަހާފައި ނުބެހެއްޓިގެންނެވެ.

މި ކުއްޖާ ނޫނަސް ބަންގްލަދޭޝް ބައެއް މީހުން ބޯޑަރު ހުރަސްކޮށް ތަރުކާރީ ގަންނަން ވެސް އިންޑިޔާ އަށް ގޮސް އުޅޭކަމަށް ވެއެވެ. އަދި ބޯޑަރު ބަލަހައްޓާ ސިފައިންނަށް އެކަން އެނގި މީގެ ކުރިން އެހާ ބޮޑަކަށް އެކަމަކާ އަޅައެއް ނުލަ އެވެ. އެމީހުން މަނާ ކަމެއް ނުކުރާތީ އެވެ. ނަމަވެސް ޗޮކްލެޓް ގަންނަން ދިޔަ މި ކުއްޖާ އަށް މިފަހަރު މިއޮތީ ލަނޑު ލިބިފަ އެވެ.