މަރުގެ ހުކުމް

ނަބީލް މަރަންކުރި ހުކުމް ނިހާއީ ހުކުމަކަށް ކަނޑައަޅަން އެދި ސުޕްރީމް ކޯޓަށް

ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހާދު މަރާލުމުގެ ކުށް ސާބިތުވި ގ. ރީފް، މުހައްމަދު ނަބީލް މެރުމަށް ޖިނާއީ ކޯޓުން ކުރި ހުކުމަކީ ނިހާއީ ހުކުމަކަށް ކަނޑައަޅައިދިނުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

އަބްދުﷲ ފަރުހާދު މަރާލާފައިވަނީ 2009 ވަނަ އަހަރުގެ މާޗް މަހުގެ 8 ވަނަ ދުވަހު ކަޓަރު ތިލައަކުން ހަމަލާދީގެންނެވެ. ފަރުހާދު މަރާލި ކަމަށް ނަބީލްގެ މައްޗަށް ސާބިތުވެފައިވާއިރު ޖިނާއީ ކޯޓުން ވަނީ ނަބީލް މަރަން ހުކުމްކޮށްފައެވެ. މި ހުކުމަށް ހައިކޯޓުން ތާއިދުކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ފަރުހަދު ގަޔަށް ކަޓަރު ތިލަ ހެރިކަމަށް ނަބީލް ތަހުގީގީ ބަޔާނުގައި އިއުތިރާފުވެފައިވެއެވެ. ނަބީލް އަންހެން ކޮއްކޮ އަމިނަތު ނިއުމާ ވެސް ވަނީ ފަރުހާދު ގަޔަށް ކަޓަރު ހެރި މަންޒަރު ފެނުނު ކަމަށް ބުނެ ތަހުގީގީ ބަޔާންދީފައެވެ. ނިއުމާ ޝަރީއަތުގެ މަޖިލީހުގައި މިކަމަށް އިންކާރުކޮށްފައިވެސްވެއެވެ.

ޖިނާއީ ކޯޓުން ނަބީލަށް ކުރި ހުކުމުގައި ބުނެފައިވަނީ، ނަލަހިޔާ ހޮޓެލް ކައިރިން މަޖީދީމަގުން ފަރުހާދު ހިނގާފައި ދަނިކޮށް ނަބީލްއާ އިތުރު ބަޔަކު އެތަނަށް އައިސް ފަރުހާދު ހިފަހައްޓާ ސޯސަން ސްޓޯރު ކުރިމަތީ އޮންނަ ޔޫއެން ޕާކަށް ވައްދާ މާރާމާރީ ހިންގާފައިވާ ކަމަށެވެ. ހުކުމްގައިވާ ގޮތުގައި ޕާކް ތެރެއަށް ފަރުހާދު ވެއްދުމަށްފަހު ނަބީލް ވަނީ އޭނާގެ އަންހެން ކޮއްކޮއާ ބެހުލުންތޯ ސުވާލުކޮށްފައެވެ. އެ ސުވާލަށް ފަރުހާދު ބުނީ ނޫނެކޭ ކަމަށް ވެސް ހުކުމްގައިވެއެވެ. އަދި ފަރުހާދު، ނަބީލްގެ އަންހެން ކޮއްކޮ ނިއުމާއާ ނުބެހެމޭ ބުނުމުން އަތުންނާއި ފައިން ތަޅައި ނަބީލްއާއި އޭނާއާއެކު ތިބި އެންމެން ފަރުހާދާ މެދު މާރާމާރީ ހިންގި ކަމަށް ހުކުމްގައި ބަޔާންކޮށްފައިވެއެވެ.

ރުހާދުގެ މަރަށްފަހު ޑޮކްޓަރުން ނެރުނު ރިޕޯޓްގައިވާ ކަމަށް ހުކުމްގައި ބުނެފައިވަނީ ނަބީލްގެ ކިބައިން ސަލާމަތްވުމަށް ފަރުހާދު ދުވެފައި ދަނިކޮށް، ނަބީލް އެއްލާލި ކަޓަރު ތިލައެއް ފަރުހާދުގެ ބުރަކަށްޓައް ހެރިފައިވާ ކަމަށާއި ފަރުހާދު މަރުވެފައިވަނީ އެ އަނިޔާގެ ސަބަބުން ކަމަށެވެ.

ޖިނާއީ ކޯޓުން ނަބީލް މަރަށް ކުރި ހުކުމަށް ތާއިދުކޮށް ހައިކޯޓުން ކުރި ހުކުމްގައިވަނީ އެމައްސަލަ ސާބިތުކުރުމަށް އެކަށީގެންވާ ހެކި ދައުލަތުން ޖިނާއީ ކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ.