ކާޑެއްދޫ އެއާޕޯޓް

ކާޑެއްދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި

ގދ. ކާޑެއްދޫ އެއާޕޯޓާ އަލުން ހަވާލުވުމަށްފަހު އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ވިލާ ކުންފުނިން ފަށައިފި އެވެ.

ވިލާ ކުންފުނިން ބުނި ގޮތުގައި އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ފަށައިފައި ވަނީ އެއާޕޯޓާ ހަވާލުވި ދުވަހުން ފެށިގެންނެވެ. މިހާރު މުހިންމު ބައެއް މަސައްކަތްތައް ނިމިފައިވާއިރު، މަޝްރޫއު ފަށާތާ ފުރަތަމަ ހަތް އަހަރުގެ ތެރޭގައި އެއާޕޯޓު ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް އެކުންފުނިން ބުނެ އެވެ.

އެއާޕޯޓާ އަލުން ހަވާލުވުމަށްފަހު މިހާރު ކޮށްފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި މުވައްޒަފުންގެ މުސާރައަށް ބަދަލުތަކެއް ގެނައުމާއި، ޓާމިނަލް އޮޕަރޭޝަން ހިންގުމަށް ބަދަލުތަކެއް ގެނައުން ހިމެނެ އެވެ. މި މަސައްކަތުގެ ތެރެއިން ޗެކިން އޭރިއާ ބޮޑުކޮށް އެތަނުގައި އިށީންދެވޭ ގޮތަށް ހެދުމުގެ އިތުރުން ބެގޭޖް ސްކްރީން މެޝިން ރަގަޅުކޮށްފައިވާ ކަމަށް ވިލާ ކުންފުނިން ވަނީ ބުނެފަ އެވެ.

އަދި މި މަޝްރޫއުގެ ދަށުން ކާޑެއްދޫގެ އެއާކްރާފްޓް ރެސްކިއު އެންޑް ފަޔާ ފައިޓިން ހެދުމަށްޓަކައި އިތުރު ފަޔާ ލޮރީއެއް ގެނައުމުގެ އިތުރުން، އެއާޕޯޓަށް ބޭނުންވާ އެސްއޯއައިޕީތަކާއި މެނުއަލްތައް ހަދައި ވަނީ ނިންމާލައިފަ އެވެ.

މީގެ އިތުރުން ސޭޕްޓީ އަދި ސެކިއުރިޓީ އާއި ގުޅޭ ކަންތައްތަކުގެ ތެރެއިން ފެންޖެހުމަށް ބޭނުންވާ ސާމާނު ގެނައުމާއި ފެންސް ސަރަހައްދުގައި ކެމެރާ ހަރުކުރުމާއި، ފެންސް ވަށައިގެން ސާވިސްރޯޑް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އެ ކުންފުނިން ބުނިގޮތުގައި މި ހަތް އަހަރު ދުވަހުގެ ޕްލޭންގެ ދަށުން އެއާޕޯޓު ސާވޭ ކުރުމާއި، ޗާޓް ކުރެހުމުގެ މަސައްކަތް ފަށައި މިހަފްތާ ތެރޭގައި ނިންމައިލެވޭނެ އެވެ.

ކާޑެއްދޫ އެއާޕޯޓް ހިންގަން ވިލާ އެއާ އިން އެންމެ ފުރަތަމަ ހަވާލުވީ 2013 ވަަނަ އަހަރުގެ ތެރޭގަ އެވެ. އަދި ރަސްމީކޮށް އެ ކުންފުނިން ކާޑެއްދޫ އެއާޕޯޓް ހިންގަން އޭރު ފެށީ ޖެނުއަރީ 1، 2014 ގައެވެ. ވިލާ އެއާއަށް ކާޑެއްދޫ އެއާޕޯޓް 50 އަހަރަށް ކުއްޔަށް ދީފައި ވަނިކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އެއްބަސްވުން ބާތިލްކުރީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ހިލާފަށް އެއާޕޯޓް ހިންގި ކަމަށް ބުނެ އެވެ.

އެކަމަކު އެ ކުންފުނިން ކޯޓަށް މައްސަލަ ހުށަހެޅުމުން ސުޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެން އަލުން މިދިޔަ މާޗް މަހުގެ އެއްވަނަ ދުވަހު އެއާޕޯޓާއި ވަނީ ހަވާލުވެފަ އެވެ. ސުޕްރީމް ކޯޓުން ކުރި ހުކުމުގައި، އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.