މޯލްޑިވްސް ޕޮލިސް ސާވިސް

ވެއިޓަރުގެ ހަށިގަނޑު ގައުމަށް ގެންގޮސްފި

Apr 22, 2022

ހުޅުމާލޭގެ ހާންޖީ ރެސްޓޯރެންޓް ތެރޭގައި މަރާލި ބަންގްލަދޭޝް ވެއިޓަރުގެ ހަށިގަނޑު ގައުމަށް ފޮނުވާލައިފި އެވެ.

ފުލުހުން ބުނީ އެ މީހާގެ ހަށިގަނޑު ގައުމަށް ފޮނުވާލީ ރޭގެ ވަގުތެއްގައި ކަމަށެވެ. މަރުގެ މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށްވެސް ބުނެފައިވެ އެވެ.

ވެއިޓަރަށް މިމަހުގެ 16 ވަނަ ދުވަހު ތޫނު އެއްޗަކުން ހަމަލާދީ މަރާލީ އޭނާއާ އެކު އެ ރެސްޓޯރަންޓްގައި ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރި މީހެކެވެ. އެއީ އުމުރުން 26 އަހަރުގެ ޕާކިސްތާން މީހެއް ކަމުގައިވާ މުހައްމަދު އާބިދު އެވެ.

ވެއިޓަރު މަރާލުމަށްފަހު ފިލައިގެން އުޅެނިކޮށް މިމަހުގެ 17 ވަނަ ދުވަހު ފުލުހުން އޭނާ ހައްޔަރުކުރޯ ހުޅުމާލޭގެ ދެވަނަ ފިޔަވަހިންނެވެ.

އަވަސް އަށް މީގެ ކުރިން މައުލޫމާތު ދިން ބައެއް މީހުން ބުނާ ގޮތުގައި އެ ދެ މީހުންގެ މެދުގައި އަބަދުވެސް ހިޔާލުތަފާތުވާ ކަންކަން ހިނގަ އެވެ. ވެއިޓަރު މަރާލާފައި އޮތް އިރު އޭނާގެ ހަށިގަނޑު ތިން ތަނަކަށް ހަމަލާދީފައިވާ ކަމަށްވެސް މައުލޫމާތު ދިން ބައެއް މީހުން ބުނެފައިވެ އެވެ.

ޕާކިސްތާން މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ ބަންގްލަދޭޝްގެ މީހާ އަށް ހަމަލާދީ މަރާލި ކަމަށް އެއްބަސްވެފަ އެވެ.