ދުނިޔެ

"ރަޝިއާއަށް ދަތިކޮށްފައި ގިނަދުވަހު ނުބޭއްވޭނެ"

ރަޝިއާއަށް އިގްތިސޯދީ ގޮތުންނާއި ސިޔާސީ ގޮތުން ދަތި ކޮށްފައި ގިނަ ދުވަހު ބޭއްވުމަކީ ޖަރުމަނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ޖަރުމަނުގެ ކުރީގެ ޗާންސެލަރު ގެހާޑް ޝްރޯޑާ ވިދާޅުވެއްޖެ އެވެ.

ރަޝިއާއަކީ އެއްވެސް ގޮތަކަށް ދަތި ކުރުމުގެ ފިޔަވަޅު އެޅޭ ވަރުގެ ގައުމެއް ނޫން ކަމަށް ވިދާޅުވެ ޝްރޯޑާ ވިދާޅުވީ ޖަރުމަނުގެ ސިނާއީ މަސައްކަތްތަކަށް ރަޝިއާގެ މައުދަނާއި އެހެނިހެން ބާވައްތައް ބޭނުންވާ ކަމަށެވެ.

ޝްރޯޑާ ވިދާޅުވި ގޮތުގައި ޖަރުމަނަށް މުހިންމީ ހަމައެކަނި ރަޝިއާގެ ތެލާއި ގޭސް އެކަންޏެއް ނޫނެވެ. ޖަރުމަން ހިންގަން ބޭނުންވާ އެހެނިހެން ބާވަތްތައް ރަޝިއާއިން ލިބޭހާ ހެޔޮ އަގުގައި އަދި ދެމެހެއްޓެނިވި ގޮތުގައި ހޯދާނެ އެހެން ދިމާއެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަޝިއާއަށް ދަތި ކުރަން ޖަރުމަނު ޖެހިލުންވާން ޖެހޭ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވި ޔުކްރޭން ހަނގުރާމަ ހަމަ ނިމޭ ތަނުން ރަޝިއާގައި ކަމުކިޔަން ޖެހޭނެތީ ކަމަށެވެ. އޭނާ ވިދާޅުވީ ގައުމުތައް ސުލްހަނުވެ ހަމަ އެއްވެސް ކަމެއް ނުހިނގާނެ ކަމަށެވެ.

ޔޫރަޕަށް އޮތް އެންމެ ރަނގަޅު ގޮތެއް ކަމަށް ޝްރޯޑާ ވިދާޅުވީ ރަޝިއާއާ މަޝްވަރާ ކުރުން ކަމަށާއި ބަޔަކު ބުނާހާ ގޮތެއް ހެދުމަށް ވުރެ އެ ގައުމަކަށް އެންމެ ރަނގަޅު ގޮތް އެ ގައުމަކުން އިޚްތިޔާރު ކުރަން ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރަޝިއާ ސިފައިން ފެބްރުއަރީ 24 ގައި ޔުކްރޭން ދޭން ފެށި އަސްކަރީ ހަމަލާތައް އަދިވެސް ދަނީ ކުރިއަށެވެ. ރަޝިއާގެ ގޮތެއް ނެތް ހަމަލާތައް ކުށްވެރި ކުރަން ގައުމުތަކުން ސައްލާކޮށް މިހާރު އޮތީ އިގްތިސޯދީ ގޮތުން ރަޝިއާއަށް ދަތި ކުރަން ހަރުކަށި ފިޔަވަޅުތައް އަޅާފަ އެވެ.

ރަޝިއާގެ ތެލާއި ގުދުރަތީ ގޭސް ގަތުން ބައެއް ގައުމުތަކުން ހުއްޓާލައި އަދި ދުނިޔޭގެ މާލީ ނިޒާމުގެ ތެރެއިން ރަޝިއާއަށް މުއާމަލާތް ނުކުރެވޭ ގޮތް ވެސް ވަނީ ހަދާފަ އެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕްގެ އިއްތިހާދުން ރަޝިއާއާ ގުޅުން ކަނޑާލައި އެކަހެރި ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ. އެހެން ނަމަވެސް ރަޝިއާ ބުނަނީ ދަތިކުރުމުގެ ފިޔަވަޅުތަކަށް އޮތީ ހޭނިފައި ކަމަށާއި ދިގު މުއްދަތެއްގައި ފެންނާނީ މިހާރަށް ވުރެ ބާރުގަދަ ރަޝިއާއެއް ކަމަށެވެ.