ފެނަކަ ކޯޕްރޭޝަން

ފެނަކަ އާއިލީ ގުރުއާން މުބާރާތް ނިންމާލައިފި

Apr 24, 2022

ފެނަކަ ކޯޕަރޭޝަންގައި މަސައްކަތް ކުރާ މުވައްޒަފުންގެ އާއިލާތަކަށް އަމާޒު ކޮށްގެން ކުރިއަށް ގެންދިޔަ "ފެނަކަ އާއިލީ ގުރުއާން މުބާރާތް" ނިންމާލައިފި އެވެ.

މި މުބާރާތަކީ ކޮންމެ އަހަރަކު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހުޅުވާލައިގެން ފެނަކަ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާތަކަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދުގެ އިސްނެންގެވުމަށް 2019 ވަނަ އަހަރުން ފެށިގެން ކުންފުނީގެ ރެކްރިއެޝަން ކުލަބުން ބާއްވާ މުބާރާތެކެވެ. އެގޮތުން މި އަހަރުގެ ރޯދަ މަހު ވަނީ މާލޭގެ އިތުރުން އަތޮޅު ތެރޭގެ އިތުރު ދެ ސަރަހައްދަކު މި މުބާރާތް ބާއްވާފަ އެވެ. އެއީ ށ. އަތޮޅާއި ނ. އަތޮޅަށް ހާއްސަ ކޮށްގެން ށ. މިލަންދޫގައި އާއި ގއ. އަތޮޅާއި ގދ އަތޮޅަށް ހާއްސަ ކޮށްގެން ގއ. ވިލިގިލީގަ އެވެ.

މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތުގައި ރޭ މާލޭގައި ބާއްވާފައިވާއިރު ޖުމްލަ 423 ކުދިން މުބާރާތުގައި ބައިވެރިވެފައިވެ އެވެ.

ފެނަކައިން ވަނީ ކުރީއަހަރާ ހިލާފަށް މި އަހަރުގެ މުބާރާތުގެ ފައިސާގެ އިނާމު ވެސް ބޮޑުކޮށްފަ އެވެ.

މިމުބާރާތް ބާއްވާ ކޮންމެ ސަރަހައްދެއްގައިވެސް ގޮފި ތަކުން އެއްވަނަ، ދެވަނަ އަދި 3 ވަނަ ހޮވާ ސެޓްފިކެޓާއި ޓްރޮފީ ދީފައިވެ އެވެ. އަދި ކޮންމެ ސަރަހައްދެއްގައި ވެސް މުޅި މުބާރާތުން އެއްވަނައަށް 15،000 ރުފިޔާ، ދެވަނައަށް 10،000 ރުފިޔާ އަދި ތިންވަނައަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެ އެވެ.

މާލޭގައި ބޭއްވުނު މުބާރާތުގައި 38 ކުއްޖަކު އެކި ގޮފިތަކުން ވަނަ ހާސިލް ކޮށްފައިވެ އެވެ. މުޅި މުބާރާތުން އެއްވަނަ އައިމިނަތު އައިނީ އަހްމަދު ހޯދާފައިވާއިރު ދެވަނަ ހޯދާފައިވަނީ އައިޝަތު އީކާ މުޖުތަބާ އެވެ. އަދި މުޅި މުބާރާތުން ތިންވަނަ ހޯދީ ފާތިމަތު ޝައިފާ މުހައްމަދު ސިޔާމް އެވެ.

މި އަހަރު ބޭއްވި މުބާރާތަށް ވުރެ ފުރިހަމަކޮށް އަދި މިއަހަރަށް ވުރެ ބޮޑުކޮށް މި މުބާރާތް އަންނަ އަހަރު ބާއްވާނެ ކަމުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު ވަނީ އިއުލާން ކުރައްވާފަ އެވެ.