އުތުރު ކޮރެއާ އާއި ރަޝިއާއަކީ އަވަށްޓެރި އަދި އެއަށްވުރެ ވެސް ގާތް ދެ ގައުމު ކަމަށް އުތުރު ކޮރެއާގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ. އުތުރު ކޮރެއާގެ ތާއީދާއި އެއްބާރުލުން ރަޝިއާއަށް އަބަދުވެސް އޮންނާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
ރަޝިއާ އާއި އުތުރު ކޮރެއާއާ ދެމެދުގައި އޮތް ގުޅުން ދުވަހަކަށް ވުރެ ދުވަހެއް ބަދަހިވަމުން ދާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައި އެވެ. އަދި ގުޅުން ބަދަހި ވެގެން ދާނީ އެއްސީދަލަކަށް، އެއް ދާއިރާއަކުން ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.
ރަޝިއާއާއެކު އިގުތިސޯދީ ގޮތުންނާއި އަސްކަރީ ގޮތުން ގުޅުން ބަދަހި ކުރުމަކީ ސަރުކާރުގެ މުހިންމު ނިންމުމެއް ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.
ދެ ގައުމުގެ ދެމެދުގައި ޚިލާފެއް އުފެދިއްޖެ ނަމަ ހައްލު ކުރަން ހަދާ ގޮތަކީ ވެރިންގެ ފެންވަރުގައި ބައްދަލުވުންތައް ބާއްވައި މަޝްވަރާ ކުރެއްވުން ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.
އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް އުން އާއި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން 2019 ގައި ބައްދަލު ކުރެއްވި ބައްދަލު ކުރެއްވުމަށް އިޝާރާތްކޮށް ބަޔާނުގައި ބުނެފައި ވަނީ ސަމިޓްތައް ބާއްވަނީ ނަމެއްގައި ނޫން ކަމަށާއި ގުޅުން ބަދަހި ކުރުމަށް ކަމަށެވެ.
ރަޝިއާއަށް ސަޕޯޓް ކުރާކަން އުތުރު ކޮރެއާއިން ހާމަކުރި ސަބަބަކީ ދުނިޔޭގެ ނުފޫޒު ގަދަ ގައުމުތަކުން ރަޝިއާ އެކަހެރިކޮށް މާލީ މުއާމަލާތްތަކުން ބޭރުކޮށްފައި އޮތް ދަނޑިވަޅެއްގަ އެވެ.
ރަޝިއާ ސިފައިން ޔުކްރޭނަށް އަރައި ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕް ގައުމުތަކުން ވަނީ ރަޝިއާއަށް ދަތި ކުރަން ފިޔަވަޅުތައް ފާސް ކޮށްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޕޫޓިން އާއި ކިމް ޖޮން އުން އަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ލީޑަރުންނެވެ. ރަޝިއާ އާއި އުތުރު ކޮރެއާއާ ދެމެދު އަސްކަރީ އަދި ޖައްވީ ގުޅުން ބަަދަހި ކުރަން ވަނީ މަޝްވަރާ ކޮށްފަ އެވެ.