ރައްޔިތުންގެ މަޖިލިސް

ލަތީފް ރާއްޖެއަށް ގެނެސް ޖަރުމަން ސަފީރަކަށް ޝާން އައްޔަންކުރަން ހުށަހަޅައިފި

Apr 25, 2022
4

ދިވެހިރާއްޖޭން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހ. ސީވީޑް އަހްމަދު ލަތީފް އަނބުރާ ރާއްޖެއަށް ގެނެސް އެ މަގާމަށް ގ. ޕެންޒީމާގެ އައިޝަތު ޝާން ޝާކިރު ހަމަޖައްސަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ލަތީފް ރާއްޖެއަށް ގެނެސް ޖަރުމަންގައި ހުންނަވާ ސަފީރު ކަމަށް ޝާން އައްޔަންކުރަން ނިންމެވި ވަކި ސަބަބެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައެއް ނުވެ އެވެ.

ރައީސްގެ ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އިއްވެވުމާ ގުޅިގެން ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާކުރަން މަޖިލީހުގެ ހާރިޖީ ކަންތައްތަކާ ބެހޭ ކޮމިޓީ އަށް ފޮނުއްވާފަ އެވެ.

ޖަރުމަންގައި ހުންނަވާ ސަފީރު ކަމަށް އަހްމަދު ލަތީފް އައްޔަންކުރައްވާ މަގާމުގެ ފަތްކޮޅު ހަވާލުކުރެއްވީ ޖެނުއަރީ 20، 2019 ގައެވެ.

ބަންގްލަދޭޝްގައި ހުންނެވި ދިވެހި ސަފީރު ކަން ކުރައްވާފައިވާ ޝާން މިވަގުތު ހުންނެވީ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގަ އެވެ. އެ މަގާމަށް ޝާން އައްޔަންކުރެެއްވީ ނޮވެމްބަރު 15، 2020 ގައެވެ.