ސިވިލްސާވިސް ކޮމިޝަން

ސީއެސްސީގެ ރައީސްއަށް ކުރީގެ ބާރުތައް ދޭން ފާސްކޮށްފި

Apr 25, 2022

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ގާނޫނުގެ ދަށުން އެ ކޮމިޝަންގެ ރައީސް އަށް ކުރިން ދީފައި އޮތް ބާރުތައް އަލުން ދިނުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން އެމްޑީޕީއަށް ނިސްބަތްވާ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހެޅުއްވި އިސްލާހު މަޖިލީހުން ފާސްކުރީ 44 މެންބަރުންގެ ތާއީދާ އެކު އެވެ.

ކޮމިޓީ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވަމުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ މިއިސްލާހުތަކަކީ މިދިޔަ އަހަރު ސިވިލް ސާވިސް ގާނޫނު އިސްލާހު ކުރިއިރު މާއްދާތަކުގެ ނަންބަރުތައް ތަރުތީބުކުރުމުގެ ތެރެއިން ގެއްލިގެން ދިޔަ ބައިތަކެއް ކަމަށެވެ.

ސީއެސްސީގެ ރައީސްގެ މަސްއޫލިއްޔަތުތައް:

  • ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ލަފައާއި އިރުޝާދުދިނުން
  • ބައްދަލުވުންތަކުގެ އެޖެންޑާ ކަނޑައެޅުމާއި، ބައްދަލުވުމުގެ ތާރީޚާއި ވަގުތު ކަނޑައެޅުން ފަދަ ކޮމިޝަން ހިންގުމާ ގުޅޭ ނިންމުންތައް ނިންމުން
  • ކޮމިޝަނާއި ކޮމިޝަނުގެ މެންބަރުންނާއި ކޮމިޝަނުގެ މުވައްޒަފުން ސުލޫކީ ހަމަތަކަށް ތަބާވުމުގައި ނަމޫނާ ދައްކައި، ޒައާމަތު ގާއިމުކުރުން
  • އިދާރީ އެކިއެކި މަސައްކަތްތައް ހިންގައި ބެލެހެއްޓުމާ ގުޅޭ އުސޫލު ކަނޑައަޅައި، އެ އުސޫލާ އެއްގޮތަށް އިދާރީ ކަންކަން ހިންގަމުންދާކަން ކަށަވަރުކޮށް ފިޔަވަޅު އެޅުން
  • ކޮމިޝަނުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓައި، ކޮމިޝަނުން ނިންމާ ނިންމުންތައް ތަންފީޒުކުރުން

ކޮމިޝަންގެ ރައީސް އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރަން ނުކުޅެދޭ ހާލަތެއްގައި އެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އަދާކުރާނީ ކޮމިޝަނުގެ ނައިބް ރައީސް ކަމަށްވެސް މިއަދު ފާސްކުރި އިސްލާހުގައި ބުނެފައިވެ އެވެ.