އޭސީސީ

ކޮރަޕްޝަން ހިމެނޭ 1.5 މިލިއަން ރުފިޔާ ހޯދަން އޭސީސީން އަންގައިފި

އެންޓި ކޮރަޕްޝަން ކޯޕަރޭޝަން (އޭސީސީ) އިން މިދިޔަ އެއް މަސް ދުވަސް ތެރޭގައި ތަހުގީގުކޮށް ނިންމި މައްސަލަތަކުގައި ހިމެނޭ 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދަން އަންގައިފި އެވެ.

އޭސީސީ އިން މިއަދު ބުނީ ކޮރަޕްޝަނާ ގުޅުން ހުރި މި ފައިސާ ހޯދުމަށް އަންގާފައި ވަނީ ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ކަމަށެވެ.

އެގޮތުން ތިން މައްސަލައެއްގެ ފައިސާ ހޯދުމަށް އޭސީސީ އިން ކަމާ ގުޅުންހުރި އިދާރާތަކަށް ވަނީ އަންގައިފަ އެވެ.

އެއް މައްސަލައަކީ ރ. އަލިފުށީގެ އެކި ސަރަހައްދުތަކުން ދޫކޮށްފައިވާ ބިންތަކުން ކުލި ނުލިބޭ މައްސަލަ އެވެ. މި މައްސަލައިގައި އޭސީސީ އިން ހޯދަން އަންގާފައި ވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނުލިބިހުރި ފައިސާ އެވެ. އަދި 10 މީހަކަށް ދޫކޮށްފައިވާ 12 ބިމެއްގެ ކުއްޔާއި ކުރިއަށް އޮތް ތަނުގައި ކުލީގެ އެއްބަސްވުމުގެ ތެރޭގައި ކުލި ހޯދުމަށް ވެސް ވަނީ އަންގައިފަ އެވެ.

އޭސީސީ އިން ބުނިގޮތުގައި އެ ފައިސާ ހޯދުމަށް އިއްޔެ ރ. އަލިފުށި ކައުންސިލަށް އަންގާފައިވާނެ އެވެ.

އަނެއް މައްސަލައަކީ މުލިއާގެއަށް ދޫކޮށްފައިވާ ކޯޕަރޭޓް ކްރެޑިޓް ކާޑު ގަވާއިދާހިލާފަށް ބޭނުންކޮށްގެން 2007 ވަނަ އަހަރު ކޮށްފައިވާ ހަރަދުތަކެއް އަނބުރާ ހޯދުމުގެ މައްސަލަ އެވެ. މި މައްސަލައިގައި އަނބުރާ ހޯދުމަށް އެދިފައި ވަނީ 11،244 ޑޮލަރެވެ. މިފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް މިމަހުގެ 24 ވަނަ ދުވަހު އަންގާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އޭސީސީ އިން ބުނިގޮތުގައި ފައިސާ ހޯދުމަށް ދެން އަންގާފައި ވަނީ ހއ. ބާރަށު ކައުންސިލަށެވެ. އެގޮތުން 2015 ވަނަ އަހަރު އެކައުންސިލުން އަމިއްލަ ފަރާތަކާ ދެމެދު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ކައުންސިލަށް ޖޫރިމަނާއާއި އެކީ ލިބެންޖެހޭ 11،759 ރުފިޔާ ހޯދުމަށް އަންގާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އޭސީސީގެ އާ މެމްބަރުން މަގާމާ ހަވާލުވެވަޑައިގެންފައި ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ. އާ މެމްބަރުންނާއެކު އެ ކޮމިޝަން ހިންގަން ފަށާފައި ވަނީ މަސައްކަތްތަކަށް ބަދަލުތަކެއް ގެނެސްގެންނެވެ. އެ ކޮމިޝަނުން ވަނީ ކުރު ރާސްތާގެ އޮޕަރޭޝަނަލް ޕްލޭނެއް އެކުލަވާލައިފަ އެވެ.

އޭސީސީގެ އާ ރައީސް އާދަމް ޝާމިލް ކުރިން ވިދާޅުވެފައި ވަނީ ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމަށް އިސް ކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތް ތަހުގީގުކޮށް އެ ފައިސާ ދައުލަތަށް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ. ބޮޑު ހިޔާބާތް ތަހުގީގުކުރުމަށް 12 މެމްބަރުން ހިމެނޭ އިންވެސްޓިގޭޝަން ޓީމެއް ވެސް ވަނީ އެކުލަވައިލައިފަ އެވެ.