ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިލެކްޓްރޯނިކް މުއާމަލާތްތަކާބެހޭ ބިލް ތަސްދީގުކޮށްފި

Apr 27, 2022

އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ބިލް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ. މި ބިލަކީ އޭޕްރީލް 11 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 29 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

އިލެކްޓްރޯނިކް މުއާމަލާތްތަކާބެހޭ ގާނޫނަކީ ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގަ އާއި އެނޫން ބޭނުންތަކުގައި އިލެކްޓްރޯނިކް ޒަރީއާއިން މުއާމަލާތު ކުރުމާއި ޓްރަސްޓްގެ ހިދުމަތްތަކުގެ ބޭނުން ކުރުން ކުރިއަރުވައި ތަރައްގީ ކުރުމަށްޓަކައި އިލެކްޓްރޯނިކް މުއާމަލާތުގެ ސައްހަކަން ކަށަވަރު ކުރެވޭނެ ނިޒާމެއް ގާއިމުކޮށް އިލެކްޓްރޯނިކް ޒަރީއާއިން މުއާމަލާތު ކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި ޓްރަސްޓްގެ ހިދުމަތްތަކުގެ ބޭނުން ކުރުމާގުޅޭ އުސޫލުތައް ބަޔާން ކުރުމުގެ ގާނޫނެވެ.

މި ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި އިލެކްޓްރޯނިކް ސޮއި އަދި ޓްރަސްޓްގެ ހިދުމަތްތައް ހިމެނޭ ގޮތަށް ދިވެހިރާއްޖޭގައި އަދި ރާއްޖެއިން ބޭރުގައި ކުރެވޭ އިލެކްޓްރޯނިކް މުއާމަލާތްތަކަށް ގާނޫނީ ހައިސިއްޔަތު ދިނުމާއި އިލެކްޓްރޯނިކް މުއާމަލާތްތަކުގެ ސައްހަކަން ގާނޫނީ ގޮތުން ކަށަވަރު ކޮށްދިމާއި އިލެކްޓްރޯނިކް މުއާމަލާތްތައް ހިންގުމަށް މަގުފަހިކޮށް ދިނުމާއި އެކަން ކަމަށް ގާނޫނީ ގޮތުން ހުރި ހުރަސްތައް ނައްތާލުން އަދި އިތުބާރު ހިފޭ ޓްރަސްޓްގެ ހިދުމަތްތައް މެދުވެރިކޮށް އިލެކްޓްރޯނިކް ޒަރީއާއިން މުއާމަލާތު ކުރުން ކުރިއަރުވައި އެފަދަ މުއާމަލާތު ކުރުމުގައި އާންމުންގެ އިތުބާރު ގާއިމު ކުރުން ހިމެނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މި ގާނޫނު ތަސްދީގު ކުރެއްވުމާއި ގުޅިގެން މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް ގާނޫނަށް އަމަލު ކުރަން ފަށާފައެވެ.