އަހުމަދު ނަސީމް

ނަސީމްގެ ތާއީދުވެސް ފައްޔާޒަށް

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ކާމިޔާބަށް އެދިވަޑައިގެން ފައްޔާޒާއެކު ހުންނެވިކަން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ހާމަ ކުރައްވައިފި އެވެ.

ނަސީމް އެކަން ހާމަކުރެއްވީ މީގެ ކުޑައިރުކޮޅެއްގެ ކުރީން ކުރެއްވި ޓްވީޓެއްގައެވެ. ފައްޔާޒާއެކު އޭނާގެ ކެމްޕެއިން ހަރުގޭގައި ހުންނަވާ ނަންގަވާފައިވާ ފޮޓޯއަކާއެކު ނަސީމް ވަނީ އިންތިހާބުގައި ފައްޔާޒަށް ކާމިޔާބަށް އެދިވަޑައިގެންފައެވެ. ނަސީމް، ހުންނެވީ ފައްޔާޒަށް ތާއީދު ކުރައްވާކަން ހާމަކުރައްވާ މި އިންތިހާބުގައި ފައްޔާޒަށް ލިބިވަޑައިގެން ކެންޑިޑޭޓް ނަންބަރު ދޭ، އަތުގެ އިޝާރާތުން ދައްކަވައިގެންނެވެ.

ނަސީމަކީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ބޭފުޅެކެވެ. އެމަނިކުފާނުގެ ބޮޑުބޭބޭއެކެވެ.

ޗެެއާޕާސަން ހޮވުމުގެ އިންތިހާބުގައި ނަޝީދުގެ އާއިލާގެ ބޭފުޅުންގެ ތާއީދު އޮތީ ފައްޔާޒާ ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ އަށެވެ. އިމްތިޔާޒަށް ތާއީދު ކުރައްވާކަން ސާފުކޮށް ވިދާޅުނުވި ނަމަވެސް ނަޝީދު ގެންދަވަނީ އެކި ގޮތްގޮތުން އިމްތިޔާޒަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ. އަދި ސަރުކާރާއި ފައްޔާޒަށް ނިސްބަތްކޮށް އެކި ކަހަލަ ވާހަކަ ދައްކަވަމުންނެވެ.

އިންތިއަށް ތާއީދުކުރައްވާކަން ފާޅުގައި ހާމަކުރައްވަން ނަޝީދަށް ކެރިވަޑައިނުގަންނަވަނީ އެމަނިކުފާނު އެކަން ކުރައްވައިފިނަމަ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ފައްޔާޒުގެ ދިފާއުގައި ނިކުންނަވާނެތީ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕާއި ގައުމީ މަޖިލީހާއި ސަރުކާރުގެ ވަރަށް ތަނަވަސް އަޣުލަބިއްޔަތެއް ފައްޔާޒަށް ތާއީދު ކުރެއެވެ.