ރައްޔިތުންގެ މަޖިލިސް

އިގްތިސޯދީ ކޮމިޓީން އައްޑޫގެ މަސްވެރިންނާ ބައްދަލުކުރަނީ

Apr 28, 2022
1

އައްޑޫ ސިޓީގެ މަސްވެރިންނާ ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީން ބައްދަލުކުރަން ނިންމައިފި އެވެ.

މިބައްދަލުވުން ކުރިއަށް ގެންދިއުމަށް އިންތިޒާމު ކޮށްފައިވަނީ އައްޑޫގައި އެންމެ ގިނަ މަސްވެރިން ދިރިއުޅޭ މަރަދޫ ސްކޫލްގައި މިރޭ 9:30 ގައެވެ.

މި ބައްދަލުވުމުގައި އައްޑޫގެ ވީހާ ވެސް ގިނަ މަސްވެރިންނާއި ކެޔޮޅުންނާއި އަދި އޮޑިވެރިން ބައިވެރިވުމަށް އައްޑޫ ސިޓީ ކައުންސިލް ދަށުން ހިންގަމުންދާ މަރަދޫ އަވަށު އޮފީހުން އެދިފައިވެ އެވެ.

މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ހުވަދު އަތޮޅުގެ މަސްވެރިންނާ ވެސް ބައްދަލުކުރައްވާފަ އެވެ.

ކޮމިޓީން ދެކުނުގެ މަސްވެރިންނާ ބައްދަލުކުރަމުން މިދަނީ ދެކުނުގެ މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެ މަސްވެރިން ބާނާ ހުރިހާ މަހެއް މިފްކޯ އަށް ގަނެވޭނެ ގޮތެއް ނެތި މަސްވެރިންގެ ޝަކުވާ ވަރަށް ބޮޑުވެފައިވާ ވަގުތެއްގަ އެވެ.

މިފްކޯ އިން މިވަގުތު މަސް ގަންނަނީ ދޯންޏަކުން ހަތް ޓަނުގެ ރޭޓުން މަސް ގަތުން ކޮންޓްރޯލް ކޮށްގެންނެވެ.