ރައްޔިތުންގެ މަޖިލިސް

އިންޑިއާ-ރާއްޖެ ޕާލިމެންޓަރީ ފްރެންޑްޝިޕް ގްރޫޕެއް އެކުލަވާލަނީ

Apr 28, 2022
1

ރާއްޖެ އާއި އިންޑިއާ ދެމެދު ޕާލިމެންޓަރީ ފްރެންޑްޝިޕް ގްރޫޕެއް އެކުލަވާލުމުގެ މަޝްވަރާ ފަށައިފި އެވެ.

މިމަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އޯމް ބިރްލާއާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.

ރާއްޖޭގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މެމްބަރުން އިންޑިއާގެ މަޖިލީހަށް ޒިޔާރަތްކުރެއްވުމަށް ވެސް މިބައްދަލުވުމުގައ ބިރްލާ ވަނީ ދައުވަތު ދެއްވާފަ އެވެ.

ބިރްލާއާ އާއި ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ ރާއްޖެއާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ މެދުގައި ޕާލިމެންޓަރީ ޑިޕްލޮމަސީީގެ ރޮނގުން މަޝްވަރާކޮށް އެއްބާރުލުން ދެވޭނެ ގޮތްތަކެއް އޮންނަން ވާނެ ކަމަށެވެ.

ރާއްޖެ އާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހާ ދެމެދު ސޮއިކޮށްފައިވާ ޑިޖިޓަލައިޒޭޝަނާއި އާކައިވްސް އަދި ލެޖިސްލޭޓިވް ޑްރާފްޓިން އެއްބަސްވުން ދެ ގައުމުން ވެސް ތަންފީޒު ކުރަމުންދާތީ ބިރްލާ ވަނީ އެކަން ފާހަގަވެސް ކުރައްވާފަ އެވެ.

ބިރްލާ ވަނީ ރާއްޖޭގެ ގާނޫނުގެ ހަދާ މަޖިލީހުގެ މެންބަރުންނާއި މުވައްޒަފުންނަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އަދި މުވައްޒަފުންނަށް ތަމްރީން ފުރުސަތުތައް ހަމަޖައްސަވައިދެއްވާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފަ އެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ވަނީ ބައެއް ގައުމުތަކުގެ މަޖިލިސް މެންބަރުންނާ އެކު ފްރެންޑްޝިޕް ގްރޫޕްތައް އެކުލަވާލާފަ އެވެ.