މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުސް ވަޒީފާއަށް ވަންނަން ބޭނުންވާ އައްޑޫ މީހުންނަށް ފުރުސަތެއް

Apr 28, 2022

ފުލުސް ވަޒީފާއަށް ވަންނަން ބޭނުންވާ އައްޑޫއަށް ނިސްބަތްވާ ޒުވާނުންނަށް ހާއްސަ ފުރުސަތެއް ހުޅުވާލައިފި އެވެ.

މި ފުރުސަތު ހުޅުވާލާފައި ވަނީ އައްޑޫ ސިޓީގައި މެއި 22 ގައި ދިވެހި ފުލުހުންގެ ހިދުމަތުން ބާއްވާ "އޯޕަން ޑޭ" ގައެވެ. ފުލުހުން މިހާރު ވަނީ "އޯޕަން ޑޭ" އަށް ހާއްސަކޮށްގެން ވީޑިއޯއެއްވެސް ތައްޔާރުކޮށްފައެވެ.

އެ ވީޑިއޯއާއެކު ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ "އޯޕަން ޑޭ" އިން ހުޅުވާލާ ފުރުސަތަކީ އައްޑޫގެ ޒުވާނުންނަށް ރަނުގެ ފުރުސަތެއް ކަމަށެވެ. މިއީ ރަށުގައި ތިބެ ފުލުހުންގެ ވަޒީފާއަށް ފޯމް ލާ އަދި ރަށުގައި ތިބި ޓްރެއިން ހަދާ ރަށަށް ހިދުމަތް ކުރުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ސީޕީ ވަނީ ސިފަ ކުރައްވާފައެވެ.

"މެއި މަހި އޮންނަ އޯޕަންޑޭއަށް އޭއްވޭހެއް ކޮންމެހެނަސް،" އައްޑޫ ބަހުން ކުރެއްވި ޓްވީޓެއްގައި ސީޕީ ވިދާޅުވިއެވެ.

ފުލުހުންގެ ސްޕެޝަލް ކޮންސްޓެބްލަރީ ކޮންސްޓަބަލްގެ ވަޒީފާ އަށް ވަނުމުގެ ފުރުސަތުވެސް މި މަހުގެ 10 ވަނަ ދުވަހު އޮތީ ހުޅުވާލާފައެވެ.

ފުލުހުން ވަނީ މިއަހަރުގެ ފެބްރުއަރީ މަހު ވެސް ސްޕެޝަލް ކޮންސްޓެބްލަރީ އަށް މީހުން ހޯދަން އިއުލާންކޮށްފަ އެވެ. އެކަމަކު އަލުން އެ މަގާމަށް މީހުން ހޯދަން އިއުލާންކުރީ ކުރީގެ އިއުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް މީހުން ކުރިމަތިލާފައި ނުވާތީ އެވެ.

ސްޕެޝަލް ކޮންސްޓެބްލަރީ ކޮންސްޓަބަލްގެ ވަޒީފާ އަށް އަލުން ހުޅުވާލި ނަމަވެސް ވަޒީފާ އަށް މީހުން ނަގާނެ ވަކި އަދަދެއް ފުލުހުން ބުނެފައެއް ނުވެ އެވެ.

ފުލުހުން އިއުލާންކޮށްފައިވާ ވަޒީފާ އަށް ކުރިމަތިލެވޭނީ ގުރޭޑް 10 ނިންމާފައިވާ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނަށެވެ. ވަޒީފާ އަށް ކުރިމަތިލާ މީހުންގެ ތެރެއިން ފިރިހެނެއް ނަމަ އިސްކޮޅުގައި ކުރުވެގެން ފަސް ފޫޓު އެއް އިންޗި އަދި އަންހެނެއް ނަމަ ފަސް ފޫޓު ހުންނަންޖެހެ އެވެ.

ވަޒީފާ އަށް ހޮވޭ ފަރާތްތަކަށް މުސާރައާއި އިނާޔަތުގެ ގޮތުގައި 11،421 ރުފިޔާ ދިނުމަށް ނިންމާފައިވެ އެވެ.