ހަބަރު

އިއާދަ ކުރަނިވި ހަަކަތަ ކަރަންޓް ވިއުގަޔާ ގުޅާލަދެނީ

މޯލްޑިވްސް އެނާޖީ އޮތޯރިޓީން، އިއާދަކުރުވަނިވި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމްތައް ނެޓް މީޓަރިން އުސޫލުން ކަރަންޓު ވިއުގައާ ގުޅާލުމަށް ގަވާއިދެއް އެކުލަވާލައި ގެޒެޓް ކޮށްފި އެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައ މި ގަވާއިދު ރަސްމީކޮށް އިފްތިތާހް ކޮށްދެއްވީ މިނިސްޓަރު ތޯރިގު އިބްރާހީމެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތޯރިޤް ވިދާޅުވީ، އިއާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ހަކަތަ އުފެެއްދުމުގެ މަަސައްކަތް މިހާރުވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި މިހާރުވެސް ރާއްޖޭގައި އިއާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފައްދާ ކަމަށް ތޯރިޤް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ސްޓޭޓް މިިނިސްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވީ މި ގަވާއިދަކީ ސަރުކާރުގެ މެނިފެސްޓޯ އާއި ވަރަށް ބޮޑަށް ގުޅިފައިވާ ގަވާއިދެއް ކަމަށެވެ. އެގޮތުން "ރާއްޖެއަކީ ސާފު ހަކަތައިގެ ރޮނގުން ދުނިޔޭގެ ފެންވަރުގައި ކުރިއަރާފައިވާ ގައުމަކަށް ހަދައި، ކަަރަންޓުގެ ހިދުމަތް ދިނުމުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ދިގު ރާސްތާގައި ކަރަންޓުގެ ހަރަދު ކުޑަކޮށް ފުޅާ ދާއިރާއެއްގައި ބޭނުންކުރަން ފެށުމަށް މެނިފެސްޓޯގައި ކަނޑައަޅާފައިވ ކަންކަމަށް މި ގަވާއިދު އެހީތެރިވާނެ" ކަމަށެވެ.

ދެމަސް ދުވަސް ފަހުން އަމަލުކުރަން ފަށާ މިގަވާއިދުގެ މަޤުޞަދުތައް:

1. ޚިދުމަތް ލިބިގަންނަ ފަރާތަށް ބޭނުންވާ ކަރަންޓު ނުވަތަ ކަރަންޓުން ބައެއް އަމިއްލައަށް އުފެއްދުމުގެ ފުރުޞަތު ދިނުން.
2. ޚިދުމަތް ދޭފަރާތުން ކަރަންޓު އުފައްދައި ފޯރުކޮށްދިނުމުގެ ނިޒާމު ތަރައްޤީ ކުރަން ހޭދަކުރަންޖެހޭ މިންވަރު މަދުކުރުން.
3. ކަރަންޓު އުފެއްދުމަށްޓަކައި ރާއްޖޭން ބޭރުން އެތެރެކުރާ އަގުބޮޑު، ތިމާވެށްޓާ ބީރައްޓެހި ވަސީލަތްތަކަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކޮށް ރާއްޖެއިން ލިބެންހުރި އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުން ކަރަންޓު އުފައްދައި ފޯރުކޮށްދީ، ކަރަންޓުގެ ޚިދުމަތް ދެމެހެއްޓެނިވިގޮތެއްގައި ދެވޭނެ ނިޒާމެއް ޤާއިމުކުރުން.
4. ޚިދުމަތް ލިބިގަންނަ ފަރާތަށް ބޭނުންވާ ކަރަންޓު ނުވަތަ ކަރަންޓުން ބައެއް އަމިއްލައަށް އުފެއްދުމުގެ ފުރުޞަތު ލިބުމުން ކަރަންޓުގެ ޚިދުމަތް އެކަށީގެންވާ އަގެއްގައި ބެހެއްޓުމަށް ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހޭދަ ކުޑަޮކށް ބަޖެޓަށް ލުއިތަކެއް ހޯދައިދިނުން.

މި ގަވާއިދުގެ ދަށުން އަމިއްލައަށް އުފައްދައިގެން ވިއުގައަށް ފޮނުވާ ކަރަންޓު ޔުނިޓުގެ އަދަދު ބިލުން އުނިވެގެން ދާނެއެވެ. އެގޮތުން ނެޓް މީޓަރިންގ އުސޫލުން ކަރަންޓުގެ ޚިދުމަތް ހޯދާ ފަރާތްތަކުން ކަރަންޓު ބިލަށް ފައިސާ ދައްކަން ޖެހޭ މިންވަރު ކުޑަވެގެންދާއިރު، ބޭނުންވާ ކަރަންޓުގެ ސަތޭކަ އިންސައްތަ އަމިއްލައަށް އުފައްދާނަމަ، ކަރަންޓުބިލަށް ފައިސާ ދައްކާކަށްވެސް ނުޖެހޭނެއެވެ. މިޤަވާއިދުގެ ދަށުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ވިއުގައާއި ނެޓް މީޓަރިންގ އުސޫލުން ގުޅާލުމުގެ ހުއްދަ ދޭނީ ހަމައެކަނި އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމުތަކަށެވެ.