ރައީސް މުހައްމަދު ނަޝީދު

ޗެއާޕާސަން ކަމަށް މުހިންމީ ތެދުވެރި، ތާހިރު ކެންޑިޑޭޓެއް: ނަޝީދު

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބާ ގުޅޭގޮތުން އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވައިފި އެވެ. އިންޑިއާއަށް ވަޑައިގެން އުޅުއްވަމުން ނަޝީދު ވަނީ އެ ގައުމުގެ ދޫރުދަރުޝަން ޗެނަލަށް އެކަމާއި ގުޅޭގޮތުން އިންޓަވިއު އެއް ދެއްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި އެންމެ ގަދަ އަޑަކީ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގެ އަޑު ކަމަށާ މުޅި ގައުމުގައި އޮތީ އެމްޑީޕީގެ ރީންދޫ ކުލަ ކަމަށެވެ. ޗެއާޕާސަން ކަމަށް ދެ ކެންޑިޑޭޓަކު ވާދަކުރައްވާ ކަމަށާ ކެމްޕެއިންގެ ފޯރި ވަރަށް ގަދަ ކަމަށެވެ.

އޭގެ ފަހަށް އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނުވެސް އަދި އިސް ލީޑަރުގެ ހައިސިއްޔަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ކުރައްވާކަން ހާމަ ނުކުރައްވާ ކަމަށެވެ. ދެ ރައީސުންވެސް ބޭނުން ވަނީ އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތް ކަމަށް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ކަމަަށް މުހިންމީ ތެދުވެރި ބޭފުޅެކެވެ. އަދި އެއީ ސާފުތާހިރު -- ކޮރަޕްޓް ނޫން -- ބޭފުޅަކަށް ވުން މުހިންމު ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު މެއި 14 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު އެންމެ ފޯރިގަދައީ ޗެއާޕާސަންގެ މަގާމެވެ. މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއާ އެކު އެ މަގާމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ.

ޗެެއާޕާސަން ހޮވުމުގެ އިންތިހާބުގައި ނަޝީދުގެ އާއިލާގެ ބޭފުޅުންގެ ތާއީދު އޮތީ އިމްތިޔާޒް ފަހްމީ އަށެވެ. އިމްތިޔާޒަށް ތާއީދު ކުރައްވާކަން ސާފުކޮށް ވިދާޅުނުވި ނަމަވެސް ނަޝީދު ގެންދަވަނީ އެކި ގޮތްގޮތުން އިމްތިޔާޒަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ. އަދި ސަރުކާރާއި ފައްޔާޒަށް ނިސްބަތްކޮށް އެކި ކަހަލަ ވާހަކަ ދައްކަވަމުންނެވެ.

އިންތިއަށް ތާއީދުކުރައްވާކަން ފާޅުގައި ހާމަކުރައްވަން ނަޝީދަށް ކެރިވަޑައިނުގަންނަވަނީ އެމަނިކުފާނު އެކަން ކުރައްވައިފިނަމަ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ފައްޔާޒުގެ ދިފާއުގައި ނިކުންނަވާނެތީ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕާއި ގައުމީ މަޖިލީހާއި ސަރުކާރުގެ ވަރަށް ތަނަވަސް އަޣުލަބިއްޔަތެއް ފައްޔާޒަށް ތާއީދު ކުރެއެވެ.