މުހައްމަދު ނާޒިމް

ނާޒިމްގެ މައްސަލައިގެ އަޑު އެހުމެއް މާދަމާ ބާއްވަނީ

ހަނގުރާމަވެރި ހަތިޔާރު އެތެރެކުރިކަމުގެ ކުށް ސާބިތުވެ، 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިސްތިއުނާފު މައްސަލައިގެ އިތުރު އަޑު އެހުމެއް މާދަމާ ބޭއްވުމަށް ތަވާލުކޮށްފިއެވެ. އަޑުއެހުން ތަވާލުކޮށްފައިވަނީ މާދަމާ ހެނދުނު 9:15 ގައެވެ.

ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ނާޒިމްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހެޅީ މިދިޔަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ. އިސްތިއުނާފް ކުރުމަށް ނާޒިމްގެ ފަރާތުން ހުށަހެޅުމުން، އެ މައްސަލަ ހައި ކޯޓުން ބަލައިގަތްފައިވަނީ މޭ މަހުގެ 11 ވަނަ ދުވަހުއެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވަނީ ނާޒިމްގެ އިސްތިއުނާފުގެ ހަތްވަނަ އަޑު އެހުމެވެ. ނާޒިމްގެ އިސްތިއުނާފުގެ ހަވަނަ އަޑުއެހުން ވަނީ ސިއްރުކޮށްފައެވެ. އަދި ފަސްވަނަ އަޑުއެހުމުގެ އެއްބައި ވެސް ސިއްރުކޮށްފައިވެއެވެ. އަޑު އެހުން ސިއްރުކޮށްފައިވަނީ ދައުލަތުން ހުށަހެޅި ސިއްރު ލިޔުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށެވެ.

އެންމެ ފަހުން ބޭއްވި އަޑު އެހުމުގައި ހެކިން ވަނީ ހާޒިރުކޮށްފައެވެ. އެގޮތުން އެމްއެންޑީއެފްގެ ކެޕްޓަން އަލީ އިހުސާނާއި ނާޒިމްގެ ގެއިން ފެނުނު ކަމަށް ބުނާ ޕެން ޑްރައިވް އެނަލައިޒް ކުރި ފުލުސް މީހާގެ ހެކި ބަސް ދީފައެވެ.

ނާޒިމްގެ މައްސަލަގާއި ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު އަބްދުއްރައުފް އާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުﷲ ހަމީދު އެވެ.