ފައްޔާޒް އިސްމާއީލް

އެމްޑީޕީއަކީ ނަފްރަތުގެ ރަމްޒަކަށް ހަދަން މަސައްކަތް ކުރާތީ ކަންބޮޑުވޭ: ފައްޔާޒް

އެމްޑީޕީއަކީ "ނަފްރަތުގެ ރަމްޒަ"ކަށް ހަދަން ކުރަމުންދާ މަސައްކަތާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް (ފައްޔަ) ވިދާޅުވެއްޖެ އެވެ.

ފައްޔަ މިހެން ވިދާޅުވީ ހދ. ކުމުންދޫ އެމްޑީޕީ މެންބަރުނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަގައެވެ. ވިދާޅުވީ އެމްޑީޕީއަކީ "ނަފްރަތުގެ ރަމްޒަ"ކަށް ހަދަން ކުރަމުންދާ މަސައްކަތާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ފައްޔަ ނުސީދާކޮށް ރައްދު ދެއްވާފައި މިވަނީ ވާދަވެރި ކެންޑިޑޭޓް އިމްތިޔާޒް ފަހްމީ (އިންތި) އަށެވެ. ޗެެއާޕާސަން އިންތިހާބުގައި އިންތި ކެމްޕެއިން ކުރައްވަނީ "ތިލަފަތުގެ ރަމްޒު" މި ޝިއާރުގެ ދަށުންނެވެ.

އިންތިގެ ކެމްޕެއިން ޓީމުން ގެންދަނީ ފައްޔާޒާ ގުޅޭގޮތުން ތަފާތު ވާހަކަތައް ދައްކަމުންނެވެ. ކެމްޕެއިންގައި ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރާ ކަމުގެ ތުހުމަތާއި އެމްޑީޕީގެ މެންބަރުންނަށް ވަޒީފާގެ ބިރު ދައްކާ ކަމުގެ ތުހުމަތު ކުރެއެވެ. އަދި ނުފޫޒު ފޯރުވާ ނަހަމަ ބާރުގެ ބޭނުން ކުރާ ކަމުގެ ތުހުމަތުވެސް އޮވެއެވެ.

އެކަމަށް އިޝާރާތް ކުރައްވާ ފައްޔާޒް ވިދާޅުވީ އެތެރޭގެ އިންތިހާބެއްގައި މި މިންވަރަށް ދޮގާއި އޮޅުވާލުން ކުރިއަށް ނެރޭތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ކެމްޕެއިން ކުރަން ޖެހޭނީ ނަފްރަތު އުފައްދައިގެން ނޫން ކަމަށް ވިދާޅުވިއެެވެ. ރީތި ތާހިރު ކެމްޕެއިނެއް ނުހިންގެނީ ކީއްވެގެންތޯވެސް ސުވާލު ކުރެއްވިއެވެ.

"އަޅުގަނޑުމެން ކަންބޮޑުވޭ މި ޕާޓީއަކީ ނަފްރަތުގެ ރަމްޒަކަށް ހަދަން މަސައްކަތް ކުރާތީ. ކެމްޕެއިން ކުރަން ޖެހޭނީ ނަފްރަތު އުފައްދައިގެނެއް ނޫން. ހަމަ ވަރަށް ރީތިކޮށް ދެ ފަރާތުންވެސް ކެމްޕެއިން ކޮށްލަން ޖެހޭނީ،" ފައްޔާޒް ވިދާޅުވިއެވެ.

އަޅުގަނޑުމެން ކަންބޮޑުވޭ މި ޕާޓީއަކީ ނަފްރަތުގެ ރަމްޒަކަށް ހަދަން މަސައްކަތް ކުރާތީ. ކެމްޕެއިން ކުރަން ޖެހޭނީ ނަފްރަތު އުފައްދައިގެނެއް ނޫން. ހަމަ ވަރަށް ރީތިކޮށް ދެ ފަރާތުންވެސް ކެމްޕެއިން ކޮށްލަން ޖެހޭނީ
ފައްޔާޒް އިސްމާއީލް | އިކޮނޮމިކް މިނިސްޓަރު

ފައްޔާޒް ވިދާޅުވީ އިންތިހާބެއްގައި މޮޅުވާން ކުރަން ޖެހޭނެ މަސައްކަތަކީ އެ ބޭފުޅެއްގެ ތަސައްވުރު ރައްޔިތުންނަށް ހިއްސާ ކުރުން ކަމަށެވެ. އަދި އެ ބޭފުޅެއްގެ ގާބިލް ކަމާއި މަސައްކަތުގެެ ނަތީޖާއަށް އަދި ތަސައްވުރަށް ބެލުމަށް ފަހު އެމްޑީޕީގެ މެންބަރުންނަށް ފެންނަ އެންމެ ރަނގަޅު ގޮތް ނިންމާނެ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ކޮންމެ އެތެރޭގެ އިންތިހާބަކާ ދިމާކޮށް ނަފްރަތު އުފައްދަން ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އަދި ޗެއާޕާސަން އިންތިހާބުގެ ކަންކަން މިހާރު ފެންނަނީ ވަރަށް ދެރަކޮށް ކަަމަށް ވިދާޅުވިއެވެ. އަދި ގަދައަޅާ މަސައްކަތް ކުރައްވަނީ ނަފްރަތާއި ދުރުވެ ކެމްޕެއިން ހިންގެވުމަށް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ދަނީ ވަރަށް ބޮޑަށް ގަދައަޅާ މަސައްކަތް ކުރަމުން އެ މަގުން [ނަފްރަތު އުފެއްދުން] އަޅުގަނޑުމެން ނުދާނަން،" ފައްޔާޒް ވިދާޅުވިއެވެ.

ޗެެއާޕާސަން ހޮވުމުގެ އިންތިހާބުގައި ނަޝީދުގެ އާއިލާގެ ބޭފުޅުންގެ ތާއީދު އޮތީ ފައްޔާޒާ ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ އަށެވެ. އިމްތިޔާޒަށް ތާއީދު ކުރައްވާކަން ސާފުކޮށް ވިދާޅުނުވި ނަމަވެސް ނަޝީދު ގެންދަވަނީ އެކި ގޮތްގޮތުން އިމްތިޔާޒަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ. އަދި ސަރުކާރާއި ފައްޔާޒަށް ނިސްބަތްކޮށް އެކި ކަހަލަ ވާހަކަ ދައްކަވަމުންނެވެ.

އިންތިއަށް ތާއީދުކުރައްވާކަން ފާޅުގައި ހާމަކުރައްވަން ނަޝީދަށް ކެރިވަޑައިނުގަންނަވަނީ އެމަނިކުފާނު އެކަން ކުރައްވައިފިނަމަ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ފައްޔާޒުގެ ދިފާއުގައި ނިކުންނަވާނެތީ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕާއި ގައުމީ މަޖިލީހާއި ސަރުކާރުގެ ވަރަށް ތަނަވަސް އަޣުލަބިއްޔަތެއް ފައްޔާޒަށް ތާއީދު ކުރެއެވެ.