މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކޮމްގެ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

May 4, 2022

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން -- ބްރޯޑްކޮމް އިން މުޅިން އަލަށް ދޭން ތައްޔާރުވަމުންދާ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ބްރޯޑްކޮމް އިން މިފަދަ އެވޯޑެއް ދިނުމުގެ ބޭނުމަކީ ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ޑިމޮކްރަސީ އާލާކޮށް ދެމެހެއްޓުމާއި، ގައުމު ބިނާކުރުމާއި، އެކި ދާއިރާތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ.

މައުލޫމާތު މުއްސަނދި ކުރުމުގައި ބްރޯޑްކާސްޓިން ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަދާކުރާ މުހިއްމު ދައުރުގެ އަގުވަޒަންކުރުން ވެސް އެވޯޑް ދިނުމުގެ ބޭނުންތަކުގެ ތެރޭގައި ހިމެނެ އެވެ.

މީގެއިތުރުން ބްރޯޑްކާސްޓިންގެ ސިނާއަތުގެ ތަރައްގީއަށް މަގުފަހިކޮށް ހިތްވަރު ދިނުމަކީވެސް މިފަދަ އެވޯޑެއް ތައާރަފްކުރި ބޭނުމެއް ކަމަށް ބްރޯޑްކޮމް އިން ބުނެ އެވެ.

ބްރޯޑްކާސްޓިން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް"ގެ ނަމުގައި 21 ދާއިރާ އަކުން އެވޯޑް ދިނުމަށް ހަމަޖެހިފައިވެ އެވެ.

މި އެވޯޑަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.