ފައިސަލް ނަސީމް

ކޮވިޑާ ގުޅިގެން ފަތުރުވެރިކަމުން ހަތަރު ބިލިއަން ޑޮލަރު ގެއްލުންވި: ނައިބް ރައީސް

May 4, 2022

ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް 4.6 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނު ކަމުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް މިހެން ވިދާޅުވީ "ޕުޓިން ސަސްޓެއިނަބަލް އެންޑް ރެޒިލިއެންޓް ޓޫރިޒަމް އެޓް ދި ހާޓް އޮފް އެން އިންކްލޫސިވް ރިކަވަރީ" މައުލޫއަށް އދ.ގެ އާންމު މަޖިލީހުގައި މިއަދު ބޭއްވި މަތީ ފެންވަރުގެ ތީމެޓިކް ބަހުސްގައި ތަގުރީރު ކުރައްވަމުންނެވެ.

މިބަހުސް އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ -- ޔޫއެންޑަބްލިއުޓީއޯއާ ގުޅިގެން އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުالله ޝާހިދު އިންތިޒާމު ކުރެއްވި ބަހުސެކެވެ.

ނައިބް ރައީސްގެ ތަގުރީރުގައި ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ކުރި ނޭދެވޭ އަސަރުތައް ބަޔާންކުރައްވަމުން ވިދާޅުވީ އެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ޖީޑީޕީގެ 60 އިންސައްތަ ދަށަށް ގޮސް 4.6 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު ގެއްލުމާ ކުރިމަތިލާން ޖެހުނު ކަމަށެވެ. ރާއްޖޭގައި ފަތުރުވެރިކަން ތަރައްގީކޮށްފައިވާ ގޮތަށް ބައްލަވާލައްވަމުން ވިދާޅުވީ އެއީ އަމިއްލަ ވިޔަފާރިވެރިންނާއި ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރިހަމަ މިސާލެއް ކަމަށެވެ.

ރާއްޖޭގެ ބޮޑުމިނާއި އޮންނަ ސަރަހައްދާއި އަދި ތަރައްގީއަށް ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުވީ ފަހުން 50 އަހަރު ވީއިރު، ފަތުރުވެރިކަމަކީ ރާއްޖޭގެ ޖީޑީޕީގެ 45 އިންސައްތަ ހިއްސާކުރާ އަދި ރާއްޖޭގެ އިގްތިސޯދު ކުރިއަރަމުން އައުމުގެ މައިގަނޑު ބާރަކަށް ވެގެން ގޮސްފައިވާ ކަމުގައި ނައިބް ރައީސް ވިދާޅުވި އެވެ.

ނައިބް ރައީސް ވިދާޅުވީ ކޮވިޑު-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރީ އެކަން ކުރަން މަޖުބޫރުވުމުން ކަމަށެވެ. އޭގެ ފަހުން ބޯޑަރު އަލުން ކާމިޔާބުކަމާއެކު ހުޅުވާލެވި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ފަތުރުވެރިންނަށް ރާއްޖެއަށް ޒިޔާރަތްކުރުމަށް ފުރުސަތު ލިބި، ރާއްޖޭގެ އިގްތިސޯދު މިހާރު ރަނގަޅުވުމުގެ މަގުމަތީގައިވާ ކަމުގައިވެސް ވިދާޅުވި އެވެ. އަދި 2021 ވަނަ އަހަރު އަމާޒު ހިފި އެއް މިލިއަން ފަތުރުވެރިންގެ އަމާޒަށް ވުރެ 30 އިންސައްތަ އިތުރަށް ހާސިލް ކުރެވިފައިވާ ކަންވެސް ފާހަގަކުރެއްވެވި އެވެ.

ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުން ހުރި ކަންކަން ރަނގަޅުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަން ވެސް ފާހަގަކުރެއްވެވި އެވެ. އެގޮތުން މިނިމަމް ވޭޖް ކަނޑައެޅުމުގެ ގާނޫނެއް މި ސަރުކާރުން ވުޖޫދަށް ގެނެސް، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 13،000 އަށް ވުރެ ގިނަ މުވައްޒަފުންނަށް އޭގެ ފައިދާ ލިބިދީފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް އޭގެ ފައިދާ ލިބޭ ގޮތަށް ޓޫރިޒަމް ސިނާއަތުގެ ސާވިސް ޗާޖްގެ ގޮތުގައި 10 އިންސައްތަ ނަގަންޖެހޭ ގޮތަށް ގާނޫނެއް ވުޖޫދަށް ގެނެސްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ނައިބް ރައީސް ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް މަގު ތަނަވަސްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި އަމިއްލަ ވިޔަފާރިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުން މުހިއްމު ދައުރެއް އަދާކުރި ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ސަގާފަތާއި، ތަރިކަ އާއި، ޖަޒީރާވަންތަ ދިރިއުޅުމުގެ ވައްޓަފާޅި ތަޖުރިބާކުރުމުގެ ފުރުސަތު ފަތުރުވެރިންނަށް ތަނަވަސްވާނެހެން ފަތުރުވެރިކަން ރަށްތަކަށް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާއި ހާއްސަކޮށް މި ސިނާއަތުގައި އަންހެނުންނާއި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރަން ކުރަމުން ގެންދާ މަސައްކަތްތައް ވެސް ފާހަގަކުރެއްވެވި އެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ މާސްޓާ ޕްލޭނަކީ ތިމާވެށި ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުންދޭ އަހަންމިއްޔަތު ފެނިގެންދާނެ ޕްލޭނެއް ކަމުގައިވެސް ވިދާޅުވި އެވެ.

ކޯވިޑް-19އިން އަރައިގަތުމަށާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ފަތުރުވެރިކަމަކީ މައިގަނޑު ދައުރެއް އަދާކުރެވިދާނެ ކަމެއްކަން ފާހަގަކުރައްވައި މެންބަރު ގައުމުތަކާއި އެހެނިހެން ކަމާގުޅުންހުރި ފަރާތްތަކާއެކު މަސައްކަތްކުރުމުގެ ޝައުގުވެރިކަން ރާއްޖެއިން އެބަހުރި ކަމުގައިވެސް ނައިބް ރައީސް ފައިސަލް ނަސީމް ވަނީ ވިދާޅުވެފަ އެވެ.