މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ޖަލު އޮފިސަރުން ހޯދަން އައްޑޫގައި ހާއްސަ ހަރަކާތެއް

May 5, 2022
1

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބަލަހައްޓަމުންދާ ޖަލުތަކަށް ބޭނުންވާ ޖަލު އޮފިސަރުން ހޯދަން އައްޑޫ ސިޓީގެ ރަށްތަކުގައި އޯޕަން ޑޭއެއް ބާއްވަން ނިންމައިފި އެވެ.

އަންނަ ހަފްތާ ފުރަތަމަ އޯޕަންޑޭ ބާއްވަން ނިންމާފައިވަނީ މިމަހުގެ އައްވަނަ ދުވަހު ފޭދޫ ސްކޫލުގައި އެ ދުވަހު ހަވީރު 4:00 ޖަހާއިރު އެވެ.

ހިތަދޫގައި ހުންނަ އައްޑޫ ސިޓީ ކައުންސިލް ހިންގާ އިދާރާގެ ހޯލުގައި ވެސް މެއި އައްވަނަ ދުވަހުގެ ރޭ 8:30ގައި އޯޕަން ޑޭއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވެ އެވެ.

މީގެއިތުރުން ހުޅުމީދޫގައި މިމަހުގެ ނުވަވަނަ ދުވަހުގެ ރޭ އައްޑޫ އަތޮޅު މަދުރަސާގެ ހޯލުގައި ވެސް އޯޕަން ޑޭ އެއް ކުރިއަށް ގެންދިއުމަށް ވަނީ އިންތިޒާމުކޮށްފަ އެވެ.

ކަރެކްޝަންސް އިން ބުނީ ޖަލު އޮފިސަރުންނަށް ވުމަށް ޝައުގުވެރިވާ އުމުރުން 35 އަހަރުން ދަށުގެ ކޮންމެ މީހަކަށް ވެސް އޯޕަންޑޭ އަށް ހާޒިރުވެ މައުލޫމާތު ހޯދުމަށްފަހު ވަޒީފާ އަށް ޝައުގުވެރިކަން ފާޅުކުރެވޭނެ ކަމަށެވެ.

އައްޑޫގައި ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކުގައި މައުލޫމާތު ދެއްވާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކަމާ ގުޅޭ އޮފިސަރުންނެވެ.

ޖަލު އޮފިސަރުންނަށް ޝައުގުވެރިވާ މީހުން ހޯދުމަށް އައްޑޫގައި އޯޕަންޑޭ ތަކެއް ބޭއްވުމަށް ނިންމާފައި މިވަނީ މިދިޔަ މާޗް މަހުގެ ތެރޭގައި އައްޑޫގައި ހުޅުވި ފުލުހުންގެ އިންސްޓިޓިއުޓް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒްގައި ޖަލު އޮފިސަރުން ތަމްރީން ކުރާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައި ވަނިކޮށެވެ.

ޖަލުގައި ތިބޭ ގައިދީންނަށް ވުރެ ކަރެކްޝަންސްގެ މުވައްޒަފުންގެ އަދަދު މާބޮޑަށްވެސް މަދުވެ ހިދުމަތް ދިނުމަކީ ކަރެކްޝަނަލް ސާވިސް އިން އަބަދުވެސް ފާހަގަކުރާ މައްސަލަ އެކެވެ.