މާފުށި

މާފުށީ އީދުގައި ބޮޑެތި ޝޯތަކުގެ ލޭޒާ ލައިޓް

May 5, 2022
2

ކުޑަ އީދުގައި މާފުށީގައި ބޭއްވި އީދު ޝޯގައި ދުނިޔޭގެ ބޮޑެތި ޝޯތަކުގައި ބޭނުން ކުރާ ލޭޒާ ބޭނުންކޮށްފި އެވެ.

މި ޝޯ އިންތިޒާމު ކުރި ލިކަމެކް ކުންފުނިން ބުނީ މި ޝޯގައި ބޭނުންކުރި ލޭޒާ ލައިޓްތަކަކީ މިފަދަ ޝޯއެއްގައި ދިވެހި ކުންފުންޏަކުން މި ލައިޓް ބޭނުންކުރި ފުރަތަމަ ފަހަރު ކަމަށެވެ.

މީގެ ކުރިން މިފަދަ ލައިޓްތައް ބޭނުންކޮށްފައިވަނީ މިނިވަން 50 ގައެވެ. އެ ފަހަރު ބޭނުންކުރި ލައިޓް ތަކަކީ ރާއްޖޭން ބޭރުން ކުއްޔަށް ގެނެސްފައިވާ ބޭރު ކުންފުންޏެއްގެ އެއްޗިސެވެ. އަދި ފަހުން މި ލައިޓް ބޭނުންކޮށްފައިވަނީ މާލޭގައި ދާދި ފަހުން ބޭއްވި ސްޕޯޓްސް އެވޯޑުގަ އެވެ.

މާފުށި ޝޯގެ ސައުންޑާއި ލައިޓް ދީފައިވާ އޮފިޝަލް އިންވެންޓުގެ ސީއީއޯ އަހުމަދު އަދުހަމް ވިދާޅުވި ގޮތުގައި ދިވެހި ކުންފުންޏަކުން އިވެންޓުތަކުގައި ބޭނުން ކުރާ އެންމެ ޒަމާނީ މިފަދަ ސާމާނު ގެނެސް ބޭނުން ކުރަން ފެށުމަކީ ފާހަގަ ކުރަން ޖެހޭ ކަމެކެވެ. އަދި މިހާރު އެ ކުންފުނިން ގެނެސްފައިވާ ލައިޓިން ސިސްޓަމްތަކާއެކު ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް މިފަދަ ޝޯއެއްގެ ލައިޓިން ދިނުމުގެ ގާބިލްކަން އެ ކުންފުންޏަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާފުށީގައި ބޭއްވި އީދު ޝޯއަށް އެރަށަށް 5000 އަށް ވުރެ ގިނަ މީހުން ދިޔަ އެވެ. އަދި މި ޝޯއަކީ މިގޮތަށް ގިނަ މީހުން އަރައިގެން ރަށެއްގައި ބޭއްވި އެންމެ ބޮޑު އެއް ޝޯއެވެ. އަދި މިއީ އިގްތިސޯދު ރަނގަޅު މާފުއްޓަށް އެންމެ ގިނައިން މިހާތަނަށް ފައިސާ ވަތް އެއް ދުވަސްކަމަށް ވިޔަފާރިވެރިން ބުނެ އެވެ.