ބޭރު ކުޅިވަރު

ޝައިހް ސަލްމާން ބޭނުންވަނީ ފީފާ ދެ ބައިކޮށްލަން

އޭނާ އަށް ފީފާގެ ރައީސް ކަން ލިބިއްޖެނަމަ އެ ޖަމާއަތް ދެ ބައިކޮށްލާނެ ކަމަށް ފީފާގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާގެ ރައީސް ޝައިހް ސަލްމާން ބިން އިބްރާހީމް އަލް ހަލީފާ ވިދާޅުވެއްޖެ އެވެ.

ބަހުރޭނަށް އުފަން ސަލްމާން ވިދާޅުވީ އޭނާގެ ޒައާމަތުގެ ދަށުން ފީފާ ދެބައިކޮށް އެއްބަޔަށް ކިޔާބީ ފުޓްބޯޅަ ފީފާ ކަމަށާއ އަނެއް ބަޔަށް ކިޔާނީ ބިޒްނަސް ފީފާ ކަމަށެވެ.

މި ގޮތަށް ހެދުމުން ފީފާގެ ފުޓްބޯޅައާ ބެހޭ ބައިން ކުރާނެ ކަމަކީ މުބާރާތްތައް ހިންގުމާއި އިވެންޓްތައް ބޭއްވުމާއި އިދާރީ ހިންގުމެވެ. ފީފާ ބިޒްނަސްއިން ކުރާނެ ކަމަކީ ފަންޑް ހޯދުމާއި މާކެޓިން އާއި ފައިސާގެ އެންމެހާ މުއާމަލާތެކެވެ.

ސަލްމާން ވިދާޅުވީ މި ބަދަލު ގެންނަނީ މިހާރަށްވުރެ ދެފުށް ފެންނަތަނަކަށް ފީފާ ހަދައި ކޮރަޕްޝަން ނައްތާލަން ކަމަށެވެ.

ފީފާގެ 209 ގައުމުން އާ ރައީސަކު ހޮވަން ވޯޓުލާނީ އަންނަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ. އިންތިހާބުގައި ފަސް ކެނޑިޑޭޓުން ވާދަކުރެ އެވެ. ފީފާގެ އާ ރައީސަކު ހޮވަން އިންތިހާބު މިބާއްވަނީ ޖެހިޖެހިގެން ފަސް ވަނަ ދައުރަކަށް ހޮވުނުތާ ތިން ދުވަސް ފަހުން އިސްތިއުފާ ދެއްވައި އާ ރައީސަކު ހޮވަން އިންތިހާބު ބާއްވަން މިހާރުގެ ރައީސް ސެޕް ބްލެޓާ ނިންމެވުމުންނެވެ. އޭގެ ފަހުން ފީފާގެ އެތިކްސް ކޮމިޓީން ވަނީ މި މަހު މެދުތެރޭގައި ކޮރަޕްޝަނުގެ ތުހުމަތުގައި އަށް އަހަރަށް ފުޓްބޯޅައިގެ ހަރަކާތްތަކުން ބްލެޓާ ސަސްޕެންޑްކޮށްފަ އެވެ.