ބޭރު ކުޅިވަރު

ރޮނާލްޑޯގެ ދެ ގޯލުން ރެއާލް އެއްވަނަ އަށް

ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް ސޮސިއޭޑާޑް ކޮޅަށް ޖެހި ދެ ގޯލާއެކު 3-1އިން މޮޅުވެ ސްޕެނިޝް ލީގުގެ ތާވަލުގެ ކުރިއަށް ރެއާލް މެޑްރިޑް ޖެހިލައިފި އެވެ.

މިރޭގެ މެޗުގައި ދެ ގޯލު ޖެހުމުގެ ކުރިން ރޮނާލްޑޯ ވަނީ ޕެނަލްޓީ އެއް މިސްކޮށްލައިފަ އެވެ. އޭގެ ފަހުން އޭނާ ދެ ގޯލު ޖަހާފައިވަނިކޮށް ފަހު ގޯލު ޖެހީ ލޫކަސް ވަޒްކުއޭޒް އެވެ. ސޮސިއެޑާޑްގެ ހަމައެކަނި ގޯލު ޖެހީ ބުރުމާ އެވެ.

މި މެޗުން މޮޅުވުމުން ރެއާލް އެއްވަނާގައިވަނީ 17 މެޗުން 36 ޕޮއިންޓާއެކުގަ އެވެ. އެކަމަކު އެތްލެޓިކޯ މެޑްރިޑާއި ބާސެލޯނާ މިރޭ ކުޅޭ މެޗުތަކުން މޮޅުވެއްޖެނަމަ އެ ދެ ޓީމަށްވުރެ ފަހަތަށް ރެއާލް ވެއްޓޭނެ އެވެ.

ރެއާލް އެއްވަނާގައި އޮތީ ބާސެލޯނާ އަށްވުރެ ދެ މެޗު އިތުރަށް ކުޅެގެންނެވެ. ބާސެލޯނާ އާއި އެތްލެޓިކޯ އަށް ލިބިފައިވަނީ 35 ޕޮއިންޓެވެ.