ފައްޔާޒް އިސްމާއީލް

ސަރުކާރާ ދުރަށް ދެވޭކަށް ނެތް: ފައްޔާޒު

May 8, 2022
1

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރާ ފެއަށް ޖެހެވެން ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަމުން ގެންދަވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީން ބޭނުންވާ ގޮތަށް ސަރުކާރު ނުހިނގާ ކަމަށް ވިދާޅުވެ އެމްޑީޕީން ސަރުކާރާ ވަކިވުމަށް ރައީސް ނަޝީދު ގޮވާލައްވާފައި ވަނިކޮށެވެ.

ރައީސް ނަޝީދު މީގެ ކުރިން ވަނީ މިނިސްޓަރު ފައްޔާޒަށް ކޮރަޕްޝަންގެ ތުހުމަތުކުރައްވާ އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށްވެސް އެދިވަޑައިގެންފަ އެވެ. އަދި ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވައިގެން މަގާމުން ވަކިކުރެއްވުމަށްވެސް މަސައްކަތް ކުރައްވާފައިވެ އެވެ.

މިކަންކަމާ ގުޅުވާ މިނިސްޓަރު ފައްޔާޒު ރޭ ވިދާޅުވީ ރައީސް ނަޝީދު އެދިވަޑައިގެންނެވި ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރާ ދުރަށް ވަޑައިގެންނެވެން ނެތް ކަމަށެވެ.

ފުވައްމުލަކުގައި ސަޕޯޓަރުންނާ އެކު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ ދިވެހި ރައްޔިތުން އެދޭ ކަންކަން ކޮށްދީ ރައްޔިތުންނަށް ދިމާވެފައި ހުރި މައްސަލަތައް ހައްލުކޮށްދެވޭނީ އެމްޑީޕީއަށް ކަމަށެވެ. ރައްޔިތުންގެ ކަންކަން ކޮށްދެވޭނީ އެމްޑީޕީން ސަރުކާރާ އެކު އޮވެގެން ކަމަށާއި އެހެންކަމުން ސަރުކާރާ ދުރަށް ޕާޓީން ދިއުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

"ސަރުކާރާއި އެއްކޮށް މަސައްކަތް ކުރަން ގޮތްތަކެއް ހޯދުން މީގައި އޮންނާނެ އެންމެ ރަނގަޅު ގޮތަކީ" ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެމްޑީޕީން ސަރުކާރު ދޫކޮށްލައިފިނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލޭނެ ކަމަށެވެ. އެގޮތަށް އެމްޑީޕީން ކަންކުރުމަށްފަހު 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ވިސްނުމަކީ ބުއްދިވެރި ކަމެއް ނޫން ކަމުގައިވެސް ވިދާޅުވި އެވެ.

ފައްޔާޒުގެ ކެމްޕޭން ޓީމުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އަމާޒުކުރާ ބޭއަދަބީ ބަސްތަކާއި ކުރާ ފުރައްސާރަ ހުއްޓާލުމަށްފަހު އެކަންކަން ކުރަން ބޭނުންވާނަމަ އޭނާއާ ދިމާލަށް އެ ބަސްތައް ބޭނުންކުރުމަށްވެސް އެދިވަޑައިގެންނެވި އެވެ. އޭނާގެ އަރިހުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަކީ "މެއްސައީ މާބުރު" ކަމަށް ހަދައިގެން ބަޔަކު ވާހަކަ ދެއްކުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމުގައިވެސް ވިދާޅުވި އެވެ.

"އެފަދަ ކަންކަން އަޅުގަނޑަށް ހަޖަމުކުރެވޭނެ،" ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު މިމަހުގެ 14 ވަނަ ދުވަހު ބާއްވާއިރު އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ ޗެއާޕާސަން ހޮވުމުގަ އެވެ.

ޗެއާޕާސަންގެ މަގާމަށް މިނިސްޓަރު ފައްޔާޒުއާ އެކު ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ އެވެ.