މޫސާ ޒަމީރު

ބޮއިކޮޓް ކެމްޕޭންތަކަށް ބިރެއް ނުގަނޭ، ބަލި ކުރާނަން: މިނިސްޓަރު

Dec 31, 2015
  • ޓޫރިޒަމް އާ އުސްމިންތަކަށް ގެންދާނަން
  • ޓޫރިޒަމްގެ އާ އިންވެސްޓްމަންޓްތައް ހުޅުވިއްޖެ
  • ރާއްޖެއަށް ގިނަ ކާމިޔާބީތަކެއް ހޯދިއްޖެ

ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ހިންގާ ކެމްޕޭންތައް ކާމިޔާބު ނުވާ ވަރަށް މަސައްކަތް ކުރައްވާނެ ކަމަށް ޓްއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް ޒިޔާރަތް ކުރާ އަހަރުގެ ހަރަކާތްތައް ފެށުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ މައި އިންޑަސްޓްރީ އަކީ ޓޫރިޒަމް ކަމަށާއި ރާއްޖެއަށް އެންމެ ގިނައިން ބޭރު ފައިސާ ވަންނަނީ ވެސް މި އިންޑަސްޓްރީ އިން ކަމަށެވެ. އަދި އެތައް ބަޔަކާ ގުޅިފައި އޮތް މިފަދަ ބޮޑު އިންޑަސްޓްރީ އެއް ބޮޔެކޮޓް ކުރަން ގޮވުމަކީ ވަރަށް ޒިންމާދާރު ކަން ކުޑަ ގައުމު ދެކެ އެއްވެސް ކުލުނެއް ނެތް ބަޔަކު ކުރާ ކަމެއް ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ. އެފަދަ ބަލިކުރެއްވުމަށް މިނިސްޓަރު ވައުދުވެ ވަޑައިގަތެވެ.

"މިފަދަ ކެމްޕޭންތަކަށް އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން. މި ކެމްޕޭންތައް އަޅުގަނޑުމެން ބަލި ކުރެވޭ ވަރަށް އަޅުގަނޑުމެންގެ މަސައްކަތްތައް ރާވާނަން. މި ކެމްޕޭންތައް އަޅުގަނޑުމެންނަށް ބަލި ކުރެވޭނެ،،" މިނިސްޓަރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން މިދިޔަ ދެ އަހަރު ޓޫރިޒަމް ބޮޑެތި ކާމިޔާބުތަކެއް ހޯދި ކަމަށެވެ. އެގޮތުން ޝަރަފުވެރި އެވޯޑްތައް ރާއްޖެއިން ގެނައިރު ޓޫރިޒަމް ސިނާއަތުގައި ހުރި މައްސަލަތަކަކަށް ހައްލު އައި ކަމަށް ޒަމީރު ވިދާޅުވި އެވެ. އެގޮތުން ވަކި ވަރަކަށް ވުރެ ބޮޑެތި އިންވެސްޓްމަންޓްތަކަށް ނަގާ ލޯނުތަކަށް ދައުލަތުން ގެރެންޓީ ދިނުމާއި ނުހެދި ރިސޯޓް ހެދުމަށް ގެންނަ ތަކެތިން ޑިއުޓީ ކަނޑާލުމަށް ނިންމި ނިންމުމުގެ ސަބަބުން ދާއިރާއަށް އާރޯކަން ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އިންޓަގްރޭޓެޑް ޓޫރިޒަމްގެ މަޝްރޫއުތަކާއި އައްޑޫގެ އެއާޕޯޓް ބޮޑު ކުރުމުގެ މަޝްރޫއާ އެކު ޓޫރިޒަމްގެ އިންވެސްޓްމަންޓްތަކަށް ފުރުސަތުތައް ވަނީ ހުޅުވިފަ އެވެ.

"ފުރުސަތުތައް މިވަނީ ދާއިރާ އިން ވެސް ހުޅުވިފައި. ކުރިއަށް މި އޮތް އަހަރަކީ ޓޫރިޒަމް އިތުރު އުސްމިންތަކަކަށް ދާނެ އަހަރެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އައްޑު އަތޮޅާއި އެހެން ވެސް ޓޫރިޒަމް ނެތް ދާއިރާތަަކަށް އެ ދާއިރާގެ މަންފާ ގެންދިޔުމަށް ރައީސް ކުރައްވާ މަސައްކަތް ކާމިޔާބު ކަމަށެވެ. ޒަމީރު ވިދާޅުވި ގޮތުގައި، އައްޑޫ އަތޮޅު އިސްމެހެލަހެރައަށް ގިނަ ބަޔަކު ޝައުގުވެރުވެފައި ތިބި ކަމަށެވެ. އަދި ބޮޑެތި އިންވެސްޓް ކުރާ ފަރާތްތަކަށް ކޯޕަރޭޓް ވިސާ ހަމަޖެއްސުމުން ގިނަ އިންވެސްޓަރުންތަކެއް ރާއްޖެ އަންނަން ޝައުގުވެރިވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިޒިޓް މޯލްޑިވްސް އިޔާ ކެމްޕޭނާ އެކު ރާއްޖޭގެ ޓޫރިޒަމަށް އާރޯކަން ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.