ހަބަރު

ޓަޓްވާގެ އެއްބަސްވުން ބާތިލްކޮށް، ކުނި ނައްތާލަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނަށް

Dec 31, 2015
1
  • ޓަޓްވާގެ އެއްބަސްވުމުގައި އެއްގަލަކަށް ނޭރުނު
  • ކުނު އުކާލަން ރަނގަޅު ނިޒާމެއް ގާއިމް ކުރާނެ
  • ކުނި ނައްތާލާ ސަރަހައްދު ބަަދަލު ކުރާނެ

މީގެ ކުރިން އުވާލަން ނިންމާފައިވާ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ މަސައްކަތްތައް އަލުން ފަށައިގަނެ، މާލެ ސަރަހައްދުގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތް އެ ކުންފުންޏާ ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.

މިއަދު ހެނދުނު އެންވަޔަރުމަންޓް މިނިސްޓްރީގައި ބޭއްވި ކުޑަ ހަފްލާއެއްގައި ކުނި މެނޭޖްކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދު އެވެ. އަދި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ.

މާލޭގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތް މީގެ ކުރިން ހަވާލުކުރީ އިންޑިޔާގެ ޓަޓްވާ ގްލޯބަލް ރިނިއުބަލް އެނާޖީ ކުންފުންޏާ އެވެ. އެހެން ނަމަވެސް އެކި މައްސަލަތައް ދިމާވެ އެ މަސައްކަތް އެ ކުންފުނިން ނުކުރެ އެވެ. އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭ އުވާލަން ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ނިންމަވާފައިވީ ނަމަވެސް ރައީސް އަބްދުﷲ ޔާމިން ވަނީ އެ ނިންމުން ބަދަލު ކުރައްވައިފަ އެވެ.

އެންވާރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ތޯރިގު އިބްރާހިމް ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުން މާލެއިން ކުނި ނައްތާލުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ޓަޓްވާ ކުންފުންޏާއި އެކު ސޮއިކޮށްފައި އޮތް އެގްރީމަންޓްގެ ސަބަބުން ބައެއް މަސައްކަތްތައް އެކަށީގެންވާ ބާރު މިނުގައި ގެންދަން އުނދަގޫވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކި މަޝްވަރާތަކަށް ފަހު މިމަހު 13 ގައި އެ އެގްރީމަންޓް ނިމުމަކަށް ގެނެވިފައިވާ ކަމަށެވެ. 

"އެހެންވީމަ މިހާރު ރައްކާތެރި ގޮތަކަށް ކުނި ނައްތާލުމުގެ މަސައްކަތް ކުރުމަށް އަޅުގަނޑުމެންނަކަށް ހުރަހެއް ނެތް. އަދި އެއާއެކު މިހާރު މިވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ބޯޑްގެ މެމްބަރުން އަލުން އައްޔަންކޮށް އެކުންފުނި ހިނގައި ގަނެ މި މަސައްކަތް ހަވާލުކުރެވިފައި. މިކަންތަކުގެ ސަބަބުން މާލެއާ ރާއްޖޭގެ ވޭސްޓް މެނޭޖްމަންޓަށް އިނގިލާބީ ބަދަލެއް އަންނާނެ،" ތޯރިގު ވިދާޅުވި އެވެ.

މާލެ އިން ކުނި މެނޭޖް ކުރުމުގެ ގޮތުން ކުރިޔަށް ދާނެ ބައެއް މަސައްކަތައް އަލިއަޅުވާލައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދު ވިދާޅުވީ މާލޭ މަގުތަކުގައި މިހާރު ކުނި އުފުލުމުގެ މަސައްކަތް ކުރާ ގޮތުން އާންމުންނަށް ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އެހެން ކަމުން ކުނި އުކާލުމަށް ކަލެކްޝަން ސާވިސް އެއް އުފައްދާ އެމަސައްކަތް ފުރިހަމަޔަށް ކުރަން ފަށާނެ ކަމަށް ވިދާޅުވި އެވެ. އެއަށްފަހު މާލެއިން ކުނި ބޭރު ކުރުމަށް މިހާރު ބޭނުން ކުރަމުން އަންނަ ދެ ސަރަހައްދު [ތިން ރުއް ޕާކު ކައިރި އަދި ސްޓޭޑިއަމް ފުރަގަހުގައި] އެކަން ކުރުމުގެ ބަދަލުގައި އެއަށް ވުރެ މާ ރަނގަޅަށް ތިމާވެއްޓަށް ރައްކާތެރި ގޮތަކަށް ބަދަލު ކުރަން ރާވައިފާ ވާނެ ކަމަށް ފުއާދު ވިދާޅުވި އެވެ.

މާލެ އާއި ރަށްރަށުން ކުނި ނައްތާލުމުގެ މަސައްކަތަށް ބޭނުންވާ ކޮޅުވެއްޓިއަކާއި ބާޖުގެ އިތުރުން އެހެން ސާމާނު ގަންނަން 150 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އަދި މާލެއިން ކުނި ނައްތާލުމުގެ މަސައްކަތަށް ބޭނުންވާ އިކުއިޕްމަންޓް ހޯދަން 23 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވެ އެވެ.