ވިޔަފާރި

ޓެކުހަށް މަކަރު ހެދުން ހުއްޓުވަން ރާއްޖެ-އިންޑިއާ އެއްބަސްވުމަކަށް

Dec 31, 2015

ޓެކްސް ދެއްކުމުގައި މަކަރު ހެދުން ކުޑަ ކުރުމަށް ރާއްޖެއާ އެކު އެއްބަސްވުމެއްގައި ސޮއި ކުރަން އިންޑިއާ އިން ނިންމައިފި އެވެ.

ޓެކްސް ދެއްކުމުގައި މަކަރު ހެދުމުގެ އަމަލުތައް ހުއްޓުވައި އެފަދަ ކަންތައްތައް ހިންގާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ދެ ގައުމުގެ ދެމެދުގައި އެގްރިމަންޓެއްގައި ސޮއި ކުރުމަށް އިންޑިއާގެ ކެބިނެޓުން އިއްޔެ ހުއްދަ ދީފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުންޏެވެ. ނޫސްތަކުން ބުނި ގޮތުގައި، އެ އެގްރިމަންޓްގެ ދަށުން ދެ ގައުމުގެ ޓެކްސް އިދާރާތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމާއި އެފަދަ މައްސަލަތައް ތަހުގީގު ކުރުމަށް އެއްބާރުލުން ދޭނެ އެވެ.

ޓެރަރިޒަމާ ދެކޮޅަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް ވެސް ދާދިފަހުން އިންޑިއާ ރާއްޖެ އެގްރިމަންޓެއްގައި ސޮއި ކުރަން ނިންމި އެވެ. އިންޑިއާ-ރާއްޖެ އަންނަނީ އަސްކަރީ، ސިއްހީ އަދި އިގްތިސާދީ ދާއިރާ އިން މިހާރު ވެސް އެއްބާރުލުން ދެމުންނެވެ.

މިފަހަކަށް އައިސް ރާއްޖެ އިންޑިއާގެ ގުޅުން އަންނަނީ ކުރިއެކޭ އެއްގޮތަށް ބަދަހިވަމުންނެވެ.