މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

މޫސުމީ އިންޒާރާއެކު ހުޅަނގު ފަށައިފި

ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން އިއުލާނު ކޮށްފި އެވެ.

މެޓް އޮފީހުން ބުނި ގޮތުގައި މިއަހަރުގެ ހުޅަނގުގެ މޫސުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ފެށިފައި ވަނީ މިމަހުގެ އަށްވަނަ ދުވަހުން ފެށިގެންނެވެ.

މެޓް އޮފީހުން ރާއްޖެއަށް ހުޅަނގު މޫސުން ފެށިއްޖެ ކަމަށް ނިންމާފައި ވަނީ ވަކި މިންގަނޑުތަކަކަށް ބެލުމަށް ފަހުގަ އެވެ. އެގޮތުން މޭ މަހުގެ އެއްވަނަ ދުވަހުގެ ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އިތުރަށް ވާރޭ ވެހިފައިވެ އެވެ. އަދި މި ހާލަތު ވިދިވިދިގެން ދެ ދުވަހަށްވުރެ އިތުރަށް ދެމިގެން ގޮސްފައިވާކަން ފާހަގަ ކޮށްފައިވެ އެވެ.

މީގެ އިތުރުން ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށް ބާރުމިނުގައި ވައި ޖެހިފައިވާ ކަމަށް މެޓުން ބުންޏެވެ. އަދި މިހާލަތު ވިދިވިދިގެން ދެ ދުވަހަށްވުރެ އިތުރަށް ދެމިގެން ގޮސްފައިވާތީ އެ މިންގަނޑަށް ފެތޭ ކަމަށް އެ އޮފީހުން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން ދެމިގެން ދަނީ ގާތްގަނޑަކަށް ޖެނުވަރީ މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. މެޓުން ބުނީ ހުޅަނގު މޫސުމަކީ ގާތްގަނޑަކަށް މޭ މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ.

ހުޅަނގު މޫސުމުގެ އަސަރު އެންމެ ފުރަތަމަ ކުރަނީ ރާއްޖޭގެ ދެކުނަށެވެ. އޭގެ ފަހުން މެދުރާއްޖެތެރެއަށް ފޯރުމަށްފަހު މޭ މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުމުގެ އަސަރު ފޯރާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސްވެފައިވާއިރު، މެޓް އޮފީހުން މިހާރު ވެސް ވަނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަަކށް ރީނދޫ ސަމާލު ނެރެފަ އެވެ. އެގޮތުން ގދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިއަދު ހެނދުނު 7:30 އިން ފެށިގެން ހަވީރު 4:00 ގެ ނިޔަލަށް ވަނީ ރީނދޫ ސަމާލު ނެރެފަ އެވެ.

މި ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހި، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ވަނީ ހއ. އަތޮޅުން ފެށުގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ވެސް ނެރެފަ އެވެ.