ބޮލީވުޑް

އާތިފް އަސްލަމްގެ "އެންމެ ސަޅި" 10 ލަވަ

Dec 31, 2015

އާއަހަރުގެ ފެށުން ފާހަގަކުރުމަށާއި ވިޒިޓް މޯލްޑިވްސް އިޔާ ފާހަގަކުރުމަށް މިރޭ ކާނިވަލްގައި ބާއްވާ ޝޯގައި ޕާކިސްތާނަށް އުފަން ބޮލީވުޑްގެ ލަވަކިޔުންތެރިޔާ އާތިފް އަސްލަމްގެ ޖާދުވީ އަޑުން ހިތްގައިމު ލަވަތައް ހުށަހަޅައިދިނުމަށް ވަނީ ނިންމާފަ އެވެ. ހަމަ ޔަގީނުން ވެސް އޭނާ ދެކިލައި އެ ރީތި އަޑުން ލަވައެއް އަހާލަން ބޭނުންވާނެ ކިތަންމެ ދިވެހިންނެއް ތިބޭނީ ކެތްމަދުވެފަ އެވެ. މިރޭ ޝޯގައި ލަވަކިޔަން ރޭ ދަންވަރު ރާއްޖެ އައި އާތިފުގެ ތައާރަފަކަށް ދެން ބަލައިލަމާ ހިނގާށެވެ.

އާތިފް ބެލުންތެރިންގެ މެދުގައި މަގުބޫލުވެގެން ގޮސްފައިވަނީ 2006 ވަނަ އަހަރު ނިކުތް ހިންދީ ފިލްމު "ޒެހެރް" އަށް ކިޔައިދީފައިވާ "ވޯ ލަމްހޭ" ލަވައިންނެވެ.

އޭނާގެ ރަންއަޑުގެ ޖާދޫގައި ނުޖެހޭ މީހަކު ނެތް އިރު، އޭނާގެ ރީތި ބުރުސޫރައިގެ ސަބަބުން ވެސް އޭނާއާ ހެދި މޮޔަވެ އާވާރާވެފައިވާ އެތަކެއް ފޭނުންނެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަތިއްބެވެ. ބޮލީވުޑްގެ ފިލްމުތަކަށް އާތިފް ލަވަކިޔައިދޭން ފެށިފަހުން އޭނާގެ ހިތްގައިމު އަޑުން ކިޔާލާފައިވާ ލަވައެއް ހިމަނާނުލާ ފިލްމެއް އުފައްދަން ޕްރޮޑިއުސަރުން ބޭނުންވި ނުވި އިރެއްވެސް ދިޔަ އެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އޭނާގެ ޖާދޫވީ އަޑުން ކިޔާފައިވާ ލަވަތަކުގެ ސަބަބުން ފިލްމުތައް ހަމަ މާ މަޝްހޫރު ވަނީ އެވެ.

ލޯބީގެ ހިތްގައިމު މަޑުމައިތިރި އެތަކެއް ލަވައެއް މިހާތަނަށް އާތިފް ކިޔައިދީފައިވާއިރު، މިލަވަތަކުގެ ތެރެއިން ބެލުންތެރިންގެ ހިތުގައި އަދިވެސް ބިންވަޅު ނެގިފައިވާ މަޝްހޫރު ރިތި ލަވަތަކެއް އޭނާ ވަނީ ކިޔައިދީފަ އެވެ. ދެން މިގެނެސްދެނީ އޭނާގެ އެންމެ މަގުބޫލު ނޫނީ ސަޅި 10 ލަވަ އެވެ.

1. ކުޗް އިސްތަރާ ތެރި ޕަލްކޭ

އާތިފްގެ ރީތި އަޑުގެ ޖާދޫގައި ބެލުންތެރިން ޖެހުނު ހިސާބަކީ މިލަވަ އެވެ. ދެހާސް ހަވަ އަހަރުގެ ޑިސެމްބަރު މަހުގައި ނެރުނު މިއަލްބަމަކީ އާތިފް ފުރަތަމަ އިންޓާނޭޝަނަލް އަލްބަމެވެ. ޕާކިސްތާނުގެ އިތުރުން އިންޑިއާގައިވެސް މިއަލްބަމް ރިލީޒްކޮށްފައިވާއިރު، މިއަލްބަމްގެ ލަވަތައް ވަނީ ގިނަ ދުވަސްތަކެއް ވަންދެން އެކި ޗާޓްތަކުގެ ކުރީގައި އުޅެފަ އެވެ. މިއަލްބަމްގެ ކާމިޔާބީއާއެކު ބޮލީވުޑް ފިލްމުތަކަށް ލަވަކިޔަން ފުރުސަތުތައް އާތިފަށް އޮހެން ފެށި އެވެ.

2. ދޫރީ

"ދޫރީ" މިލަވަ އަކީ "ދޫރީ" އަލްބަމްގެ ޓައިޓަލް ލަވަ އެވެ. މިއަލްބަމްގެ ލަވަތަކުގެ ތެރެއިން މިލަވަނ ވަނީ ސުޕާ ޗާޓްބާސްޓާ އަށްވެފަ އެވެ. އާންމުކޮށް މަޑުމައިތިރި ލަވަތައް ކިޔަ އާތިފް ވަނީ މިލަވައާއެކު އޭނާއަކީ ކޮންމެ ކަހަލަ ލަވައެއްވެސް ކިޔޭނެ މޮޅު ލަވަކިޔުންތެރިއެއްކަން ސާބިތުކޮށްދީފަ އެވެ. މިލަވައިގައި އެކްޓްވެސް އާތިފްކޮށްފައިވެ އެވެ.

3. ތޫ ޖާނެނާ

ދެހާސް ހަތަރު ވަނަ އަހަރު އާތިފް ނެރުނު އަލްބަމް "ޖަލް"ގެ ލަވަތައް ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ ގޯހަރު އާއި އާތިފްއާ ދެމެދު ބޮޑު އަރާރުންގަނޑެއް ފެށިގެން އުޅެނިކޮށް ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު މަހޭޝް ބަޓް ވަނީ މިއަލްބަމްގެ "ވޯ ލަމްހޭ" ލަވަ އޭނާ 2006 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ޒެހެރް" ގައި ހިމެނުމުގެ ހުއްދައަށް އެދިފަ އެވެ. އެންމެފަހުން އާތިފްގެ އަޑުން "ވޯ ލަމްހޭ"ގެ ރިމިކްސް ވާޝަންއެއް ކިޔައި ވަނީ މިފިލްމުގައި ހިމަނާފަ އެވެ. މިހިސާބަކީ އޭނާއަށް ފިލްމުތަކުން ފުރުސަތުތައް އޮހެން ފެށި ހިސާބެވެ. އެގޮތުން މިހާރުގެ ދެލޯބިވެރިންކަމަށްވާ ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފްއާ ދެމެދު ލޯބީގެ ހުޅުކޮޅު ރޯވި ފިލްމުކަމަށްވާ "އަޖަބް ޕްރޭމްކީ ގަޒަބް ކަހާނީ" އަށް އާތިރފް ކިޔައިދީފައިވާ ލަވަ އަކީ ވަރަށް މަޝްހޫރުވި ލަވަ އެކެވެ. ލޯބީގެ މަޑުމައިތިރި މިލަވައިން ރަންބީރާއި ކެޓްރީނާގެ ދެމެދުގައި އޮތް ވަރުގަދަ ކެމިސްޓްރީ ވެސް ވަނީ ބެލުންތެރިންނަށް ފެނިގެންގޮސްފަ އެވެ.

4. ޕިޔާ އޯރެ ޕިޔާ

މިލަވަ އަކީ ހަގީގީ ހަޔާތުގެ ބައިވެރިން ކަމަށްވާ ރިތޭޝް ދޭޝްމުކް އާއި ޖެނެލިއާ ޑިސޫޒާ އަށް ވަރަށް ހާއްސަ ލަވަ އެކެވެ. މިދެތަރިން ގިނަ އަހަރުތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު، ކައިވެނިކުރި ފަހުން ކުޅުނު ފުރަތަމަ ފިލްމު "ތެރެނާލް ލަވް ހޯގަޔާ" ގައި ހިމެނު މިލަވައަކީ ވެސް ވަރަށް މަގުބޫލުވި ލަވަ އެކެވެ. އާތިފް އާއި ޝްރެއާ ގޯޝަލް ކިޔާދީފައިވާ މިލަވައަކީ އެކަކު އަނެކަކު ދެކެވާ އިންތިހާ ލޯބި ބަޔާންކޮށްދޭ ލަވަ އެކެވެ.

5. ތޭރާ ހޯނޭ ލަގާހޫން

މިލަވަ އަކީ ވެސް ރަންބީރާއި ކެޓްރީނާގެ "އަޖަބް ޕްރޭމްކީ ގަޒަބް ކަހާނީ" އަށް އާތިފް އާއި އަލީޝާ ޗިނާއި ކިޔައިދީފައިވާ ލަވަ އެކެވެ. މިފިލްމުގައި ރަންބީރާއި ކެޓްރީނާ ބައްދަލުވެ، ރަންބީރަށް ކެޓްރީނާ ދެކެ ލޯބިވެވުމުން މިލަވައަކީ އޭނަގެ ހިޔާލަށް އަންނަ ލަވައެކެވެ. މިފިލްމަށް އާތިފް ކިޔައދީފައިވާ ދެލަވައަށް ބެލުންތެރިންގެ ފަރާތުން ލިބިގެން ދިޔަ ބޮޑު ތަރުހީބު މިފިލްމު ކާމިޔާބު ވުމުގައި ވަރަށް މުހިންމު ރޯލެއް ކުޅުނެވެ.

6. ޕެހެލީ ނަޒަރްމޭ

ދެޙާސް އަށް ވަނަ އަހަރު ނިކުތް "ރޭސް" އަށް އާތިފް ކިޔައިދީފައިވާ މިލަވައަކީ މަޝްހޫރު ތަރިން ހިމެނޭ ހިންދީ ފިލްމަކަށް އާތިފް ކިޔައިދިން ފުރަތަމަ ލަވަ އެވެ. ސައިފް އަލީ ޚާން އާއި ބިޕާޝާ ބާސޫ އާއި ކެޓްރީނާ ކައިފްގެ އިތުރުން އަކްޝޭ ކަންނާ މުހިންމު ރޯލުން ފެނިގެންދާ މިފިލްމަކީ އެއަހަރު ނިކުތް ފިލްމުތަކުގެ ތެރެއިން ބޮޑު ކާމިޔާބީއެއް ހޯދި އެއް ފިލްމެވެ. އެގޮތުން މިލަވަ އަކީ އަންހެން ކުއްޖެއްގެ ލޯބީގެ ޖާދޫގެ ޖެހިގެން އުޅޭ ފިރިހެން ކުއްޖެއްގެ އިހްސާސްތަކެވެ. މިލަވައިގައި ފެނިގެންދަނީ ބިޕާޝާ އާއި އަކްޝޭ އެވެ.

7. ތޭރޭ ބިން މޭކެއިސޭ ޖިޔާ

އާތިފް އަސްލަމްގެ ނަން ބޮލީވުދްގައި ވިދާލި ލަވަޔަކަށް ހަމަޔަގީނުންވެސް މިލަވަ ވާނެ އެވެ. އޭނާ ބޮލީވުޑްގެ ފިލްމުތަކަށް ލަވަކިޔައިދޭން ފެށި އަހަރު، 2006 ގައި ނިކުތް "ބަސް އޭކް ޕަލް" އަށް ކިޔައިދީފައިވާ މިލަވަ އަކީ އާތިފްގެ ލަވަތަކުގެ ތެރެއިން އެންމެ ގިނަބަޔަކު ހަނދާން ހުންނާނެ ލަވަ އެވެ. މިފިލްމު ބޮކްސް އޮފީހުގައ ފްލޮޕްވި ނަމަވެސް އޭނާގެ މިހަތަނަށް ކިޔައިދީފައިވާ އެންމެ ރީތި ލަވަތަކުގެ ލިސްޓެއް އެކުލަވާލާނަމަ މިލަވަ ނުހިނަމައި އެލިސްޓެއް ފުރިހަމައެއް ނުވާނެ އެވެ.

8. އާދަތް

އާތިފް އެންމެ ރީތި ދިހަ ލަވައިގެ ލިސްޓެއް އެކުލަވާލާނަމަ، މިލަވަ ނުހިމަނާ އެލިސްޓެއް ފުރިހަމައެއް ނުވާނެ އެވެ. އޭނާ 2005 ވަނަ އަހަރު ބޮލީވުޑްގެ ފިލްމުތަކަށް ލަވަކިޔައިދޭން ފެށިފަހުން ހިންދީ ފިލްމަކަށް ފުރަތަމަ ކިޔައިދިން ލަވައަކީ މިއީ އެވެ. އެންމެ ފުރަތަމަ އޭނާ "ޒެހެރް" އަށް ކިޔައިދިން ލަވައަކީ ކުރިން އޭނާގެ އަމިއްލަ އަލްބަމަކަށް ކިޔައިދީފައިވާ ލަވަ އެކެވެ. އަނބިމީހާ ވަކިވެ ދިއުމުގެ ވޭން ހިތުގައި އަޅަމުން ދިޔަ މީހަކު އޭނާއާއި ނުލައި އުޅެން ޖެހިފައިވުމުން ހިތުގެ އުދާސްތައް ބަންޑުންކޮށްލާފައިވާ މިލަވައަކީ ވެސް އާތިފްގެ ލަވަތަކުގެ ތެރެއިން އެންމެ މަޝްހޫރުވި އެއް ލަވަ އެވެ. ކުނާލް ކޭމޫ އާއި ސްމައިލީ ސުރީ ލީޑްރޯލުން ފެނިގެން ގޮސްފައިވާ މިފިލްމަކީ "ކަލްޔުގް" އެވެ.

9. ބާހުދާ ތުމްހީ ހޯ

ބަތަލާ ވިދްޔާ ބާލަން އާއި ޝާހިދު ކަޕޫރުގެ "ކިސްމަތް ކަނެކްޝަން" އަށް އަތިފް ކިޔައިދީފައިވާ މިލަވަ އަކީ ވެސް ހިތްގައިމު ރީތި ލަވައެކެވެ. މިފިލްމު ކުޅުނު ދުވަސްވަރު މިދެތަރިންގެ ދެމެދުގައި ހާއްސަ ގުޅުމެއް އޮތް ކަމަށާއި އަދި މިދެތަރިން އުޅެނީ ލޯބީގެ ގޮތުން ގުޅިގެންކަމަށް ދެކެވުނު ވާހަކަތަކާއި ގުޅިގެން މިފިލްމަށާއި މިފިލްމުގެ ލަވަތަކަށް ބެލުންތެރިންގެ ހާއްސަ ސަމާލުކަމެއް ވަނީ ލިބިފަ އެވެ. މިލަވަ އަކީ މިފިލްމުގައި ޝާހިދަށް ވިދްޔާދެކެ ލޯބިވެވިގެން އޭނާގެ ހިތުގައ ވިދްޔާއަށްޓަކައި އުތުރި އަރާއި އިހްސާސްތައް ބަންޑުންކޮށްލާ ލަވަ އެކެވެ.

10. ބޭ އިންތިހާ

"ރޭސް" ސިލްސިލާގެ ދެވަނަ ފިލްމު "ރޭސް 2" އަށް އާތިފް ކިޔައިދީފައިވާ "ބޭ އިންތިހާ" ލަވަ އަކީ ދެވަނަ ފިލްމުގެ ހިމެނުނު ލަވަތަކުގެ ތެރެއިން އެންމެން މަޝްހޫރުވި އެއް ލަވަ އެވެ. ދިޕިކާ ޕަދުކޯން އާއި ސައިފް އަލީ ޚާން ފެނިގެންދާ މިލަވަ އަކީ އިންތިހާއަށް އަކަކު އަނެކަކު ދެކެވާ ލޯބި ބަޔާންކޮށްދިފައިވާ ލަވަ އެކެވެ. ތުރުކީގެ ހިތްގައިމު މަންޒަރުތަކުން މިލަވައަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާއިރު، މިލަވައިން އާތިފްވެސް ފެނިގެންދެ އެވެ.

ހަމަ ޔަގީނުން ވެސް މި ލަވަތައް އާތިފް މިރޭ ސްޓޭޖްގައި ހުށަހަޅައި ދޭނެ ކަމަަށްބެލެވެ އެވެ. އިންތިޒާރު ކޮށްލައްވާށެވެ!