ކްރިމިނަލް ކޯޓް

ލުތުފަރުގެ މަރު: މިމަހު ހެކިބަސް ނަގާ ނިންމާލަނީ

ށ. ޅައިމަގު "ކުރިމަގު" ބޯޓުގައި މަސައްކަތް ކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރު މަރާލި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުން މި މަހު ނިންމާލާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

މި މައްސަލައިގައި އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ އަލަމިން، ނޫރުލްއިސްލާމް އަދި އެމްޑީ އަހްތަރު ހުސެއިން އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައިވަނީ ހެކިބަސް ނެގުމުގެ އަޑުއެހުމެކެވެ. ހަތަރު ހެކިވެރިންގެ ހެކިބަސް ނެގުމަށް ނިންމާފައިވީ ނަމަވެސް ހެކިބަސް ނެގުނީ އެންމެ މީހެއްގެ އެވެ.

މިއަދުގެ އަޑުއެހުމުގައި ހެކިބަސް ދީފައި ވަނީ ހާދިސާ ހިނގިއިރު ޅައިމަގު ކައުންސިލްގެ ނައިބަކަށް އޭރު ހުންނެވި އަބްދުﷲ ޝަނޫންގެ ހެކިބަހެވެ.

އޭނާ ވިދާޅުވެފައިވަނީ ހާދިސާ ހިނގިރޭ ބަނދަރު ކައިރީ ހުރި ޖޯއްޔެއްގައި އޮއްވައި ކުރިމަގު ބޯޓު އޮތް ދިމާލުން ސިއްސައިގެންދާވަރުގެ ބާރު އަޑެއް އިވުނު ކަމަށެވެ. އެއީ މޫދަށް އެއްޗެއް ވެއްޓޭފަދަ އަޑެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެ އަޑު އިވުމުން އެއީ ކޮން އަޑެއްތޯ ބަލަން އެ ދިމާލަށް ނުދާކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި ކުރިމަގު ބޯޓުގެ ކައްޕި، އަލީ ޝަރީފްގެ ހެކިބަހާއި އިތުރު ދެ މީހެއްގެ ހެކިބަސް ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ނެގޭގޮތް ވަނީ ނުވެފަ އެވެ.

ދައުލަތުން ބުނެފައިވަނީ މި މައްސަލައިފައި ރިޕޯޓުތައް ތައްޔާރުކުރި ފުލުސް އޮފިސަރުންނާއި އާންމުންގެ ފަސް މީހެއްގެ އިތުރުން ބަންގްލަދޭޝްއަށް ނިސްބަތްވާ ބައެއް ވެސް ހެކިބަސް ދޭނެ ކަމަށެވެ.

ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވެފައިވަނީ މިމަހުގެ 24 އަދި 28 ވަނަ ދުވަހު ހުރިހާ ހެކިވެރިންގެ ހެކިބަސް ނަގާ ނިންމާލާނެ ކަމަށެވެ. ހެކިން ހާޒިރުކޮށް ނުދެވިއްޖެނަމަ ދެން އެ ފުރުސަތު ނުދެއްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލައިގައި ދިފާއުން އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެ އެވެ.

ލުތުފަރު މަރާލާފައިވަނީ އޭޕްރީލް 22، 2019 ގައެވެ. ފުލުހުން އޭރު ބުނެފައިވަނީ ލުތުފަރު މަރާލާފައިވަނީ އެ ބޯޓުގައި މަސައްކަތްކުރާ، ދައުވާ އުފުލާފައި ތިބި މީހުންނާ އެކީ ގަދަކަމުން އެއް ޖިންސުން ގުޅުން ހިންގަން އުޅުމުން ކަމަށެވެ. އޭނާ މަރާލުމަށްފަހު ކަނޑު ފައްތާފައިވާ ކަމަށް ވެސް ބުންޏެވެ.

އެމީހުންގެ މައްޗަށް ދައުލަތުން އުފުލި ދައުވާގައި ބުނެފައިވަނީ އެ ތިން މީހުން ލުތުފަރު މަރާލީ އޭނާ ބޯޓުުގެ ތައްޓު މައްޗަށް ވައްޓާލައި ނޭވާ ހާސްކޮށްލައިގެން ކަމަށެވެ. އެގޮތުން އަލަމިން، ލުތުފަރުގެ ފައިގައި ހިފަހައްޓައިގެން ހުރި އިރު، ނޫރުލްއިސްލާމް ގެންދިޔައީ ލުތުފަރުގެ އަނގަ އާއި ނޭފަތުގައި އަތް އަޅައި ނޭވާ ހާސްކުރަމުން ކަމަށް ދައުވާގައިވެ އެވެ. އަދި އެމްޑީ އަހްތަރު ހުސެއިން ލުތުފަރުގެ ކަރުގައި ހިފައި ނޭވާ ހާސްކުރަމުން ދިޔަ ކަމަށް ދައުވާގައިވެ އެވެ.

ލުތުފަރު މަރާލި ކަމަށް ކުރިން ދައުވާ ލިބޭ މީހުން އިއުތިރާފްވެފައިވީ ނަމަވެސް ފަހުން އެމީހުން ވަނީ ކުށަށް އިންކާރުކޮށްފަ އެވެ.