ހަބަރު

މާދަމާއިން ފެށިގެން ކުނި ބާޖުތައް މީރު ބަހުރު ބަނދަރަށް ބަދަލުކުރަނީ

ތިން ރުއްޕާކް ކައިރި ސަރަހައްދުގައި ބަހައްޓާފައި ހުންނަ ކުނި ބާޖުތައް މާދަމާއިން ފެށިގެން މާލެ އަންނަ ބޯޓުތައް ބަނދަރުކޮށްފައި ހުންނަ މީރުބަހުރު ބަނދަރަށް، ބަދަލުކުރަން ހައުސިން މިނިސްޓްރީ އާއި އެ ބަނދަރު ހިންގާ އެމްޕީއެލް އިން އެއްބަސްވެ، ސޮއިކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ކުނި ބާޖުތައް އެމްޕީއެލް ސަރަހައްދަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު އެވެ. އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އެވެ. އަދި އެމްޕީއެލްގެ ފަރާތުން އެ ތަނުގެ ސީއީއޯ އިބްރީމް ޝަރީފް އެވެ.

އެ އެއްބަސްވުމުގެ ދަށުން ކުނި ބާޖު ބާއްވަން ނިންމާފައިވަނީ މީރު ބަހުރު ބަނދަރުގައި އެފަދަ ބާޖު ބާއްވަން ހުސްކޮށްފައި އޮންނަ ޖާގައެއްގަ އެވެ. ބާޖުތައް އެތަނަށް ބަދަލުކުރުމުން ދަތުރުވެރިންނަށް ވާ ދަތި ކުޑަކުރުމަށްޓަކައި ކުނިވާ ޒާތުގެ ކުނި އެ ބާޖުތަކަށް ނާޅާ ގޮތަށް ނިންމާފައިވާ ކަމަށް އެމްޕީއެލް އިން ބުންޏެވެ. އަދި އެ ބާޖުތަކަށް ކުނިއުކަން އަންނަ ލޮރީތައް މޮނިޓާކުރެވި، ކުނީގެ ގޮތުގައި އުކާލާ ތަކެތި ހޮވައިގެން ވިޔަފާރިކުރަން މަސައްކަތް ކުރާ މީހުންވެސް ފާހަގަކޮށް އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެމްޕީއެލުން ވަނީ ބުނެފަ އެވެ.

ކުނި ބާޖުތައް އެ ބަނދަރަށް ބަދަލުކުރަން ހައުސިން މިނިސްޓްރީން ނިންމީ، ބާޖުތައް މިހާރު ބަނދަރުކުރާ ސަރަހައްދު، ތިންރުއްޕާކް ތަރައްގީކޮށް އެތަން ޕާކެއްގެ ގޮތުގައި ހަދާއިރު، އެ ސަރަހައްދަށް ދާ އާންމުންނަށް އެ ތަން ހިތް ފަސޭހަ މާހައުލަކަށް ބަދަލުކުރުމުގެ ގޮތުންނެވެ.

ބާޖުތައް އެމްޕީއެލް ސަރަހައްދަށް ބަދަލުކުރަނީ ވަގުތީ ގޮތުންނެވެ. 

ހައުސިން މިނިސްޓަރު މުއިޒް ވިދާޅުވީ، ކުނި ބާޖުތައް އެމްޕީއެލް ސަރަހައްދަށް ވަގުތީ ގޮތުން ބަދަލުކުރި ނަމަވެސް، އެ ކަމަށް ދާއިމީ ހައްލެއް ވަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ. ކުނި ބާޖުތައް އާންމުންނަށް ދަތި ނުވާ ގޮތަކަށް ދާއިމީ ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް، މާފަންނުގައި އަލަށް ހަދާ އާޓިފިޝަލް ބީޗުގައި ބޮޑުހިލަ ޖަހައި ނިމުނުހާ އަވަހަކަށް ފަށާނެ ކަމަށާއި، އެމަސައްކަތް މިނިސްޓްރީގެ ބަޖެޓުގައި ވެސް ހިމަނާފައިވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިޒް ވިދާޅުވީ ކުނި ބާޖުތައް އާންމުންނަށް ދަތި ނުވާނެ ގޮތަކަށް ވަކި ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި ހަމަޖެހި، ކުރިއަށް އޮތް ހައެއްކަ މަސް ތެރޭގައި ފަށާނެ ކަމަށެވެ. 

މިނިސްޓަރު ތޯރިގް ވިދާޅުވީ، ވިލިނގިލީ ފެރީޓާމިނަލް ކައިރީގައި ކުނި ބާޖުތައް ބަނދަރުކޮށްފައި ހުންނާތީ އެ ޓާމިނަލަށްދާ އާންމުންނަށް އުނދަގޫވާތީ އެކަމުގެ ޝަކުވާ ގިނަ އަދަދަކަށް މިނިސްޓްރީތަކަށް ލިބެމުންދާ ކަމަށެވެ. އެހެންކަމުން ބާޖުތައް އެތަނުން އެހެން ތަނަކަށް ބަދަލުކުރުމަކީ ވިލިނގިއްޔަށް ދަތުރުކުރާ މީހުންނަށާއި، އެ ސަރަހައްދަށް ހިއްހަމަޖައްސާލަން ދާ މީހުންނަށް އުފާވެރިކަން ގެނުވައިދޭނެ ކަމެއް ކަމަށް ތޯރިގް ވިދާޅުވި އެވެ.

"އެ ސަރަހައްދު ރީތި ކުރަން މިދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން. އެހެންވީމަ މިއަދު މި ކުރެވުނު މަސައްކަތުން ކުރިއަށް އޮތް ހަމަސްދުވަހަށް އެ ބާޖުތައް ބާއްވާނީ އެމްޕީއެލް ސަރަހައްދުގަ. މީގެ ހައްލަކީ ކުރިއަށް އޮތްތަނުގައި މާލެ ސަރަހައްދުގެ ހުޅަނގުފަރާތް ހިއްކުމަށްފަހު އެތަނަށް ވޭސްޓްމެނޭޖްމަންޓްގެ ކަންކަން ބަދަލުކުރުން. މި ކަންކަން ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި ފެށުމަށް ޕްލޭންކޮށްފަ މި ވަނީ،" ތޯރިގް ވިދާޅުވި އެވެ.