ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

އަހަރު ނިމޭއިރު ކުޑަކުދިންގެ އާބާދީ 130،850 އަށް

May 11, 2022

މިއަހަރު ނިމޭއިރު ރާއްޖޭގެ އާބާދީގައި ހިމެނޭ މީހުންގެ ތެރެއިން 130،856 މީހުންނަކީ ކުޑަކުދިން ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަކޮށްފި އެވެ.

ރާއްޖޭގައި އިއްޔެ ފާހަގަކުރި ކުޑަކުދިން ދުވަހާ ގުޅުވައިގެން އާންމުކޮށްފައިވާ ތަފާސްހިސާބުތަކެއްގައި ބުނެފައިވަނީ މިއަހަރުގެ ނިޔަލަށް ރާއްޖޭގެ އާބާދީގައި ހިމެނޭ މީހުންގެ ތެރެއިން 130،856 މީހުންނަކީ 18 އަހަރު ދަށުގެ ކުޑަކުދިން ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 2،221 ކުދިންގެ އިތުރު ވުމެކެވެ.

ރާއްޖޭގެ މިހާރުގެ ޖުމްލަ އާބާދީގައި ކުޑަކުދިންގެ އަދަދަކީ 23 އިންސައްތަ އެވެ.

މިއަހަރުގެ ނިޔަލަށް އާބާދީގައ ހިމެނޭ ކުޑަކުދިންގެ ތެރެއިން 52 އިންސައްތަ ނުވަތަ 68،520 ކުދިންނަކީ ފިރިހެން ކުދިންނެވެ. އަންހެން ކުދިންގެ އަދަދަކީ 48 އިންސައްތަ އެވެ. އެއީ 62،335 އަންހެން ކުދިންނެވެ.

ކުޑަކުދިންގެ އާބާދީގެ 51،000 ކުދިން ދިރިއުޅެނީ ގްރޭޓާ މާލެ ސަރަހައްދުގަ އެވެ. އެއީ 26،576 ފިރިހެން ކުދިންނާއި 24،424 އަންހެން ކުދިންނެވެ. އަތޮޅުތެރޭގައި ދިރިއުޅެމުންދާ ކުދިންގެ އަދަދަކީ 79،855 އެވެ. އެއީ 41،944 ފިރިހެން ކުދިންނާއި، 37،911 އަންހެން ކުދިންނެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު ސްކޫލްތަކުގައި 89،485 ދަރިވަރުން ކިޔަވަމުން ދިޔަ އެވެ. އެންމެ ގިނަ ދަރިވަރުން ކިޔަވަމުން ދިޔައީ ޕްރައިމަރީ މަރުހަލާގަ އެވެ. އެއީ 50،725 ދަރިވަރުންނެވެ. ދެވަަނަ އަށް އެންމެ ގިނައީ ސެކަންޑަރީގައި ކިޔެވި ދަރިވަރުންނެވެ. އެއީ 18،105 ދަރިވަރުންނެވެ. ތިންވަނަ އަށް އެންމެ ގިނަ ދަރިވަރުން ޕްރައިމަރީގައި ކިޔެވިއިރު އެއީ 17،726 ދަރިވަރުންނެވެ. މިދިޔަ އަހަރު ނިިމުނުއިރު ހަޔާ ސެކަންޑަރީ މަރުހަލާގައިވެސް 2،917 ދަރިވަރުން ކިޔަވާފައިވެ އެވެ.

މިދިޔަ އަހަރު އެންމެ ގިނަ ކުޑަކުދިންނަށް ލިބިފައިވަނީ ޖިންސީ އަނިޔާ އެވެ. ދެވަނައަށް އެންމެ ގިނައިން ލިބިފައިވަނީ ޖިސްމާނީ އަނިޔާ އެވެ. ތަފާސްހިސާބުތަކުގައިވާ ގޮތުން އަނިޔާ ލިބުނު އަންހެން ކުދިންގެ ނިސްބަތް ހުރީ ވަރަށް މަތީގަ އެވެ.