މޯލްޑިވްސް ޕޮލިސް ސާވިސް

ފްލެޓް ލިބުނު ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދަނީ

May 11, 2022

ފްލެޓް ލިބިފައިވާ ކަމަށް ބުނެ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި މަކަރާ ހީލަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދަމުން ގެންދާތީ އެކަމަށް ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން ބުނީ ފްލެޓް ލިބުނު ކަމަށް ބުނެ މަކަރާ ހީލަތުން ފައިސާ ހޯދާފައިވާ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅަމުންދާ ކަމަށެވެ.

ފައިސާ ވަގަށް ނަގަނީ އީމެއިލް އެކްސެސް ހޯދައިގެން ކަމަށް ފުލުހުން ބުންޏެވެ. މީހުންނަށް ގުޅުމަށްފަހު އެމީހުންނަށް މިހާރު ޕޮއިންޓް ލިބިފައިވާވަރު ބުނެދެ އެވެ. އަދި ފްލެޓް ޔަގީން ކުރުމަށް ޕޮއިންޓް މަދުވާކަމާއި، އެހެންކަމުން އަލުން ރިވިއުކުރުމަށް ލިޔެކިއުންތައް ފޮނުވުމަށް ކަމަށް ބުނެ އީމެއިލް އެޑްރެސް ހޯދާކަމަށް ފުލުހުން ބުންޏެވެ.

އީމެއިލް އެޑްރެސް ދިނުމުން އެ އީމެއިލް އަށް އެޗްޑީސީގެ ނަމުގައި ލިސްޓު ފޮނުވުމަށްފަހު އެ ލިސްޓުގައި ޕޮއިންޓް ހިމެނުމަށް އީމެއިލްއަށް ވަނުމަށް ބޭނުންވާ ކަމަށް ބުނެ އެވެ. އަދި އީމެއިލް އަށް އެކްސެސް ދިނުމަށް، ފޯނަށް ނުވަތަ އެހެން ޑިވައިސްއަކަށް ނަމަވެސް ދާ ނޮޓިފިކޭޝަން އެޕްރޫވް ކުރުމަށް ކަމަށް ބުނެ އީމެއިލްއަށް އެކްސެސް ހޯދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެއަށްފަހު އެ އީމެއިލް މެދުވެރިކޮށް އިންޓަނެޓް ބޭންކިންއަށް ވަދެ އެކައުންޓުގައި ހުންނަ ފައިސާ އެ މީހުންގެ އެކައުންޓަށް ފޮނުވަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދިނެވެ.

ފުލުހުން ވަނީ ޒާތީ މައުލޫމާތާއި އޯޓީޕީ ނުވަތަ އެއް ފަހަރު ބޭނުންކުރެވޭ ޕާސްވޯޑް ފަދަ މުހިއްމު މައުލޫމާތު އެއްވެސް މީހަކަށް ހިއްސާ ނުކުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.

މަކަރާ ހީލަތުން ފައިސާ ހޯދާ މީހުން ގެންދަނީ އެކި ގޮތްގޮތުން ފައިސާގެ ހޯދައިގެން މީހުންނަށް ބޮޑެތި ގެއްލުންތައް ދެމުންނެވެ.