ހަބަރު

ބާޖްތައް ބަދަލު ކުރުމުން ގޮނޑުހޮވުމުގެ ވިޔަފާރި ހުއްޓުމަކަށް!

ކުނީގެ ގޮތުގައި ގޮނޑަށް އުކާލާ އެކި ބާވަތުގެ ސާމާނު ހޮވައިގެން އެތަކެތި ވިއްކުމުގެ ވިޔަފާރިއަކީ މާލޭގައި މިހާރު އާންމުވެފައިވާ ކަމެކެވެ. ކުނީގެ ގޮތުގައި އުކާލާތަކެތި ވިއްކާ މީހުން އެއެއްޗިހި ވިއްކަނީ، ގޮނޑުން ތަކެތި ހޮވުމަށްފަހު އެ އެއްޗިއްސަށް ކުދި ބަދަލުތައް ގެނައުމަށްފަހު ގަންނަ މީހުންނަށް އޭގެ އަސްލު އޮޅުވާލުމަށްފަހު ސެކަންޑް ހޭންޑް ގުޑްސް ގެ ގޮތުގައެވެ. އެއްވެސް ވަރަކަށް އޭގެ ސަބަބުން ދިމާވެދާނެ ސިއްހީ މައްސަލައަކަށް ނުވަތަ އެނޫން ގެއްލުމަކަށް ވިސްނުމެއް ނޯވެ އެވެ.

އެމްޕީއެލްއިން ބުނި ގޮތުގައި ގޮނޑުން ނަގައި ތަކެތި ވިއްކަމުންދާ ދިއުމަށް ވިލިމާލޭ ފެރީ ޓާމިނަލް ކައިރިއަށް ބަނދަރުކުރާ ކުނި ބާޖުތައް އެމްޕީއެލް ސަރަހައްދަށް ބަދަލުކުރުމުން ހައްލެއް އަންނާނެ އެވެ. ގޮނޑަށް އުކާލާ ކުނިން ވިޔަފާރި ކުރުން ހުއްޓުމަކަށް އަންނާނެ އެވެ.

ތިންރުއްޕާކު، ސުނާމީ ބިނާ ހިމެނޭ ހިތްފަސޭހަ މައިދާނަކަށް ބަދަލުކުރުމަށް ހައުސިން މިނިސްޓްރީން ފަށާފައިވާ މަޝްރޫއާ ގުޅިގެން، އެ ސަރަހައްދުގައި ހުރި ކުނި ބާޖުތައް މާދަމާއިން ފެށިގެން އެމްޕީއެލް ސަރަހައްދަށް ބަދަލު ކުރުމަށް ހައުސިން މިނިސްޓްރީން ނިންމީ މިއަދު އެވެ.

އެމްޕީއެލް އިން ބުނީ ކުނި ބާޖުތައް މީރުބަހުރު ބަނދަރަށް ބަދަލުކުރަން ނިންމީ ބާޖުތައް އެ ސަރަހައްދުގައި ބާއްވައިގެން އާންމުންނަށް ދަތި ނުވާ ގޮތަށް އެ މަސައްކަތް އެމްޕީއެލްއަށް ކުރެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ. ބާޖުތައް އެ ސަރަހައްދަށް ބަދަލުކުރުމުން، ބާޖުތަކަށް ކުނި އުފުލާ ލޮރީތައް އެ ސަރަހައްދަށް ވައްދާނީ ލޮރީ ނަންބަރު ނޯޓުކޮށް، ކުނީގެ ބާވަތާ، ބަލަންޖެހޭ އެހެންވެސް ކަންކަން ފުރިހަމަޔަށް ހުރިތޯ ބެލުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

"މީރުބަހުރު ބަނދަރުގައި ބާޖުތައް ބާއްވަން ނިންމީ އަޅުގަނޑުމެން ބެލި ބެލުމުން އެތަނުގަ އެއްވެސް ދައްޗެއް ނެތި ބާޖުތައް ބަނދަރުކުރެވޭނެ ކަމުގެ ޔަގީންކަން ލިބުމުން. ދެން، މީރުބަހުރު ބަނދަރަކީ ބޯޓުފަހަރުތައް ގިނައިން ހުންނަ ތަނަކަށް ވާތީ އެ ސަރަހައްދުގައި އުޅޭ މީހުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އަޅުގަނޑުމެން ނިންމާފައި މިވަނީ، އެތާނގައި ހުންނަ ބާޖުތަކަށް ކުނިވާ ޒާތުގެ ކުނި ނާޅަން،" އޮފިޝަލް ވިދާޅުވި އެވެ. "ހަމައެކަނި ބަރު ކުނި އެތަނަށް އަންނާނީ. އެކަން އަޅުގަނޑުމެން ވަރަށް ރަނގަޅަށް މޮނިޓާ ކުރާނަން. މިހެން ހެދީމަ ކުނި ހޮވައިގެން ކުނިން ވިޔަފާރި ކުރުން ވެސް ހުއްޓުމަކަށް އަންނާނެ،"

ކުނީގެ ގޮތުގައި ގޮނޑަށް އުކާލާތަކެތި ސެކަންޑް ހޭންޑް ސާމާނުގެ ގޮތުގައި ވިއްކާ ކަމުގެ ޝަކުވާ އިތުރުވަމުންދާއިރު، އެ ކަން ގިނައިން ކޮށް އުޅެނީ ބިދޭސީ މަސައްކަތު މީހުންނެވެ. ނަމަވެސް ބިދޭސީން ލައްވައި އެފަދަ މުދާ ވިއްކައިގެން ނަފާ ހޯދާ ދިވެހިންވެސް މަދެއް ނޫނެވެ. ގޮނޑު ހޮވައިގެން މާލޭގައި ވިޔަފާރިކުރާ މީހުން އާންމުކޮށް ވިއްކާ ސާމާނުގެ ތެރޭގައި ބާވެގެން އެއްލައިލާ އެނދާއި، އުނދުނާ، ހިފައިގެންގުޅޭ ބައެއް އާލާތްތައް ވެސް ހިމެނެއެވެ.

ކުނި ބާޖުތައް އެމްޕީއެލް ސަރަހައްދަށް ބަދަލުކުރަނީ ވަގުތީ ގޮތުންނެވެ. އެހެން ނަމަވެސް ދާއިމީގޮތެއްގައި ކުނި ބާޖުތައް ވަކި ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ހައެއްކަ މަހުގެ ތެރޭގައި ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. ކުނި ބާޖުތައް ބަނދަރުކުރުމަށް މާޅޭގެ ހުޅަނގު ފަރާތުން ބައެއް ހިއްކަން ވަނީ ނިންމާފަ އެވެ. އެތަން ހިއްކުމަށްފަހު ކުނި މެނޭޖްކުރުމާ ބެހޭ ހުރިހާ އޮފީހެއް އެތަނަށް ބަދަލުކޮށް، ބާޖުތައްވެސް އެތަނަށް ބަދަލުކުރާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.