މުހައްމަދު ނާޒިމް

ނާޒިމްގެ ތަޅުދަނޑިފަތި އޮންނަނީ ތަޅުނުލާ ތަނެއްގައިކަން އެނގޭނެ: ހެކިން

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށް ސާބިތުވެ، 11 އަހަރު ދުވަހަށް ޖަލަށްލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދަށު ކޯޓަށް ހުށަހެޅި ހެކިންގެ ތެރެއިން އެ ކޯޓަށް ހާޒިރުނުކުރާ ހެކިން، ހައި ކޯޓަށް ހާޒިރުކޮށް ހެކި ބަސް ނަގައިފިއެވެ.

ހައި ކޯޓުގައި މިހާރު ކުރިއަށް ނާޒިމްގެ އިސްތިއުނާފު މައްސަލައިގައި މިއަދު ބޭއްވި އަޑު އެހުމުގައި، ނާޒިމް މިނިސްޓަރުކަމުގައި ހުންނެވި ގެންގުޅުއްވި ދެ ޑްރައިވަރުންނާއި ދެ ސެކިއުރީޓީންގެ ހެކި ބަސް ވަނީ ނަގާފައެވެ. މީގެއިތުރުން ނާޒިމްގެ މައްސަލަ ތަހުގީގުކުރިއިރު ފިންގާ ޕްރިންޓް ރިޕޯޓް އެކުލަވާލި ސަބް އިންސްޕެކްޓަރު ހުޝާމަތު މުހައްމަދާއި އެސްއޯ ފުލުހުންގެ ޑިޕާޓްމެންޓް ހެޑް ޗީފް އިންސްޕެކްޓަރު އަހުމަދު މުސްލިމްގެ ހެކި ބަސް ވަނީ ނަގާފައެވެ.

ހެކިން ފާހަގަކުރި ބައެއް ކަންތައްތައް:

ނާޒިމްގެ ސެކިއުރިޓީ ހަސަން އިގްބާލް:
- ނާޒިމްގެ ކާރުކޮޅު ބޭނުންނުކުރާއިރު އޮންނަނީ ބަންޑާރަކޮށީގައިކަން
- ނާޒިމްގެ އެޕާޓްމެންޓް ތަޅުދަނޑި ކާރުކޮޅު ތެރޭގައި އޮންނަކަން
- ކާރުކޮޅު ބޭނުންނުކުރާއިރު ކާރުކޮޅުގެ ތަޅުދަނޑި މިނިސްޓްރީ ބިއުރޯ ތެރޭގައި ހުންނަ މޭޒެއްގެ ވަތްގަނޑެއްގައި އޮންނަކަން
- ބަޑި، ވަޒަން އަދި ކަޅު ދަބަހެއް ގެންގުޅޭ ތަން ފެނިފައިނުވާކަން

ނާޒިމްގެ ޑްރައިވަރު މުހައްމަދު ރިއްފަތު: (ރިއްފަތު ހެކި ބަސް ދީފައިވަނީ ވީޑިއޯ ކޮންފަރެންސް ކޮށް)
- ލެޕްޓޮޕް ދަބަހެއްގެ އިތުރުން އެހެން ދަބަހެއް ނުގެންގުޅޭކަން
- ކާރުކޮޅުގައި އެޕާޓްމެންޓްގެ ތަޅުދަނޑިއާއި އެކްސެސް ކާޑް އޮންނަކަން އަދި ކާރުކޮޅުގެ ތަޅުދަނޑި މިނިސްޓްރީ ބިއުރޯގެ މޭޒެއްގެ ވަތްގަނޑުގައި ބާއްވާކަން، އެ ވަތްގަނޑު ތަޅުނުލާކަމަށް ފާހަގަކުރި
- އެކިއެކި ބޭނުމަށް ނާޒިމްގެ ސެކްރެޓްރީ މުހައްމަދު ރަފީއު، ނާޒިމް ނޫޅުއްވަނީސް ވެސް ނާޒިމްގެ އެޕާޓްމެންޓަށް ވަންނަކަން
- ނާޒިމްގެ ކާރުކޮޅުގެ ތަޅުދަނޑި އޮންނަ ތަން މިނިސްޓްރީ ބިއުރޯގެ ހުރިހާ މުވައްޒަފުންނަށް އެނގޭނެކަން
- އެޕާޓްމެންޓްގެ ތަޅުދަނޑި އެހެން ފަރާތްތަކުގެ އަތުގައި ޖެހުމުގެ ފުރުސަތު އޮތްކަން

ނާޒިމްގެ ސެކިއުރިޓީ މޫސާ ރަޝީދު:
- ލެޕްޓޮޕް ދަބަސްގެ އިތުރުން އެހެން ދަބަހެއް ގެންގުޅުންތަން ނުފެންނަކަމާއި ބަޑިއެއް އަދި ވަޒަނެއް ގެންގުޅޭތަން ނުފެންނަކަން
- ނާޒިމްގެ ކާރުކޮޅުގައި އެޕާޓްމެންޓްގެ ތަޅުދަނޑި ބާއްވާކަން

ނާޒިމްގެ ޑްރައިވަރު އިސްމާއިލް ޝާމިން:
- ބަޑިއެއް ވަޒަނެއް ގެންގުޅޭތަން ނުފެންކަމާއި ލެޕްޓޮޕް ދަބަސްގެ އިތުރުން އެހެން ދަބަހެއް ނުގެންގުޅޭކަން
- ކާރުކޮޅުގެ ތަޅުދަނޑި ތަޅުނުލައި ވަތްގަނޑެއްގައި ބާއްވާކަން
- އެޕާޓްމެންޓްގެ ތަޅުދަނޑި ކާރުކޮޅުގައި އޮންނަކަން
- ކާރުކޮޅު އެއްފަހަރު ބަދަލުވެފައިވާކަން

ފިންގަޕްރިންޓް ރިޕޯޓް އެކުލަވާލި ސްބް އިންސްޕެކްޓަރު ހުޝާމަތު މުހައްމަދު:
- ހަތިޔާރު ފެނުނު ފިންގަޕްރިންޓާ ނާޒިމްގެ ފިންގަޕްރިންޓާ ދިމާނުވާކަމާއި އާއިލާ މީހަކާ ވެސް ދިމާނުވާކަން
- ނާޒިމް ގެއަށް ބަލައި ފާސްކުރުމަށް ދިޔަ ފުލުހުންގެ ފިންގަޕްރިންޓާއި ފުލުހުންގެ ޑޭޓާ ބޭސްގައި ހުރި ފިންގަޕްރިންޓާ ވެސް ދިމާނުވާކަން

އެސްއޯ ފުލުހުންގެ ޑިޕާޓްމެންޓްގެ ހެޑް ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު މުސްލިމް:
- ބަލައި ފާސްކުރަން ތަހުގީގުކުރުމަކީ ލާޒިމްކަމެއް ނޫންކަން
- ނާޒިމްގެ ގެ ބަލައި ފާސްކުރަން ސޯޓް ފުލުހުން އެކްޓިވޭޓްކުރީ އޭނާއަށް ނޭނގިކަމަށާއި އެކަން ކޮށްފައިވަނީ ސީޕީ ކަން
- ނާޒިމްގެ ގެއިން ފެނުނުފަދަ ފިސްތޯލް ފުލުހުން ނުގެންގުޅޭނެކަން
- ފުލުހުން ބޭނުންކުރާ ވެސްޓް އަކީ ބްލެޓް ޕްރޫފް އެއްޗެއްކަން ނުވަތަ ނޫންކަން ނޭނގޭކަން
- ސޯޓް ފުލުހުންނަށް މޫނު ފޮރުވައިގެން އޮޕަރޭޝަންތައް ހިންގޭނެކަން

ނާޒިމްގެ ފަރާތުން ފާހަގަކުރި ބައެއް ކަންތައްތައް:

ނާޒިމްގެ ގާނޫނީ ވަކީލާ އައިޝަތު ޝީޒާ:
- އެޕާޓްމެންޓަށް އެތައް ބަޔަކަށް އެކްސެސް އޮންނަކަން ހެކިން ފަރާތުން އެނގިފައިވާ ކަމަށާއި ކާރުކޮޅު ނުދުއްވާ ގަޑީގައި ބީކޭގައި އޮންނަކަން
- ކާރުކޮޅުގެ ތަޅުދަނޑި ތަޅުނުލާ ވަތްގަނޑަކަށް ލާކަން ހެކި ބަހުން އެނގޭކަން
- ނާޒިމްގެ ސެކްރެޓްރީ މުހައްމަދު ރަފީއުއަށް ނާޒިމްގެ އެޕާޓްމެންޓަށް ވަނުމަށް އެކްސެސް އޮންނަކަން އަދި ވަންނަކަން ހެކި ބަހުން އެނގޭކަން
- ޑްރައިވަރުންނާއި ސެކިއުރީޓީން ޗުއްޓީ ނަގައި އެމީހުން ރިޕްލޭސްކޮށްފައިވާކަން
- ނާޒިމް ރަށުން ބޭރަށް ވަޑައިގަންނަވާއިރު ވެސް ކާރުކޮޅުގައި އެޕާޓްމެންޓްގެ ތަޅުދަނޑި އޮންނަކަން ހެކިން ހެކި ބަހުން އެނގޭކަން
- ނާޒިމްގެ ގެއިން ފެނުނު ހަތިޔާރުގައި ހުރި ފިންގަ ޕްރިންޓާއި ނާޒިމާއި އަދި ނާޒިމްގެ އާއިލާއާ ވެސް ގުޅުމެއްނެތްކަން
- ނާޒިމްގެ ގެ ބަލައި ފާސްކުރިއިރު ވީޑިއޯކޮށްފައިނުވާކަން

ހެކިން ހެކި ބަހާއި ގުޅޭގޮތުން ދައުލަތުގެ ފަރާތުން އެއްޗެއް ބުނުމަށް ފުރުސަތު ދިނުމުން ދައުލަތުގެ ވަކީލް ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު އާރިފް ވިދާޅުވީ، ދައުލަތަށް ފާހަގަވި ކަންތައްތައް ހާމަކުރާނީ ހުލާސާ ބަޔާން އިއްވާއިރު ކަމަށެވެ.

މިއަދުގެ އަޑު އެހުމުގެ އިސް ފަނޑިޔާރުކަން ކޮށްދެއްވި ފަނޑިޔާރު އަބްދުއްރައުފް ވިދާޅުވީ، އަންނަ ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހުގެ 13:15 ގައި އިސްތިއުނާފުގެ ފަހު އަޑުއެހުން ކުރިއަށްދާނެ ކަމަށެވެ. އެ އަޑު އެހުމުގައި ދެ ފަރާތަށް ހުލާސާ ބަޔާން އިއްވުމަށް 20 މިނެޓްގެ ވަގުތެއް ދޭނެއެވެ.