ހަބަރު

ކޯޕަރޭޓް ރެޒިޑެންޓް ވިސާ އަށް ފަރާތަކަށް ދޫކޮށްފި

  • ދެ ފަރާތެއްގެ އެޕްލިކޭޝަން ރިވިއު ކުރޭ
  • އެ ވިސާގެ ދަށުން ބޮޑެތި އިނާޔަތްތައް ލިބޭ
  • 50 މިލިއަން ޑޮލަރުން މަތީގެ އިންވެސްޓްމަންޓްތަކަށް ލިބޭ

ރާއްޖެއަށް 50 މިލިއަނަށް ޑޮލަރު ވުރެ ބޮޑެތި އިންވެސްޓްމަންޓްތައް ކުރާ ބޭރުގެ ފަރާތްތަކަށް ހާއްސަކޮށްގެން ބޮޑެތި އިނާޔަތްތަކަކާ އެކު، ތައާރަފްކޮށްފައިވާ، ކޯޕަރޭޓް ރެޒިޑެންޓް ވިސާ، އަށް ފަރާތަކަށް ދޫކޮށްފައިވާކަމަށް އިމިގްރޭޝަން ޑިޕާޓްމަންޓުން ބުނެފި އެވެ.

ކޯޕަރޭޓް ރެޒިޑެންޓް ވިސާ ޕްކޭޖް އިމިގްރޭޝަނުން ތައާރަފްކުރީ މިއަހަރުގެ އެޕްރިލް މަހުގެ ތެރޭގަ އެވެ. އިންވެސްޓްމަންޓެއް ރާއްޖޭގައި ކުރާހާ ހިނދަކު އޭނާއަށް ރާއްޖޭގައި ދާއިމީކޮށް ހުރެވޭނެ އެވެ.

"އަވަސް" އަށް މައުލޫމާތު ދެއްވަމުން އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސާ ހަސަން ހަލީލް ވިދާޅުވީ، މިހާތަނަށް ކޯޕަރޭޓް ރެޒިޑެންޓް ވިސާއަށް އެދި 10 ފަރާތަކުން އިމިގްރޭޝަނަށް ހުށަހެޅި ކަމަށެވެ. ނަމަވެސް ބަލަން ޖެހޭ އެކި ބެލުންތައް ބެލުމަށް ފަހު ވިސާ ދޫކުރީ ޖުމްލަ އަށް ފަރާތަކަށް ކަމަށް ހަލީލް ވިދާޅުވި އެވެ. އަދި އަނެއް ދެ ފަރާތުގެ މައުލޫމާތު އިތުރަށް ސާފު ކުރުމަށް އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ދެ ފަރާތެއްގެ ފޯމް މިހާރު ވަނީ އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވާފައި،" ހަލީލް ވިދާޅުވި އެވެ. ވިސާ ދޫކުރި ފަރާތްތަކާ ބެހޭ ތަފްސީލު އިމިގްރޭޝަނުން މިއަދު ނުދިނެވެ.

ކޯޕަރޭޓް ރެޒިޑެންޓް ވިސާ ކާޑް ލިބޭ ފަރާތްތަކަށް ލިބޭ އިނާޔަތްތަކުގެ ތެރޭގައި އެއާޕޯޓް ވީއައިޕީ ލައުންޖުން ހިލޭ ބޭނުން ކުރެވުމާއި ޑިއުޓީ ފްރީކޮށް އަމިއްލަ ބޭނުމަށް ގެންނަ ތަކެތި އެތެރެ ކުރެވުން ފަދަ ކަންތައްތައް ހިމެނެ އެވެ. މިއަހަރު ވިސާ ދޫކުރި ބައެއް ކުންފުނިތަކުގެ ތެރޭގައި ދިރާގުގެ ހިއްސާ އޮންނަ ބަޓެލްކޯ ކުންފުންޏާއި އެޗްޑީއެފްސީ އާއި ޓީއެމްއޭ އާއި މޮރިޝަސް ކޮމާޝަލް ބޭންކާއި ހިޓާޗީ ކުންފުނިހިމެނެ އެވެ.

އެ ވިސާ ލިބޭ އެހެން ފަރާތްތަކުގެ ތެރޭގައި ރާއްޖޭގެ ރިއަލް އެސްޓޭޓް ދާއިރާއަށް އެއް މިލިއަން ޑޮލަރަށްވުރެ ގިނައިން އިންވެސްޓުކުރާ ފަރާތްތަކަށާއި، ރާއްޖޭގައި ބޭންކެއްގައި ދެ އަހަރު ދުވަހުގެ މުއްދަތަކަށް އެއް މިލިއަން ޑޮލަރު ބަހައްޓާ ފަރާތްތައް އަދި މާލީ އިންވެސްޓްމަންޓަށް އެއް މިލިއަން ޑޮލަރަށް ވުރެ ގިނައިން އިންވެސްޓް ކުރާ ފަރާތްތަކަށް ވެސް ވަކި ހާލަތްތަކެއްގައި އެ ވިސާ ދޫކުރާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.